މާރާމާރީ ހިންގުމާއި ރަހީނު ކުރުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ޕީޕީއެމްގެ ކައުންސިލް މެމްބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރީ ގާނޫނާއި ޚިލާފަށް ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.
ފުލުހުން ބުނެފައި ވަނީ ސަލީމް ހައްޔަރުކުރީ ހުޅުލެ އާއި މާލެއާ ދެމެދު ދަތުރުކުރާ ފެރީއެއްގެ ކެޕްޓަނަކު އޭނާގެ އައިޕެޑެއް ވަގަށް ނެގި ކަމަށް ތުހުމަތުކޮށް އެ ފެރީ ތެރޭގައި ކެޕްޓަނާ މާރާމާރީ ހިންގުމުގައި ސަލީމް ބައިވެރިވެފައިވާތީ ކަމަށެވެ. އަދި މާރާމާރީ ހިންގަން ފެށުމުން އެހެން ކެޕްޓަނަކު ދެ ފެރީއަށް އަރައި އެ ފެރީ ތޮށިގަނޑުން ބޭރުކުރުމުން އެ ކެޕްޓަނަށް ވެސް ސަލީމާއި އޭނާއާ އެކު ދިޔަ މީހުން ބިރު ދައްކައި އަދި ބާރުގެ ބޭނުންކޮށްގެން އެ ފެރީ ހުޅުލެއަށް ގެންދިޔަ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
އެ މައްސަލައިގައި ހައްޔަރުކުރި ސަލީމް ދޫކޮށްލުމަށް ކޯޓުން ނެރުނު އަމުރު އިސްތިއުނާފްކޮށް މިއަދު ބޭއްވި ޝަރީއަތުގައި ދައުލަތުގެ ވަކީލް ވިދާޅުވީ ސަލީމް ދޫކޮށްލީ ގާނޫނު އަސާސީގެ 49 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ. އަދި ހެކި ނެތް ކަމަށް ބުނެ ކޯޓުން އޭނާ ދޫކޮށްލި ނަމަވެސް އެކަށީގެންވާ ހެކި ނެތަސް ތުހުމަތު ކުރެވޭ ކުށުގެ ޒާތަށް ބަލަންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށް ވަކީލާ ވިދާޅުވި އެވެ. އަދި ބަންދާ މެދު ގޮތެއް ނިންމާއިރު ބަލަންޖެހޭނީ އެ މީހެއްގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް ސާބިތު ކުރެވޭ ވަރަށް ހެކި ހުރިތޯ ނޫން ކަމަށާއި އެފަދަ ހާލަތެއްގައި ބަލަންޖެހޭނީ އެފަދަ ތުހުމަތެއް ކުރެވޭ ވަރުގެ ހެކި ހުރިތޯ ކަމަށް ހައި ކޯޓުން ނިންމާފައިވާކަން ވެސް ވަކީލާ ފާހަގަކުރެއްވި އެވެ. އަދި އެ މިންވަރަށް ސަލީމާ ދެކޮޅަށް ހެކި ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ވަކީލާ އިތުރަށް ވިދާޅުވީ ސަލީމާ އެކު އެ މައްސަލައިގައި ދެން ހައްޔަރުކުރި ފަސް މީހުންގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކުރީ އެ މީހުންގެ ފަރާތުން ހެކި ނައްތާލުމާއި މުޖްތަމައަށް ނުރައްކާވުމުގެ ބިރު އޮތުމުން ކަމަށް ކޯޓު އަމުރުގައިވާ ކަމަށެވެ. އަދި އެ ހާދިސާއަކީ ސަލީމްގެ އައިޕެޑެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެން ހިނގި ކަމަކަށްވާއިރު ސަލީމްގެ ފަރާތުން ވެސް ހެކި ނައްތާލުމާއި މުޖްތަމައަށް ނުރައްކާވުމުގެ ބިރު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން އޭނާ އެދިވަޑައިގަތީ ސަލީމް ދޫކޮށްލަން ކުރި އަމުރު ބާތިލްކޮށް ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި 15 ދުވަހަށް ސަލީމް ބަންދުކުރުމަށް އަމުރުކޮށް ދިނުމަށެވެ. އަދި ބަންދާ މެދު ގޮތެއް ނިންމުމުގައި ފަނޑިޔާރުން ބަލަންޖެހޭނީ ހަމައެކަނި ތުހުމަތު ކުރެވޭ ވަރުގެ ހެކި ހުރިތޯ އެކަނި ކަމަށް ކަނޑައަޅައި ދިނުމަށް ދައުލަތުން އެދުނެވެ.
ދައުލަތުގެ އެ ވާހަކަތަކާ ގުޅިގެން ސަލީމްގެ ވަކީލް އާދަމް އާސިފް ވިދާޅުވީ މީހަކު ބަންދުކުރަންޖެހޭ ފަދަ ސަބަބެއް އޮތްކަން ނުވަތަ ނޫންކަން ނިންމުމަކީ ފަނޑިޔާރުގެ ބާރުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި ކްރިމިނަލް ކޯޓުން ސަލީމް ދޫކޮށްލީ ސަލީމާ ދެކޮޅަށް ތުހުމަތެއް ކުރެވޭ ވަރުގެ ހެއްކެއް ވެސް ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސަލީމާ ދެކޮޅަށް ތަހުގީގަށް ހެކިބަސް ދީފައިވަނީ އައިޕެޑް ވަގަށް ނެގި ކަމަށް ބުނާ ފެރީގެ ފަޅުވެރިން ކަމަށާއި އެ މީހުންނަކީ އެކަމުގައި ބައިވެރިވި މީހުން ކަމަށްވާތީ އެ މީހުންގެ ބަސް ގަބޫލު ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ އައިޕެޑަކީ ސަލީމްގެ އައިޕެޑެއް ކަމަށް ދައުލަތުން ބުނާ ބުނުން އޭނާގެ ވަކީލް ވަނީ ދޮގުކޮށްފަ އެވެ. އޭނާ ވިދާޅުވީ އެ އައިޕެޑަކީ ސަލީމްގެ ދަނބިދަރިފުޅު އޭނާގެ އަންހެނުންނަށް ގެނައި އައިޕެޑެއް ކަމަށެވެ. އަދި ސަލީމް ހައްޔަރުކުރަން ފުލުހުން އުޅެނީ ސަރުކާރަށް ފާޑު ކިޔާތީ ސިޔާސީ ބޭނުމެއްގައި ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.
އެހެންކަމުން ސަލީމްގެ ފަރާތުން އެދުނީ އޭނާ ބަންދުން ދޫކުރުމަށް ކޯޓުން ނެރުނު އަމުރު ރަނގަޅު ކަމަށް ކަނޑައަޅައި އޭނާ ބަންދުގައި ބަހައްޓަންޖެހޭ ތަނެއް ނެތް ކަމަށް ނިންމައި ދިނުމަށެވެ.
މިއަދުގެ އަޑުއެހުން ނިންމާލަމުން ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު އައްބާސް ޝަރީފް ވިދާޅުވީ އެ މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށާއި އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ ދެން އޮންނާނީ މައްސަލަ ނިންމުން ކަމަށެވެ. އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު އައްބާސްގެ އިތުރުން ފަނޑިޔާރު އަބްދުއްރައޫފާއި ފަނޑިޔާރު އަލީ ސަމީރެވެ.
ސަލީމް ދޫކޮށްލަން ކޯޓުން އަމުރުކުރީ ގާނޫނާއި ޚިލާފަށް: ދައުލަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ