އަޑުއެހުން ކެންސަލްވެ މެމްބަރު ޖާބިރު ދޫކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު، އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ހައްޔަރުކޮށްގެން ސިވިލް ކޯޓަށް ގެންދިޔުމަށް ފަހު ދޫކޮށްލައިފިއެވެ.
ވީނިއުސްއަށް މައުލޫމާތު ދެމުން ފުލުހުންގެ އިދާރާއިން ބުނީ މެމްބަރު ޖާބިރު ދޫކޮށްލީ ސިވިލް ކޯޓުގައި އޮތް އަޑުއެހުން ކެންސަލް ކުރުމުން ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ޖާބިރުގެ ހައްޔަރު ކުރީ ޔޮޓް ޓުއާސް މޯލްޑިވްސްއާ ދެކޮޅަށް މީހަކު ހުށަހަޅާފައިވާ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައެއްގައި ކޯޓަށް ހާޒިރުކުރުމަށެވެ. އެ އަމުރު ނެރެފައި ވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.
ޖާބިރު ހައްޔަރު ކުރީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ލިބިދޭ އިމްތިޔާޒުގެ ގާނޫނުގެ 13 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނެވެ. އެ މާއްދާގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ކުރަނިކޮށް މެމްބަރަކު ހިފިއްޖެ ހިނދަކު މެނުވީ ސުޕީރިއާ ކޯޓެއްގެ އަމުރަކާ ނުލައި މެމްބަރަކު ހައްޔަރުކޮށްގެންނުވާނެ ކަމަށެވެ.
މައުލުމާތު ލިބޭގޮތުގައި ޖާބިރު ހައްޔަރުކުރުމުގެ އަމުރެއް އެ ކޯޓުން ނެރުނީ، ކޯޓަށް ހާޒިރު ކުރަން ނެރެފައިވާ އަމުރެއް ތަންފީޒު ކުރުމުގެ ގޮތުންނެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އޭނާ ހައްޔަރުކުރިކަން ރައްޔިތުންގެ މަޖިލީހަށް އަންގާފައެވެ.
ސިވިލް ކޯޓެއްގެ އަމުރެއްގެ ދަށުން ޖާބިރު ހައްޔަރު ކުރި އިރު، އޭނާއާ ގުޅޭ ގިނަ ޝަކުވާތަކެއް ސޯޝައަލް މީޑިއާގައި އެކި ފަރާތްތަކުން އަންނަނީ ކުރަމުންނެވެ. އޭނާއާ ގުޅޭ ބައެއް މައްސަލަތައް ކޯޓު ތަކަށާއި ފުލުހުންނަށް ވެސް ހުށަހަޅާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ