މަޖިލީހަށް ހާޒިރު ނުވާ މެމްބަރުންގެ މުސާރައިން ކެނޑުމާ ބެހޭ ބިލެއް ހުށަހަޅަނީ

މަގުބޫލު އުޒުރަކާ ނުލައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ވަޑައިނުގަންނަވާ މެމްބަރުންގެ މުސާރަ އިން ކެނޑޭނެ ގޮތް ބަޔާންކުރާ ބިލެއް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ފޭދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ދީދީ ވިދާޅުވެއްޖެ އެވެ. "ހަވީރާ" ވާހަކަ ދައްކަވަމުން މި ހަފުތާގައި އޭނާ ވިދާޅުވި ގޮތުގައި މަގުބޫލު އުޒުރެއް ނެތި މެމްބަރުން ސަލާމް ވިދާޅުވެ ޖަލްސާތަކަށް ވަޑައިނުގަތުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. "މަގުބޫލު ސަބަބެއް ނެތި މެމްބަރު މަޖިލީހަށް ހާޒިރު ނުވެ، ބޭނުން އިރަކު ޗުއްޓީ ހަދާފައި ވަޑައިގަތުމަކީ އަޅުގަނޑު ގަބޫލުކުރާ އުސޫލެއް ނޫން. ސިވިލް ސާވިސް މުވައްޒަފުންނަށް ބަލާއިރު ވެސް އެބޭފުޅުންނަށް ސަލާމް ބުނެވެނީ ވެސް މަގުބޫލު ސަބަބެއް އޮވެގެން. ހާޒިރު ނުވާ ދުވަހަކަށް އެ މުވައްޒަފުންގެ މުސާރައިން ކެނޑޭ. އަޅުގަނޑުގެ ސުވާލަކީ ރައްޔިތުންނަށް ހިދުމަތް ކުރަން ތިބި މެމްބަރުންނަށް ވެސް އެ އުސޫލު ހިނގަން ވާނެއޭ. މަޖިލީހުގެ މެމްބަރުން މިކަމުން އިސްތިސްނާ ވެގެން ނުވާނެ،" ދީދީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މަޖިލީހުގެ މެމްބަރުން ޗުއްޓީ ނެންގެވުމާއި ސަލާމް ވިދާޅުވުމުގެ އުސޫލެއް މިހާރު ނެތުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އަދި ދީދީ ހުށަހަޅުއްވާ އެ ބިލްގެ ތެރެއިން އެކަންކަން ހަމަޔަކަށް އެޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.ދީދީ ވިދާޅުވި ގޮތުގައި ބިލް އެކުލަވާލާނީ ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުންނާ ވެސް މަޝްވަރާ ކުރެއްވުމަށް ފަހު އެވެ. އަދި ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅުއްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ. ދީދީ ކުރިން ވިދާޅުވި ގޮތުގައި މަޖިލީހުގައި މަސައްކަތް ކުރައްވާ ޕީޕީއެމް މެމްބަރުންގެ މުސާރަ އާއި އެލަވަންސް އިން 10 ޕަސެންޓް އުނިކުރެއްވުމަށް މުސާރަ ނެންގެވުމަށް އެ ޕާޓީގެ ޕީޖީ ގުރޫޕްގައި ވަނީ މަޝްވަރާ ކޮށްފަ އެވެ. އަދި އެކަމަށް ގާތްގަނޑަކަށް ހުރިހާ މެމްބަރުން އެއްބަސްވެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ