އަޅުގަނޑުގެ ވެރިކަމެއްގައި ނަޝީދު ޖަލުގެ ކުޑަ ގޮޅިއަށް ލާނަން - އުމަރު

މާޗް 30 ވަނަ ދުވަހު އޮންނަ ޕީޕީއެމްގެ ޕްރައިމަރީގައި ވޯޓު ދެއްވައިގެން ހޮއްވަވައިފިނަމަ އޭނާގެ ވެރިކަމެއްގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދު ރިޔާސީ އިންތިހާބުގައި ބަލިކޮށް ޖަލުގެ ކުޑަ ގޮޅިއަށްލާ ނަޝީދަށް “ހައްގު މަގާމު” ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވާ އުމަރު ނަސީރު އޭނާގެ ސަޕޯޓަރުންނަށް ދެއްވައިފި އެވެ.
މިދިޔަ ހޮނިހިރު ދުވަހުގެރޭ ނ.މިލަދޫގައި ޓީމު އުމަރުގެ ފަރާތުން ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ގާނޫނު ތަންފީޒުކުރަން ޖެހިލުން ނުވާނެ ކަމަށާއި ކޮންމެ މީހެއްގެ މައްޗަށް ވެސް ގާނޫނު ތަންފީޒުކުރެވެން ޖެހޭނެ ކަމަށެވެ. އަދި މުހައްމަދު ނަޝީދު ވިޔަސް ގާނޫނު ތަންފީޒުކުރާނެ ކަމަށާއި އެއްވެސް މީހަކު ގާނޫނު މަތީގައި ނުބެހެއްޓޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އުމަރު ނަސީރުގެވެރިކަމެއްގައި ގާނޫނުތައް ހުރިހާ އެންމެންނަށް ވެސް ހިނގާނީ ހަމަހަމައަށް ކަމަށާއި އެއްވެސް މީހަކަށް އިސްތިސްނާ ކުރުމެއް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ތިބޭފުޅުންނަށް މި އަރުވާ ޔަގީންކަމަކީ ތިބޭފުޅުން 30 މާޗުގައި ވޯޓު ދެއްވައިގެން އަޅުގަނޑު ހޮއްވަވާ ދެއްވައިފިކަމަށްވަންޏާ މުހައްމަދު ނަޝީދު ބަލިކޮށް އޭނަ ޖަލުގެ ކުޑަ ގޮޅިއަށް އޭނާގެ ހައްގު މަގާމަށް އޭނާ ފޯރުކޮށްދޭނަމޭ، އަޅުގަނޑު ޖެހުލުމެއް ނުވާނެ ގާނޫނު ތަންފީޒުކުރާކަށް، ގާނޫނު ތަންފީޒުކުރަން ޖެހޭނެ ކޮންމެ މީހެއްގެ މައްޗަށް، މުހައްމަދު ނަޝީދު ވިޔަސް ގާނޫނު ތަންފީޒުކުރާނަން." އުމަރު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގައި ދާދި ފަހުން ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާއި ގުޅިގެން އުމަރު ވިދާޅުވީ އެ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގެންނެވުމަކީ ޕާޓީގެ އާންމު މެންބަރުން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށާއި "އެއީ އަޅުގަނޑުމެން" ގަބޫލުކުރާނެ ކުރާނެ ކަމެއް ނޫން ކަމަށެވެ.
"އެމްޑީޕީ މީހުންނާއި އެކީގައި ޕީޕީއެމް މީހުން އިށީންދެ ނޫސް ކޮންފަރެންސެއް ނުދެވޭނެ އަޅުގަނޑުމެންނަކަށް، ސަބަބަކީ އެމްޑީޕީއަކީ ކޮން ޕާޓީއެއްކަން އަޅުގަނޑުމެންނަށް އެނގޭ، އެމްޑީޕީއިން މިގައުމަށް ދިން ދުއްތުރާތައް އަޅުގަނޑުމެންނަށް އެނގޭ، މިގައުމަށް ދިން ގެއްލުން އަޅުގަނޑުމެންނަށް އެނގޭ، އެއީ އަޅުގަނޑުމެން ގަބޫލުކުރާނެ ކަމެއް ނޫން." އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސެޕްޓެމްބަރު 7 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދު ބަލިކުރެއްވޭނީ ސާފުކަމާއި ތެދުވެރިކަމާއިއެކު ނަޝީދު ބަލިކުރުމުގެ އަޒުމާއި ފުރިހަމަ ހިތްވަރާއިއެކު ނިކުމެ ހުންނަ މީހަކަށް ކަމަށެވެ.
"އިބްރާހިމް ހުސެއިން ޒަކީމެން ގެއަށް ދަންވަރު ގޮސް މުހައްމަދު ނަޝީދާއި ބައްދަލުކުރާ މީސް މީހުންނަކަށް މުހައްމަދު ނަޝީދު ބައްޔެއް ނުކުރެވޭނެ، ރިޔާސީ ރޭހެއްގައި ބަލިކުރަންޏާ ސާފުކޮށް ހުންނަވާނީ މުހައްމަދު ނަޝީދާއި ދެކޮޅަށް." އުމަރު ވިދާޅުވި އެވެ.
އުމަރު ނަސީރަކީ މަގުމަތީ މީހެއްކަމަށް ވާދަވެރި ފަރާތްތަކުން ބުނަމުންދާތީ އެކަމަށް ރައްދުދެއްވާ އުމަރު ނަސީރު ވިދާޅުވީ މަގުމަތީ މީހަކަށްވީތީ ފަޙުރުވެރިވާ ކަމަށާއި އެއީ މަގުމައްޗަށް ނިކުންނާނެ އެހެން އެއްވެސް މީހަކު ނެތުމުން ކަމަށެވެ.
އޭނާ ވިދާޅުވީ މަގުމައްޗަށް ނިކުމެ ލީޑްކުރައްވަން ޖެހިވަޑައިގަތީ "ރީތި ޓައި އަޅުއްވައިގެން ތިއްބެވި ބޭފުޅުން މަގުމަތީގައި ލީޑްކުރައްވަން ކެރިވަޑައިނުގަތީމަ" ކަމަށާއި އަދިވެސް ލީޑްކުރަންޖެހުނު ތަނެއްގައި، އެއީ ކޮންމެ މަގާމެއްގައި ކަމަށްވިޔަސް ލީޑްކޮށްދޭނެ ކަމަށެވެ.
"މިގައުމަށްޓަކައި އަޅުގަނޑުމެންގެ ދީނަށްޓަކައި ކުރީ ސަފަށް ޖެހި އަޅުގަނޑުމެން ލީޑްކުރީ، އަދިވެސް އަޅުގަނޑު ތިބޭފުޅުންނަށް އަރުވާ ޔަގީންކަމަކީ ލީޑްކުރަން ޖެހުނު ތަނެއްގައި އެއީ ކޮންމެ މަގާމެއް ކަމަށްވިޔަސް ލީޑްކޮށްދޭނަމޭ، މަގުމަތީގައި ވެސް ލީޑް ކުރާނަމޭ، ކަނޑުމަތީގައި ވެސް ލީޑްކުރާނަމޭ، އެއްގަމުގައި ވެސް ލީޑްކުރާނަމޭ، އޮފީސް ތެރޭ ވެސް އިރާދަކުރެއްވިއްޔާ ލީޑްކުރާނަމޭ،" އުމަރު ވިދާޅުވި އެވެ.
އަދި ޕީޕީއެމްގެ މެންބަރުންގެ ވޯޓަކުން ރިޔާސީ ޓިކެޓު އޭނާއަށް ދެއްވައިފިނަމަ މި އަހަރު ލީޑާޝިޕް ދެއްކުމަށްފަހު ޕީޕީއެމް މި ރިޔާސީ އިންތިހާބުވެސް ކާމިޔާބުކޮށް ލީޑާޝިޕް އަނެއްކާވެސް ދައްކާނެ ކަމަށް އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ