އިއްޔެގެ ދަތުރަށް މ. މަޑުއްވަރީ/ ނަފާ، އަހުމަދު އަނީސް ފެށީ ވޮލީ މެޗެއް ކުޅުމަށް ތިލަފުއްޓަށް ދިއުމަށެވެ. މަޖާ ނަގަން 10 ރަހުމަތްތެރިންނާއެކު ކުޑަ ޑިންގީއެއްގައި މާލެއިން ފުރީ ހުކުރުން ފައިބައިގެންނެވެ. ދަތުރުގެ މަންޒިލާ ހަމައަށް ދެވެންދެން ވެސް ޑިންގީ ތެރޭގައި ފޯރި ނެގިއެވެ. ދަތުރުގެ ބައިވެރިޔަކު ވަކިވެގެން ހިނގައިދާނެ ކަމަށް އެކެއްގެ ހިތަކަށް ވެސް ނާރައެވެ.
ނަމަވެސް ދަތުރުގެ މަންޒިލަށް ނުދެވެނީސް ދަތުރުގެ މަޖާކަން ގެއްލި، ހިތާމައަށް ބަދަލުވީ ގުޅީފަޅު ބައްތިޔާ ދިމާ ބޭރު ކަނޑަށް އަނީސް ފުންމާލި ހިސާބުންނެވެ. ހަމަ އެވަގުތު އަނީސް ކަނޑު ތެރެއަށް ގެއްލުނެވެ. ގަޑިއެއްހާ އިރުގެ ހާސް ކަމާއި ބިރުވެރިކަމަށްފަހު ދަތުރުގެ ބައިވެރިން މާލެއަށް އެނބުރި އައީ އަނީސްގެ ފުރާނަ ނެތް މަސްގަނޑާ އެކުއެވެ.
ފެނުނީ ރިޕޯޓްކުރިތާ އެއްގަޑިއިރު ފަހުން، ކަނޑުގެ 44 މީޓަރު އަޑިން
އަނީސް މޫދު އަޑީގައި --- ފޮޓޯ: އަނީސް އިންސްޓަގްރާމް
އެމްއެންޑީއެފުން މައުލޫމާތުދޭ ގޮތުގައި، އަނީސް ގެއްލުނުކަމުގެ ރިޕޯޓް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުނީ އިއްޔެ މެންދުރުފަހު 3:16 ހާއިރުއެވެ. އެ ރިޕޯޓް ލިބުމާއެކު ވަގުތުން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓުގާޑު ސްކޮޑްރަންގެ ކާނި ލޯންޗާއި ހާބަރު ކުރާފްޓް ލޯންޗު ޑައިވަރުންނާއެކު އެ ސަރަހަދަށް ގޮސް އަނީސް ހޯދަން ފެށިއެވެ. ނަމަވެސް އޭނާގެ ހަށިގަނޑު ފެނުނީ ގެއްލިގެން ރިޕޯޓްކުރިތާ ގާތްގަނޑަކަށް އެއްގަޑިއިރު ފަހުން، އަނީސް ފުންމާލި ކަމަށް ބުނާ ސަރަހައްދުގެ 44 މީޓަރު އަޑިންނެވެ.
ޑިންގީން ފުންމާލީ ސަކަރާތުގެ ތެރެއިން، އަޑިއަށް ދިޔަ ގޮތެއް ނޭނގެ!
އަނީސް ދަންނަ މީހުން ބުނާ ގޮތުން އޭނާއަކީ މަސްވެރިކަމަށް ފޯރި ހުންނަ ހާއްސަކޮށް ދަގަނޑު ޖަހައިގެން މަސް ހިފަން ޝައުގު ހުންނަ، ކަނޑަށް ގަދަ، މަޖާ މީހެކެވެ. އަދި އިއްޔެ ތިލަފުއްޓަށް ކުރި ދަތުރުގެ ތެރެއިން ވެސް އޭނާ ކަނޑަށް ފުންމާލީ ސަކަރާތުގެ ތެރެއިން މަޖަލަކަށް ކަމަށް އޭނާއާ އެކު ޑިންގީން ދަތުރުކުރި މީހުން ބުނެއެވެ.
އެކަން ހިނގީ އެހެން ކަމަށް ފުލުހުން ވެސް ބުނެއެވެ. ފުލުހުން ރޭ ބުނީ، އަނީސް މޫދަށް ފުންމާލީ ދަތުރު މަތީގައި ސަކަރާތް ޖެހުމުގެ ތެރެއިން، މަޖަލަކަށް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް ތަފުސީލެއް ނުދެއެވެ.
އުފެދޭ ސުވާލަކީ މޫދަށް ފުންމާލި ގޮތަށް އަނީސް އަޑިއަށް ގޮސް މައްޗަށް ނޭރި، ގެއްލުނީ ކީއްވެގެންބާއެވެ. އަނީސާއެކު ޑިންގީން ދިޔަ ބައެއް މީހުން ބުނާ ގޮތުން އޭނާ ފުންމާލި ގޮތަށް ހޭނެތުނީއެވެ. ނަމަވެސް އޭނާ ފުންމާލިއިރު ޑިންގީގެ ތަނެއްގައި ޖެހުނު ކަމެއް ނޭނގެއެވެ.
އެމްއެންޑީއެފްގެ ކަމާގުޅޭ ތަޖުރިބާކާރަކު ބުނި ގޮތުގައި، ހަބަރު ހުސްވެ ނުވަތަ ވަރު ހުސްވެގެން ނޫން ގޮތަކަށް ކަނޑަށް ވެއްޓޭ މީހަކު އެގޮތަށް އަޑިޔަކަށް ނުދާނެ އެވެ. ފަތަން އެނގޭ ކަނޑަށް ގަދަ މީހަކު ނަމަ ފުންމާލުމަށް ފަހު ކަނޑުފެނިފައި ބިރުން ހޭނެތުމަކީ ވެސް ނާދިރު ކަމެކެވެ.
ޑިންގީގައި ތިބި އެކުވެރީން އަނީސް ކަނޑަށް ފުންމާލީ ކަމަށް ބުނާ އިރު، އުފެދޭ ސުވާލަކީ ގަސްދުގައި ކަނޑަށް ފުންމާލި މީހަކު ކަނޑުގައި ޖެހޭ ގޮތަށް އަޑިޔަށް ދިޔައީ ކިހިނެއްތޯ އެވެ؟ ސްޕީޑުގައި ދުއްވާފައިވާ ޑިންގީއެއް ނަމަވެސް، އަނީސް ކަނޑަށް ފުންމާލުމުން ވަގުތުން މަޑުކުރާނެ އެވެ. އަދި އެވަރުގެ ޑިންގީއެއްގެ ސްޕީޑު ހުންނާނެ ނިސްބަތަށް ބަލާ އިރު، އެންމެ ދުރުވެގެން ވެސް 20 ނުވަތަ 30 ފޫޓަށްވުރެ ދުރަށް އެވަގުތުކޮޅުގެ ތެރޭ ޑިންގީ ދަތުރުކުރާނެ ކަމަކަށް ވެސް ނުބެލެ އެވެ. އެއީ މަޖަލަކަށް ނަމަވެސް ކަނޑަށް ފުންމާލުމުން ވަގުތުން ޑިންގީ މަޑުކުރާނެތީ އެވެ. އަދި އޭނާ ކަނޑަށް ފުންމާލިތަން އެކުވެރީންނަށްވެސް ފެނުނު ކަމަށް ވާތީ އެވެ.
އަނީސް ކަނޑު ތެރޭގައި މަސްހިފުމުގައި --- ފޮޓޯ: އަނީސް އިންސްޓަގްރާމް
އެއީ އަސްލު ކަން ހިނގި ގޮތް ކަމަށް ވާ ނަމަ، އަދި އަނީސް ފުންމާލީ ގަސްދުގައި މަޖަލަކަށް ނަމަ، އޭނާ ވަގުތުން އަޑިޔަށް ދާން ޖެހޭ ސަބަބެއް ނޯންނާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އަނީސަކީ ކަނޑަށް ގަދަ، ކަނޑުފަޅަށް ފަރިތަ، މޫދު އަޑީގައި މަހަށް ދަގަނޑު ޖެހުން އަދި މަސް ހިފުމުން ފަދަ ކަންކަމުގައި ވެސް އުޅޭ މީހަކަށް ވާ އިރު، އެހެން ގޮތެއް އޭނާއަށް ނުވާނަމަ ވަގުތުން އަޑިޔަށް ދިޔުމަކީ ނާދިރު ކަމެކެވެ. މޫދަށް ފުންމާލީ ގަސްދުގައި ކަމަށްވެފައި މޫދަށް ވެއްޓުނު ވަގުތު އިތުރު ގޮތެއް އޭނާއަށް ނުވާ ނަމަ، ގިނަ ވަގުތުތަކަކަށް ކަނޑުމަތީގައި ފަތާލަ ފަތާލަ ނުވަތަ ހުއްޓިލައިގެން ވެސް އޮތުމުގެ ގާބިލުކަން އަނީސަށް ލިބިފައިވެ އެވެ. އެއީ ފަތަން ވެސް މޮޅު ޒުވާނަކަށް ވާތީ އެވެ. ޑިންގީ އަނބުރާލާފައި އޭނާ ވެއްޓުނު ޕޮއިންޓަށް އައުމަށް ފަސް ވަރަކަށް މިނެޓުވެސް ނުނަގާނެތީ، އަނީސް މަރުވުމުގައި ސުވާލު އުފެދޭ އިތުރު ކަންތައްތަކެެއް އެބަ ހުރި ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
އަނީސަކީ ކަނޑުފަޅާ ދޯޅު، އެ މާހައުލަށް ފަރިތަ ޒުވާނެއްކަން އޭނާގެ ފޭސްބުކާއި އިންސްޓަގްރާމުގެ ފޮޓޯތަކުން ސާފުކޮށް އެނގެ އެވެ. ފަޅުތަކާއި ކަނޑު އަޑީގައި ވަގުތު ހޭދަކުރުމަކީ އޭނާ ނިކަން ފަރިތަކަ ކަމެކެވެ. އެހެން ކަމުން ކަނޑަށް ފުންމާލައިގެން ނުވަތަ ކަނޑުތެރެޔަށް ގަސްދަކާ ނުލައި ވެއްޓުނަސް ބިރުން ގޮސް ހަބަރު ހުސްވުމަކީ ނާދިރު ކަމެކެވެ. އިއްޔެ މޫސުމަށް ބަލާ އިރު، އަދި އޭނާ ފުންމާލި ނުވަތަ ވެއްޓުނު ސަރަހައްދަކީ ކައިރީގައި ރަށްތައް ވެސް ހުރި، ގިނަ އުޅަނދުފަހަރު ވެސް ދުއްވާ ސަރަހައްދެއް ކަމުން އެފަދަ ބިރެއް އޭނާ ގަންނާން ޖެހޭ ސަބަބެއް ވެސް ނެތެވެ.
ތަޖުރިބާކާރަކު ބުނީ، ބޮޑަށް ބުރަ ވެވޭ ގޮތުގައި، އަނީސް ފުންމާލީ ކަމަށް ޑިންގީގައި ދެން ތިބި މީހުންނަށް ހީވި ނަމަވެސް، އެއީ އަސްލު ވީގޮތް ކަމަށް ނުވެދާނެ އެވެ. ވެއްޓުނު ގޮތުން އެހެން ހީވީ ކަމަށް ވެސް ވެދާނެ ކަމަށެވެ. އޭނާ ވެއްޓުނީ ހަބަރު ހުސްވެގެން ނުވަތަ މަރުވެގެން ކަމަށް ވުމަކީ އެކަށީގެންވާ ގޮތެއް ކަމަށް ވެސް އެ ތަޖުރިބާކާރު ބުންޏެވެ. ގަސްދުގައި ފުންމާލި ނަމަ، ވެއްޓުނު ވަގުތު ހަބަރު ހުސްވުން ނުވަތަ ލޯންޗުގައި ޖެހުމުން ލިބޭ އަނިޔާއެއްގެ ސަބަބުން ޝޮކެއް ޖެހުން އެއީ ވެސް ވެދާނެ ގޮތެއް ކަމަށް އޭނާ ބުންޏެވެ. އެނޫން ހާލަތެއްގައި އޭނާގެ ހަށިގަނޑު ވަގުތުން އަޑިޔަށް ދިޔުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް އޭނާ ބުންޏެވެ.
"އެކަމަކު ލޯންޗުގައި ޖެހި ލިބުނު ޝޮކެއް ނަމަ އަނިޔާއެއް ހަށިގަނޑުގައި ހުރުން ވަރަށް ގާތް. ފުންމާލާ ވަގުތު ބިރުން ޝޮކެއް ޖެހިގެން ހޭ ނެތުން އެއީ ކަނޑުމައްޗަށް އެހާ ފަރިތަ ޒުވާނަކަށް ވުމަށްވުރެ ނުވުން ގާތްކަމެއް. އިއްޔެ އެ ސަރަހައްދަށް ކަނޑުވެސް ވަރަށް މަޑު." ކަނޑުމަތީގައި އެތައް އަހަރެއް ހޭދަކޮށްފައިވާ ތަޖުރިބާކާރު އޭނާގެ ހިޔާލު ކިޔައިދިނެވެ.
އަނީސް ކަނޑު ތެރޭގައި މަސްހިފުމުގައި --- ފޮޓޯ: އަނީސް އިންސްޓަގްރާމް
އަތްބަނކާއި ދެ ދަރިން އެބަ ތިބި، ހުލްގުހެޔޮ ދީނީ ޒުވާނެއް
އަނީސްގެ ކުއްލި ވަކިވުމުން ލިބުނު ހިތާމައިން އޭނާއާއެކު ދަތުރަށް އެރި ރަހުމަތްތެރިން އަދިވެސް ތިބީ ކުއްލި ޝޮކެއްގަ އެވެ. ހެޔޮލަފާ، ހުލްގު ހެޔޮކަމަށް ގިނަ ބަޔަކު ބުނާ އަނީސަކީ އޭނާގެ އާއިލާގެ އިތުރުން ދުރުތާ ތިމާގެ މީހުންނަށް ވެސް ރަނެކެވެ. ގެއްލިގެން ދިޔަ އަގުހުރި ދަރިޔެކެވެ.
އެޓޯލް ޓޫނާ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏެއްގެ އޮޕަރޭޝަންސް މެނޭޖަރެއްގެ ވަޒީފާގައި ގާތްގަނޑަކަށް ހަތް އަހަރު އުޅުނު އަނީސް މި ފަނާވަނިވި ދުނިޔެއާ އަލްވަދާއު ކީއިރު އޭނާގެ އަތްބަނކާއި ދެ ކުދިން ދުނިޔޭގައި އެބަ ތިއްބެވެ. އެއީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ.
އަނީސް އެކުވެރިންނާ އެކު މަސްވެރިކަމުގައި --- ފޮޓޯ: އަނީސް އިންސްޓަގްރާމް
ގިނަ ބަޔަކު ބުނާގޮތުން އަނީސަކީ އަނބިމީހާ ދެކެ ލޯބިވާ ނަމޫނާ ފިރިއެކެވެ. ދަރިންނަށް ވަގުތު ދޭ ޒިންމާދާރު ބައްޕައެކެވެ. މައިންބަފައިންނާއި އެއްބަނޑު މީހުންނަށާއި އާއިލާ މީހުންގެ އިތުރުން އެކުވެރިންނާއި ރަށު ރައްޔިތުންނަށް ވެސް ހެޔޮ އެކި ގޮތްގޮތުން އެހީތެރިވެދޭ އެކުވެރިއެކެވެ.
"ވަން" އިން އެދެނީ އަނީސަށް ފުއްސެވުމާއި ރުއްސެވުން މިންވަރުކުރައްވައި އާއިލާއަށް ކެތްތެރިކަން ދެއްވުމެވެ.
އަނީސް މަސއވެރިކަމުގައި --- ފޮޓޯ: އަނީސް އިންސްޓަގްރާމް
އަހުމަދު އަނީސްގެ އާދަޔާ ހިލާފު މަރު: ފުންމާލީތަ؟ ނުވަތަ މަރުވެގެން ވެއްޓުނީތަ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ