ޕީޕީއެމްގެ ތެރޭގައި ބޮޑެތި ކޯޅުންތަކެއް އުފެދިފައިވަނިކޮށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެމަނިކުފާނުގެ އަރިސް ބައެއް ބޭފުޅުންނާ އެކު ބޭއްވި ބައްދަލުވުން ނިންމާލައިފި އެވެ.
މީގެ ގަޑިއެއްހާ އިރު ކުރިން ފެށުނު ބައްދަލުވުން މީގެ އިރުކޮޅެއް ކުރިން ނިންމާލާފައިވީ ނަމަވެސް މިބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންކަމުގެ މައުލޫމާތު ވަނީ ލިބޭ ގޮތް ނުވެފަ އެވެ. ނަމަވެސް ޕީޕީއެމްގެ ތެރޭގައި މިހާރު އުފެދިފައިވާ މައްސަލަތަކާއި އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާ ކުރެވުނު ކަމަށް އިތުބާރު ހުރި ބައެއް ބޭފުޅުންގެ ފަރާތުން ވަނީ މައުލޫމާތު ލިބިފަ އެވެ. އަދި މައުމޫނަށް ލަފާދޭ ހަތް މެންބަރުންގެ ކޮމިޓީއެއް އުފައްދާފައިވާ ކަމަށްވެސް މައުލޫމާތު ލިބެ އެވެ.
މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ޕީޕީއެމްގެ އޮފީހުން ނިކުންނެވި ވަގުތު ނޫސްވެރިން ސުވާލުކުރެއްވުމުން އެއްވެސް ބޭފުޅަކު ނުސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވާފައެއް ނުވެ އެވެ.
ޕީޕީއެމްގެ އޮފީހުން ނިކުންނަވަމުން ކާރަށް އަރާވަޑައިގަންނަވަމުން ރައީސް މައުމޫން ހަމައެކަނި ވިދާޅުވީ "ހުރިހާ ބޭފުޅުންނަށް އީދުމުބާރިކް" މިފަދައިންނެވެ. އިތުރު އެއްޗެއް ވިދާޅުނުވެ މައުމޫން މިހާރު ވަނީ ކާރުގައި ވަޑައިގެންފަ އެވެ.
މިބައްދަލުވުމުގައި ދާދިފަހުން ހޯމް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ޕީޕީއެމްގެ ކުރީގެ ނައިބް ރައީސް އުމަރު ނަސީރު އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަހްމަދު ޒާހިރު (ސީނާ ޒާހިރު)އާއި ކުރީގެ ވަޒީރު ރާޝިދާ ޔޫސުފާއި ރައީސް މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެންބަރު ފާރިޝް މައުމޫނާ ރައީސް މައުމޫނަށް ވަފާތެރި ޕީޕީއެމްގެ ކައުންސިލްގެ ބައެއް މެންބަރުން ވެސް ބައިވެރިވެ އެވެ.
މިބައްދަލުވުމުގެ މައުލޫމާތު ދިނުމަށް މިރޭ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށްވެސް މައުލޫމާތު ލިބެ އެވެ.
އަރިސް ބޭފުޅުންނާއެކު މައުމޫން ބޭއްވި ބައްދަލުވުން ނިންމާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ