ބޭރުގެ ފަރާތްތަކުން ފާޑުކިޔަމުންދަނީ ހަގީގަތް ނުބަލައި: މައުމޫން
ރާއްޖޭގެ އެކި ކަންތައްތަކާ ބެހޭގޮތުން ބޭރުގެ އެކި ފަރާތްތަކުން ފާޑުކިޔަމުންދަނީ ހަގީގަތް ބެލުމެއް ނެތި ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ. ސިންގަޕޫރުގެ ބާނީ އަދި ކުރީގެ ބޮޑުވަޒީރު ލީކް އަން ޔޫގެ ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާގެ މަންދޫބެއްގެ ގޮތުން ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް މައުމޫން ވިދާޅުވީ ރާއްޖެއާ ބެހޭގޮތުން ބޭރު ފަރާތްތަކުން ފާޑުކިޔަމުން ދަނީ "ވަކި ކަހަލަ ޚިޔާލުތަކެއް ކުރީއްސުރެ އެމީހުންނަށް ގަބޫލުކުރެވިގެން އެގޮތުގެމަތިން ތިބެގެން" ކަމަށެވެ. "ބޭރު ފަރާތްތަކުން ފާޑުކިޔާއިރު، ގިނަ ފަރާތްތަކުން އަޅުގަނޑު ދަންނަވާނީ ހަގީގަތަށް ނުބަލައި ފާޑުކިޔަނީ. ވަކި ކަހަލަ ޚިޔާލުތަކެއް ކުރީއްސުރެ އެމީހުންނަށް ގަބޫލުކުރެވިގެން އެގޮތުގެމަތިން ތިބެގެން ވާހަކަދައްކަނީ. އެއްގޮތަކަށް ވެސް ހަގީގަތުގައި ކަންތައްވީ ކިހިނެތްތޯ ބަލާލުމެއް ނެތި. އެހެންވީމަ އެއީކީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތެއް ނޫން،" މައުމޫން ވިދާޅުވި އެވެ. މައުމޫން ވިދާޅުވީ ކޮންމެ ގައުމެއްގައި ވެސް ކަންތައް ހިނގަންވާނީ އެ ގައުމެއްގެ ގާނޫނު އަސާސީއާ އެއްގޮތަށް ކަމަށާއި ރާއްޖޭގައި ކަންތައް ހިނގަނީ އެ އުސޫލުން ކަމަށެވެ. އެހެންކަމުން ބޭރުގެ ފަރާތްތަކުން ފާޑުކިޔަސް އަޅުގަނޑުމެން ކަންބޮޑުވާން ނުޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މިއަދުގެ ސަރުކާރުން ބޭނުންވަނީ ރައްޔިތުންގެ ހެވާއިލާބަޔަށް ކަންތައްތައް ކުރުމަށް ކަމަށާއި "ބޭރު ގައުމަކުން ވަކި ގޮތަކަށް ބުނީމަ" އެގޮތަކަށް ކަންތައް ކުރަން މި ސަރުކާރުން ބޭނުންނުވާ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ