ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމު، އެމްޑީޕީ އަށް ގުޅުނުކަމުގައިވިޔަސް، އެމްޑީޕީ ވަނީ ހަމަ އެމްޑީޕީ އަށްކަމަށާއި، އެޕާޓީގެ އެއްވެސް ކަމަކަށް ބަދަލެއް ނާންނާނެކަމަށް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވެފައިވަނީ ޅ.ކުރެންދޫގައި ސަރުކާރުގެ ފަރާތުން ކުރިއަށް ގެންދިޔަ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް، މިއަދު ހެނދުނު އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"ހަމަ އެމީހުން ދޯ ރައީސް މައުމޫނަށް ލަޤަބަކާ އެކު ކިޔަމުން ދިޔައީ. އެމީހުންނަކަށް ބަދަލެއް ނާދޭ. އަދިވެސް އެމްޑީޕީގެ އެކްޓިވިސްޓުން ކުރެ އައްސަވާލައްވާ. މިއީ އެހެންވީމާ އަޅުގަނޑުމެންގެ ސިޔާސީ މީހުންގެ ކަންކަން ހުރި ގޮތަކީ. އެކަމަކު ޔާމީނާ ބެހޭގޮތުން ނުބުނެވޭނެ ވާހަކައެއް އެއީ." ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެއިތުރުންވެސް، ރައީސް ޔާމީން ވިދާޅުވެފައިވަނީ މިއަދު އެމީހުންނަކީ ރައީސް މައުމޫނު ދެކެ މާ ލޯބިވާ ބައެއްކަމުގައި ހެދިގެން އުޅުނުކަމުގައިވިޔަސް، އެކަން ޤަބޫލެއް ނުކުރާނެކަމަށެވެ. އަދި، ހަމަ ބުއްދީގައި ހުންނަ އެއްވެސް މީހަކު އެމްޑީޕީ އިން މައުމޫނަށް ހެޔޮ އެދޭނެކަމަށް އެއްބަސް ނުވާނެކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ. އެގޮތުން، ޑރ.ޝަހީދާއި، ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު އަޙުމަދު ވެސް، އެމްޑީޕީ އާ ގުޅުނުކަމުގައިވިނަމަވެސް އެމްޑީޕީގެ މެންބަރުންނަށް ބަދަލެއް ނާންނާނެ ކަމަށާއި، އެމީހުން މިއަދުވެސް ޑރ.ޖަމީލަށް މުޙާތަބު ކުރާނީ ލަޤަބަކާއެކުގައިކަމަށް، ރައީސް ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ފިކުރަކީ އޮޔާދާނެ ފިކުރެއް ނޫންކަމުގައެވެ. އަދި، އެމަނިކުފާނުގެ ފިކުރު ހިފަހައްޓަން މިހާރު ބުރިޖެއްވެސް އަޅާފައިވާކަމަށް ވިދާޅުވިއެވެ.
"އޭރުވެސް އެމްޑީޕީގެ ފިކުރާ ދެކޮޅީ އަޅުގަނޑު. ފަހުންވެސް ދެކޮޅީ އަޅުގަނޑު. ޕީއޭ އުފައްދަން ޖެހުނީވެސް އެސަބަބާ ހެދި. ޑީއާރުޕީ އިންވެސް ވަކިވީ އެސަބަބާ ހެދި. އަދި، ޕީޕީއެމް އުފެއްދީވެސް އެސަބަބާ ހެދި. އަދި ޕީޕީއެމްގައި މިއަދު، ޕީޕީއެމް އުފެދިގެން ދިޔައިރު އަޅުގަނޑުމެން އެބޭފުޅަކަށްޓަކައި ފަޚުރުވެރިވި ރައީސް މައުމޫނު އަޅުގަނޑުމެން ދޫކޮށްލާފައި ވަޑައިގެންނެވިއިރުވެސް މި ފިކުރު އޮތީ ދުވަހަކުވެސް މި ބިމުން ނުދާވަރަށް އެންކަލް ކުރެވިފައި، ނަގިލި ލެވިފައި. އަދި މިހާރު ނަގިލި ހިފަހައްޓަން އެބައޮތް ހުޅަނގު ދެކުނު، އިރުދެކުނު ފަރާތުގައި ބްރިޖެއްވެސް. އެހެންވީމާ އެނގޭ މި ފިކުރެއް އޮޔާ ނުދާނެކަން." ރައީސް ވިދާޅުވިއެވެ.
ފިކުރު ބަދަލު ނުވެ ހުރި ރާއްޖޭގެ ހަމައެކަނި ސިޔާސީ ލީޑަރަކީ އެމަނިކުފާނުކަމަށް ޝަރަފާއި އުފަލާއެކު ވިދާޅުވާން ކެރިވަޑައިގަންނަވާކަމަށްވެސް، ރައީސް މިއަދު ވިދާޅުވިއެވެ.
ހަމައެހެން،މެ، ރައީސް ވަނީ އެމްޑީޕީ ވެރިކަމުގައި އޮތްއިރު އޭރު އިދިކޮޅުގައި ތިބި ފަރާތްތަކުން ބަޖެޓަށް ވޯޓު ނުލާކަމަށް ބުނެފައިވާ ބުނުމަށް ރައްދު ދެއްވާފައެވެ. އެގޮތުން، އޭރު އެމްޑީޕީ އަކަށް މަޖިލީހުގެ އަޣުލަބިއްޔަތެއް ނެތްކަމުގަޔާއި، އޭރުގެ އިދިކޮޅުގެ ވޯޓު ނެތި، އެމްޑީޕީ އަށް ބަޖެޓެއް ފާސް ނުކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
"ބަލަ ކަލޭމެން އިދިކޮޅުގައި ތިބި އިރުވެސް ސަރުކާރު ބަޖެޓަކަށް ވޯޓެއް ނުދެއޭ. މިވެސް އަޅުގަނޑު ސަމާސާ ރާގަކަށް ދަންނަވާލާނަން. އޭރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޖުމުލަ އަދަދަކީ 77... އެހެންވީމާ ހިސާބުން ދެކޮޅު ޖެހޭތޯ ބައްލަވާ. ރައީސް ނަޝީދު ހުވާ ކުރައްވައިގެން ދައުރު ފެއްޓެވިއިރު، ޖެހިގެން އައި އަހަރު އޮތް އިންތިޙާބެއް، ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބު އޮތް. ރާއްޖޭގެ ދާއިރާތަކުން ރައީސް ނަޝީދަކަށް ތާއީދެއް ނެތް. އެހެންވީމާ ތިޔަ ބޭފުޅުންގެ ޚިޔާލަށް ގެންނަވާ. 26 ވޯޓުން ބަޖެޓެއް ފާސްކުރަން ކިހިނެއްތޯ އަޣުލަބިއްޔަތު ލިބޭނީ. ހިސާބު ކުރައްވާ، އަޅުގަނޑުމެންގެ ވޯޓު ނުލާ އެންމެ 26 މެންބަރުން ތިބެގެން 77 ގެ ތެރެއިން ކޮން އަޣުލަބިއްޔަތެއް ތޯ ލިބޭނީ، އަމިއްލަ ބާރުގައި އެބޭފުޅުންގެ މެންބަރުންގެ ވޯޓުން ބަޖެޓު ފާސްކުރަން." ރައީސް ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ.
މައުމޫނު ގުޅުނަސް އެމްޑީޕީ ވާނީ އެމްޑީޕީ އަށް - ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ