މޫސާ އަލީ ޖަލީލް ދައުވާއަށް އިންކާރުކުރުމުން ހެކި ހުށަހަޅައިފި

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ކުރި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ ކުރީގެ ޗީފް އޮފް ސްޓާފް މޭޖާ ޖެނަރަލް މޫސާ ޢަލީ ޖަލީލު ދައުވާއަށް އިންކާރުކުރުމާއި ގުޅިގެން ދައުލަތުން އޭނާ އާއި ދެކޮޅަށް މިއަދު ހުޅުމާލެ ކޯޓުގައި ހެކި ހުށަހަޅައިފި އެވެ.
ހުޅުމާލެ ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މޫސާ ޖަލީލު ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރަން އެއްވެސް ފަރާތަކުން އަމުރުކުރައްވާފައި ނުވާ ކަމަށާއި އަދި އެފަދަ އެއްވެސް އަމުރެއް އޭނާ ވެސް ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި އޭނާ އަބްދުﷲ ގާޒީ ހައްޔަރު ކުރައްވާފައި ވެސް ނުވާނެ ކަމަށާއި 22 ދުވަސްވަންދެން އަބްދުﷲ ގާޒީ ގިރިފުށީގައި ބެހެއްޓިއިރު އަބްދުﷲ ގާޒީއާ ގުޅޭ އެއްވެސް ކަމެއް ކުރުމަށް ވެސް އެއްވެސް ފަރާތަކުން އޭނާ އަށް އަމުރުކުރައްވާފައި ނުވާ ކަމަށެވެ.
މިއަދުގެ ޝަރީއަތުގައި ޖަލީލުގެ ވަކީލް އަލީ ހުސައިން ވަނީ ދައުވާ އަށް ޖަވާބުދާރީވުމުގެ ކުރިން އިޖްރާއީ 4 ނުކުތާއެއް ނަންގަވައިފަ އެވެ. އެއީ ހުޅުމާލޭ ކޯޓުގައި ޖަލީލުގެ މައްސަލަ ނުބެލޭނެ ކަމަށް ބުނެ ހުށަހެޅުއްވި ނުކުތާއަކާއި އެ މައްސަލަ ބަލާ ތިން ފަނޑިޔާރުންގެ ބެންޗަކީ ސައްހަ ބެންޗެއް ނޫން ކަމަށް ބުނެ ހުށަހެޅުއްވި ނުކުތާ އެވެ.
މޫސާ އަލީ ޖަލީލު ދައުވާއަށް އިންކާރުކުރުމުން ދައުލަތުން ވަނީ އޭނާއާއި ދެކޮޅަށް ހެކިންގެ ގޮތުގައި ހުށަހަޅަން ބޭނުންވާ ފަރާތްތަކެއްގެ ލިސްޓް ގާޒީއަށް އަރުވާފައެވެ. އެގޮތުން މިލިސްޓުގައި ސިފައިންނާއި ފުލުހުންގެ ތެރޭގައި ކުރިންނާއި އަދި މިހާރުވެސް މަސައްކަތް ކުރައްވަމުންގެންދަވާ ގިނަ ބޭފުޅުންތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި މިހާރުގެ ޗީފް އޮފް ސްޓާފް މޭޖަރަ ޖެނަރަލް އަޙްމަދު ޝިޔާމްއާއި، ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު ފަސީހުއާއި، ކުރީގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު އަތީފްވެސް ހިމެނެއެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލިސް ގާޒީ ނިންމަވާލެއްވީ ދައުލަތުން ކުރާ ދައުވާއަށް ޖަވާބު ދިނުމަށް މޫސާ އަލީ ޖަލީލަށް 23 ދުވަހުގެ މުއްދަތެއް ދިނުމަށްފަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ