ޕީޕީއެމް އިސްލާހުކުރުމުގެ ޕްރޮގްރާމެއް ފަށާފައިވާތީ ޕާޓީގެ އެއްވެސް ކޮމިޓީއެއް ނުބާއްވާ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަންގަވާފައިވާ އެންގެވުން ނިމުމަކަށް ގެނެސް ޕާޓީގެ ޕާޓީގެ ގުނަންތަކާއި ކޮމެޓީތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ހުއްދަ ރައީސް މައުމޫން ދެއްވައިފިއެވެ.
ރައީސް މައުމޫން ވަނީ މި ހުއްދަ މިރެއިން ފެށިގެން ދެއްވާފައިވާކަން ހާމަކުރައްވާ މެސެޖެއް އާންމުކުރައްވާފައެވެ.
އެ މެސެޖުގައި ވިދާޅުވެފައިވަނީ ޕާޓީގެ ގުނަންތަކާއި ކޮމެޓީތަކުގެ މަސައްކަތް ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ކުރިއަށް ގެންދެވޭނެކަމަށެވެ. އެގޮތުން ޕާޓީގެ އަސާސީ ގަވާއިދާ ހިންގާ ގަވާާއިދާ އެެއްގޮތަށް މިއަދުން ފެށިގެން ކޮމެޓީތަކާއި ޕާޓީގެ ގުނަންތަކުގެ މަސައްކަތް ކުރިއަށް ގެންދެވޭނެކަމަށް ރައީސް މައުމޫން ވިދާޅުވެފައެވެ.
ޕީޕީއެމްގެ ގުނަންތަކާއި ކޮމެޓީތަކުގެ މަސައްކަތް ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ކުރިއަށް ގެންދެވޭނެކަމަށް ރައީސް މައުމޫން ވިދާޅުވެފައިވާއިރު، މީގެ ކުރިން އެމަނިކްފާނު ވަނީ ޕާޓީގެ އެއްވެސް ކޮމެޓީއެއް އެމަނިކްފާނުގެ ހުއްދަ ހޯއްދެވުމެއްނެތި ނުބޭއްވުމަށް އަންގާފައެވެ. އަދި ޕީޕީއެމްގެ ނާއިބް ރައީސް އަބުދުއްރަހީމް އަބުދުﷲގެ ބާރުތައް ހަނިކޮށް ޕާޓީގެ ހުރިހާ ބާރެެއް އެމަނިކްފާނުގެ އަތްޕުޅަށް ނަންގަވާފައެވެ.
އަދި ރައީސް މައުމޫންގެ މި ނިންމެވުމާއި ހިލާފަށް ޕާޓީގެ އޮފީހުން ބޭރުގައި ސުލޫކް ކޮމެޓީން ވަނީ ބައްދަލްވުމެއް ބާއްވާ ރައީސް މައުމޫންގެ ދޮށީ ދަރިކަލުން ފާރިޝް މައުމޫނާއި، ސިޓީ ކައުންސިލް މެންބަރު ޒައިދުލް އަމީނާއި، ކައުންސިލް މެންބަރު އައިމިނަތު ނާދިރާ ޕީޕީއެމްއިން ވަކިކުރުމަށްވެސް ނިންމާފައެވެ. އަދި އެ ނިންމުން ތަންފީޒުކޮށްދިނުމަށް އެދި ސުލޫކް ކޮމެޓީން ވަނީ ޕީޕީއެމްގެ އޮފީހަށް ސިޓީވެސް ފޮުނުވާފައެވެ.
މީގެ އިތުރަށް ޕީޕީއެމްގެ އެތެރޭގެ އަހްލާގު ގެއްލިފައިވާ ކަމަށް ވިދާޅުވެ އެޕާޓީ އިސްލާހުކުރުމަށް އެމަނިކުފާނު އިސްވެ ހާއްސަ މަސައްކަތްތަކެއް ވަނީ ފައްޓަވާފައެވެ. އެގޮތުން ފަސް ފިޔަވައްސަކަށް ބަހާލައިގެން ރައީސް މައުމޫން ވަނީ އިސްލާހީ އެޖެންޑާއެއް އެކުލަވާލައްވާފައެވެ.
އެކަމަކު ޕީޕީއެމްގެ ޕީޖީ ގުރޫޕުން ވަނީ ރައީސް މައުމޫން ޕާޓީގެ ހިންގުން ހުއްޓުވާފައިވާ ކަމަށް ވިދާޅުވެ އިސްލާހީ އެޖެންޑާއަށް ފާޑުވިދާޅުވެފައެވެ. އަދި ރައީސް މައުމޫންގެ އިސްލާހީ އެޖެންޑާ ބާތިލްކޮށްދިނުމަށް އެދި ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ތިން މެންބަރަކު މިހާރު ވަނީ އެ މައްސަލަ ސިވިލް ކޯޓަށްވެސް ހުށައަޅާފައެވެ.
ޕީޕީއެމްގެ ގުނަންތަކާއި ކޮމެޓީތަކުގެ މަސައްކަތް ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ކުރިއަށް ގެންދެވޭނެކަމަށް ރައީސް މައުމޫން ވިދާޅުވެފައިވާއިރު އެމަނިކްފާނު ތިން ފަހަރެއްގެ މަތިން އެދިވަޑައިގަތުމުންވެސް ރައީސް ޔާމީން އެމަނިކްފާނާއި ބައްދަލްކުރައްވާފައިނުވާކަމަށް ޕީޕީއެމްގެ އިސް ބޭފުޅަކު ވަނީ ވިދާޅުވެފައެވެ. އަދި ޕާޓީގެ ތެރޭގައި ހިޔާލް ތަފާތުވުންތައް ބޮޑުވެ ރައީސް މައުމޫނަށް އަދިވެސް ޕާޓީގެ ޕީޖީ މެންބަރުންނާއި، ބައެއް ވަޒީރުން ގެންދަވަނީ ފާޅުގައި ފާޑުވިދާޅުވަމުންނެވެ.
އެހެންކަމަށްވީއިރު، ހުއްޓުވާފައިވާ ޕީޕީއެމްގެ ގުނަންތަކާއި ކޮމެޓީތަކުގެ މަސައްކަތް އަލުން ކުރިއަށް ގެންދެވުމުގެ ހުއްދަ ރައީސް މައުމޫން ދެއްވި ވަކި ސަބަބެއް އެޕާޓީން ހާމަކޮށްފައެއް ނުވެއެވެ.
ޕީޕީއެމްގެ ކޮމެޓީތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ހުއްދަ މައުމޫން ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ