ސެޕްޓެމްބަރު 7 ވަނަ ދުވަހު ރާއްޖޭގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ދާނެ ކަމަށް މިރޭ އެޕާޓީ އާއި ގުޅިވަޑައިގެންނެވި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވެއްޖެ އެވެ.
ޑީއާރުޕީ ހަރުގޭގައި މިރޭ ބޭއްވި އެޕާޓީގެ ޖަލްސާގައި ކުރިން އެމްޑީޕީގައި ހުންނެވި ކާނަލް ވިދާޅުވީ ރާއްޖޭގައި 2013 ވަނަ އަހަރު ވޯޓުލާ ގާތް ގަނޑކަށް 216،000 މީހުންގެ ވޯޓެއް ޑީއާރުޕީއަށް ނުލިބުނުކަމުގައިވިޔަސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑީއާރުޕީ ދާނެ ކަމަށެވެ.
"ރާއްޖޭގައި 2013 ވަނަ އަހަރު ވޯޓުލާ ގާތް ގަނޑަކަށް 216،000 މީހުންގެ ވޯޓެއް ޑީއާރުޕީއަކަށް ނުލިބޭނެ، އެކަން އަޅުގަނޑުމެންނަށް އެނގޭ، އެހެންނަމަވެސް އިރާދަކުރެއްވިއްޔާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑީއާރުޕީ ދާނެ." އެމްޑީޕީގައި ގިނަ އަހަރުތަކެއްވަންދެން މަސައްކަތްކުރެއްވި ކާނަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މީގެކުރިން ޑީއާރުޕީން ބޭއްވި ބައްދަލުވުމަކަށް "ބަންގްލަދޭޝްގެ ދެތިން މީހަކު" ފޮނުވި ވާހަކަ މީޑިއާގައި އޮތް ކަމަށާއި އެކަން ކުރި މީހުން އޭނާއަށް އެނގޭ ކަމަށެވެ.
އެ ބޭފުޅުންނަކީ މިއަދު މަޖިލީހުގައި ތިއްބެވި ކުރީގެ ޑީއާރުޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެއްގެ ދަރިކަލަކާއި އޭނާގެ ވަރަށް ގާތް ރަހްމަތްތެރިއެއް ކަމަށެވެ. އެއީ ކޮން ބޭފުޅެއް ކަމެއް ކާނަލް މިރޭ ވިދާޅެއް ނުވެ އެވެ.
ނަޝީދު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ޑީއާރުޕީއަށް މަޖިލީހުގެ މެންބަރުން ވެސް ގުޅިވަޑައިގަންނަވާނެ ކަމަށާއި އަދި ރާއްޖޭގެ ކަމުއޮށިގެންވާ ބޭފުޅުން ވެސް ޑީއާރުޕީއަށް ގުޅިވަޑައިގަންނަވާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ޕާޓީއަށް އެތައް ހާސް އާންމު މެންބަރުންނެއް ގުޅޭނެ ކަމަށް ވެސް އޭނާ މިރޭ ވިދާޅުވި އެވެ.
އޭނާ ވަނީ ޑީއާރުޕީގެ ބޮޑު ޖަލްސާއެއް ވަރަށް އަވަހަށް އާޓިފިޝަލް ބީޗުގައި އޮންނާނެކަން ވެސް އިއުލާންކުރައްވާފައެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް އަޅުގަނޑުމެން ދިއުން، އެއަށްފަހު ދެވަނަ ބުރުން އަޅުގަނޑުމެން ފަސޭހަކަމާއިއެކު ކާމިޔާބުކުރުން، އެކަން ވާނީ މިހާރު އޮތް ގޮތަށް ދެމެހެއްޓެނިވި ގޮތެއްގައި އެއްގޮތެއްގައި ހިފަހައްޓައިގެން." ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީ ސަރުކާރު އޮތް އިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އިމްތިޔާޒުތަކެއް ދިނުމަށް ހުށަހެޅުނު ބިލަށް އެމްޑީޕީ މެންބަރުން ނުފެންނަ ކަމަށް ވޯޓުދެއްވި ކަމަށާއި އެމްޑީޕީ ވެރިކަމުން "އިންގިލާބުކޮށްލުމަށްފަހުގައި" އިމްތިޔާޒުގެ ބިލަށް ފެންނަ ކަމަށް ވޯޓުދީފައިވާ ކަމަށް ވެސް ކާނަލް މިރޭ ވިދާޅުވި އެވެ.
އެހެންނަމަވެސް ޑީއާރުޕީގެ މެންބަރުން އެ ބިލަށް ދެފަހަރު ވެސް ވޯޓު ދިނީ އެއްގޮތަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެމްޑީޕީ ވެރިކަމުގައި އޮތް ދުވަސްވަރު ޕީޕީއެމްގެ މެންބަރުން އިމްތިޔާޒުގެ ބިލަށް ދިނީ ފެންނަ ކަމަށް ވޯޓު، އެމްޑީޕީ ވެރިކަމުން ވެއްޓުނީ ޕީޕީއެމް މެންބަރުންގެ ވޯޓު ބަދަލުވެއްޖެ ރަތް ކުލަޔަށް، އެކަމަކު މި ދެހާލަތުގައި ވެސް ޑީއާރުޕީ ވޯޓު ދިނީ އެއްގޮތަކަށޭ، އެ އުސޫލުގައި ހިފަހައްޓަމުން ގެންދިއުމަކީ ދުރު މުސްތަގުބަލަށް ބަލާއިރު މިގައުމަށް ފައިދާ ހުރި ގޮތަކީ." އޭނާ ވިދާޅުވި އެވެ.
ކާނަލް ކުއްލި ގޮތަކަށް ޑީއާރުޕީއަށް މި ސޮއިކުރެއްވީ އިއްޔެ ބޭއްވި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ނައިބު ލީޑަރުކަމަށް ވާދަކުރައްވާ ފެއިލްވެވަޑައިގެންފައި ވަނިކޮށެވެ. އެ އިންތިހާބުގައި އޭނާއަށް ލިބި ވަޑައިގެންނެވީ ދެ ވޯޓެވެ.
މިއީ ކާނަލް އެމްޑީޕީއާ ވަކިވެ ވަޑައިގެންނެވި ދެވަނަ ފަހަރެވެ. މީގެ ކުރިން އެމްޑީޕީއާ ވަކިވެ ވަޑައިގެން އޭނާ ގުޅި ވަޑައިގެންނެވީ އިބްރާހިމް އިސްމާއިލް (އިބްރާ) އުފެއްދެވީ ސޯޝަލް ލިބެރަލް ޕާޓީއާ އެވެ.
ކާނަލް އަކީ އެމްޑީޕީގެ ޓިކެޓްގައި މަޖިލީހަށް ވަޑައިގެންނެވުމަށްފަހު އެޕާޓީ ދޫކުރައްވާ ވަޑައިގެންނެވި މަޖިލީހުގެ ދެވަނަ މެމްބަރެވެ. މީގެކުރިން ފުވައްމުލަކު މެދުދާއިރާގެ މެމްބަރު ޝިފާޤް މުފީދުވަނީ އެމްޑީޕީ ދޫކުރައްވާ ޕީޕީއެމްއާއި ގުޅިވަޑައިގެންފައެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑީއާރުޕީ ދާނެ - ކާނަލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ