ފުލިދޫ ސްކޫލް ކުއްޖަކަށް އިހާނެތިކޮށް އަމަލުކުރި މައްސަލައިގައި ޓީޗަރު ސަސްޕެންޑުކޮށްފި

ވ.ފުލިދޫ ސްކޫލް ކުއްޖަކަށް އެ ސްކޫލްގެ ޓީޗަރަކު އިހާނެތިކޮށް އަމަލުކުރާތަން ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން އެ މައްސަލަ ބަލަން ފަށައި، އެ މައްސަލައިގައި ހިމެނޭ ޓީޗަރު ސަސްޕެންޑުކޮށްފިއެވެ.
މި ހާދިސާގައި ހިމެނޭ ފެލިދޫ ސްކޫލްގެ ޓީޗަރު ސަސްޕެންޑްކޮށްފައިވާ ކަން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ އަހުމަދު އަލީ ވަނީ ''ވަން އޮނަލައިން'' އަށް ކަށަވަރުކޮށްދެއްވައިފައެވެ. އަލީ ވިދާޅުވީ އެ ޓީޗަރު ސަސްޕެންޑު ކުރުމަށް ފަހު އެޑިއުކޭޝަނުން އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
މި މައްސަލައިގައި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ ދަރިވަރުންގެ ރައްކާތެރިކަމަކީ އަބަދުވެސް އެންމެ މުހިއްމުކަން ދޭނެ ކަން ކަމަށެވެ. އަދި އެޑިއުކޭޝަންގެ ސަމާލުކަމަށް މި މައްސަލަ އައުމާއެކު ވަގުތުން ފިޔަވަޅު އަޅައި، މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިއަދު ސޯޝަލް މީޑިއާގައި އާންމުވި މި ވީޑިއޯގައި ފެންނަނީ ލައިންގެ ކުރީގައި ހުންނަ ކުއްޖަކާ އެއް ޓީޗަރު ވާހަކަ ދައްކާ އިރު، އަނެއް ޓީޗަރު އެކުއްޖާ ކައިރިއަށް އައިސް ނުރުހުން ވުމާއެކު ވާހަކަ ދައްކާތަނެވެ. އަދި އެކުއްޖާގެ އަތުގައި ހިފުމުން އަތް ފޮޅުވާލަން އުޅުމުން އެ ޓީޗަރު ވަނީ އެ ކުއްޖާގެ މޫނުގައި އަތުން ޖަހާ ކޮއްޕާލައިފައެވެ. މި ހުރިހާ ކަމެއް ހިނގާ އިރު، އަނެއް ޓީޗަރު އެ ކުއްޖާގެ އަތުގައި ހިފަހައްޓާއިގެން އަނެއް ޓީޗަރު ކަންކުރާގޮތް ބަލަހައްޓައިގެން ހުރެއެވެ.
މި ހާދިސާގައި ޓީޗަރާއެކު ދެން ހުރީ ވ. އަތޮޅު ސްކޫލްގެ އެލްކޭޖީގައި ކިޔަވަމުން އަންނަ ފަސް އަހަރުގެ އޯޓިސްޓިކް ކުއްޖެކެވެ.
''ވަން އޮންލައިން'' އަށް މި ކުއްޖާގެ އާއިލާ މެމްބަރެއް މައުލޫމާތު ދިން ގޮތުގައި މިއީ މިފަދަ ކަމެއް ހިނގި ފުރަތަމަ ފަހަރެއް ނޫނެވެ. ނަމަވެސް ކުރިންވެސް މިފަދަ ކަމެއް ހިނގާފައިވާ ކަމަށާއި އޭރު ސްކޫލަށް އެކަން ރިޕޯޓު ކޮށްގެން އަދިވެސް އެ މައްސަލަ ކޮޅެއްގައި ނުޖެހޭކަމަށް އޭނާ މައުލޫމާތު ދިނެވެ.
''ކުރިންވެސް ހަމަ އަނިޔާ ކުރުމުގެ މައްސަލައެއް އިންނާނެ ސްކޫލްގައި. އެ މައްސަލަ ނުނިމެނިކޮށް މި ވީޑިއޯ ލީކްވީ. މިއަދު ޕްރިންސިޕަލް ބުނި ހުރިހާ މައްސަލައެއްވެސް މިހާރު ބަލަމުންދާ ވާހަކަ.'' އޭނާ ބުންޏެވެ.
އޭނާ އިތުރަށް މައުލޫމާތު ދިން ގޮތުގައި މި ވީޑިއޯ އަކީ ފަހުގެ ވީޑިއޯއެއް ނޫން ކަމަށެވެ. އަދި މިއީ މި ވީޑިއޯގައި އަނިޔާ ލިބުނު ކުއްޖާގެ ބެލެނިވެރިޔާ ސްޕޯޓްސް މީޓް އޮތް ދުވަހު ނަގާފައިވާ ވީޑިއޯއެއް ކަމަށާއި މިފަދަ ކަމެއް ވީޑީއޯ ކުރެވިފައިވާކަން އެނގުނީ މިއަދު އަލުން ވީޑިއޯ ބަލާލުމުން ކަމަށް އެކުއްޖާގެ އާއިލާ އިން ބުނެއެވެ.
މީގެ އިތުރުން މި ވީޑިއޯ ފުރަތަމަ ސްކޫލްގެ ޕޭރެންޓް ވައިބާ ގްރޫޕަށް ލުމުން ސްކޫލުން އެއްވެސް އެއްޗެކޭ ނުބުނާ ކަމަށާއި ނަމަވެސް މައްސަލަ ބަލާނެ ކަމަށް ބުނީ ސޯޝަލް މީޑިއާގައި މިވީޑިއޯ އާންމުވުމުން ކަމަށް އޭނާ މައުލޫމާތުދިނެވެ.
މިކަމާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ފުލިދޫ ސްކޫލްގެ ޕްރިންސިޕަލްއާ ގުޅުމަށް ''ވަން އޮންލައިން'' އިން ވަނީ މަސައްކަތް ކޮށްފައެވެ. ސްކޫލް ޕްރިންސިޕަލްގެ ބަހެއް މި މައްސަލައިގައި މިހާތަނަށް ލިބިފައި ނުވި ނަމަވެސް އެހެން މީޑިއާއަކަށް މައުލޫމާތު ދެމުން އެ ސްކޫލްގެ ޕްރިންސިޕަލް އަބްދުލް މޫމިން ނަސީރު ވަނީ ޓީޗަރާ ގުޅިގެން މީގެ ކުރިން އެކުއްޖާގެ ބެލެނިވެރިޔާގެ ފަރާތުންވެސް، އަދި އެހެން މީހެއްގެ ފަރާތުންވެސް ލިބިފައިނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ