ސިފައިންނާއި، ފުލުހުންގެ ތާއީދެއް ރައީސް ޔާމީނަކަށް ނެތް: އަބްދުﷲ ރިޔާޒް

ޤާނޫނާއި ހިލާފަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ހައްޔަރުކުރެއްވުމަށްފަހު ރައީސް އަބްދުﷲ ޔާމީން "ބޮލަށް ތެޔޮ އަރައިގެން" އުޅުއްވާށް ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.
 
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޖަލްސާގައި ހޮނިހިރު ދުވަހުގެ ރޭ ވާހަކަދައްކަވަމުން އަބްދުﷲ ރިޔާޒް ވިދާޅުވީ، ފުލުހުންނާއި ސިފައިންގެ އެއްވެސް މިންވަރެއްގެ ތާއީދެއް ރައީސް އަބްދުﷲ ޔާމީނަށް ނެތް ކަމަށެވެ. އަދި ތާއީދު ނެތުމުގެ ސަބަބުން ރައީސް އަބްދުﷲ ޔާމީން ގޯސްތައް ހައްދަވަމުންގެންދަވާކަމަށް ރިޔާޒް ވިދާޅުވި އެވެ.
 
ރިޔާޒް ވިދާޅުވީ، ފުލުހުން ލައްވާ ޤާނޫނާއި ހިލާފަށް ކުރާކަންތައްތައް ފުލުހުންގެ ވެރިންނަށް އެނގޭކަމަށާއި، އެކަމާއި ދެކޮޅަށް ފުލުހުންގެ ވެރިންވެސް ތެދުވަމުންގެންދަވާކަމަށެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ހައްޔަރުކޮށްފައިވަނީ ޤާނޫނީ އިމުގެ ބޭރުންކަމަށް ގިނަ ފުލުހުންގެ އިސްވެރިން ޤަބޫލުކުރާކަމަށް އަބްދުﷲ ރިޔާޒް ވިދާޅުވި އެވެ.
 
 ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ގާޒީ، އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ޤާނުނީ އިމުގެ ބޭރުން ހައްޔަރުކުރިކަމަށް ބުނެ އޭރުގައި ދައުލަތުގެ އިދާރާތަކުން ތެދުވިގޮތަށް މިއަދު ތެދުނުވަނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ. އަދި އަބްދުﷲ ގާޒީ ދޫކޮށްލުމަށް އަމުރު ނެރުނުގޮތަށް، އަމުރެއް ނެރުމަށް އަބްދުﷲ ރިޔާޒް ވަނީ ސުޕްރީމް ކޯޓަށް ގޮވާލައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ