މަޖިލީހުން ސުޕްރީމް ކޯޓަށް: އިމުން ބޭރުވާ ނަމަ ފިޔަވަޅު އަޅާނަން

ރައްޔިތުންގެ މަޖިލީހުގެ ބާރުތަކާއި އެހެން ވެސް މުއައްސަސާތަކުގެ އިމަށް ސުޕްރީމް ކޯޓުން އަރައިގަންނަ ނަމަ، އެކަމުގައި އެކަށީގެންވައި ފިޔަވަޅު ރައްޔިތުން މަޖިލީހުން ސުޕްރީމް ކޯޓާ މެދު އަޅާނެ ކަމަށް ބުނާ ގަރާރެއް މަޖިލީހަށް ހުށަހަޅައިފި އެވެ. އަބްދުﷲ ދީދީގެ ސަސްޕެންޝަނަށް އަމަލު ނުކުރުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރާ ހިލާފަށް މަޖިލީހުން ވެސް ކަމެއް ނުނިން މުމަށް އަންގައި އެ ކޯޓުން ހޯމަ ދުވަހު ނެރުނު އަމުރުގެ މައްސަލަ މަޖިލީހުގެ ރިޔާސަތުން ވަނީ މިއަދު ތަޅުމަށް ހުށަހަޅައިފަ އެވެ. އެ މައްސަލައިގެ ބަހުސްގެ މަރުހަލާގައި ތުޅާދޫ ދާއިރާގެ މެންބަރު ވަނީ ސުޕްރީމް ކޯޓަށް ގިނަ ކަންތައްތަކަށް އިލްތިމާސް ކުރާ ދިގު ގަރާރެއް ހުށަހަޅުއްވައިފަ އެވެ. އެ ގަރާރަށް ގިނަ މެންބަރުން ވަނީ ތާއީދުވެސް ކުރައްވައިފަ އެވެ. ހިސާން އެ ގަރާރު ހުށަހަޅުއްވަމުން ވިދާޅުވީ، ސުޕްރީމް ކޯޓުން އަމުރު ނެރެފައި ވަނީ މަޖިލީހާއި މަޖިލީހުގެ ކޮމިޓީތަކުން ނިންމާ ކަމަކަށް ގޮތް ކިޔުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެން ނުވާކަމަށް ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ސާފު ބަހުން ބުނެފައި ވަނިކޮށް ގާނޫނުގައި ކަނޑައެޅިފައިވާ އެ އުސޫލުތަކާ މުޅިން ހިލާފަށް ކަމަށެވެ.ގާނޫނުތަކުގައި އެހެން އެކަން އޮއްވައި، އެ އަމުރަށް މަޖިލީހުން ތަބާވާނަމަ އެއީ ގާނޫނުއަސާސީއިން މަޖިލީހަށް ލިބިފައިވާ ބާރުތައް ދޫކޮށްލުން ކަމަށް ހިސާން ވިދާޅުވި އެވެ. އޭގެ ސަބަބުން ދައުލަތް ހިންގުމުގެ ނިޒާމް ބޮއްސުންލައިގެން ގޮސް، ދައުލަތް ތަރުތީބު ވެފައިވާ ނިޒާމް އޮޅުންބޮޅުންވާނެ ކަމަށް ހިސާންގެ ގަރާރު ހުށަހަޅުއްވަމުން ވިދާޅުވި އެވެ. "... ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރެފައިވާ ހަވާލާދެވުނު ކޯޓް އަމުރަކީ މި މަޖިލީހުގެ ބާރުތަކުގެ މައްޗަށް އަރައިގަނެވޭނެ ގޮތަށް ގާނޫނު އަސާސީއާ ހިލާފަށް ކޮށްފައި އޮތް ޣައިރު ގާނޫނީ އަމުރެއް ކަމަށް އިގުރާރުވެ އަދުލު އިންސާފު ގާއިމްކުރުމުގެ ތެރޭގައި ހިމެނޭ އެންމެ އިސް އިސްތިއުނާފީ ކޯޓްގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ގާނޫނުން ލިބިދީފައިވާ ބާރުތަކަށް އިހުތިރާމްކުރުމުގެ މަތީ ދެމި އޮތުމަށް އިރުޝާދު ދިނުމަށާއި، އެ ބާރުތަކުގެ އިމުން ބޭރުވެ ރައްޔިތުން މަޖިލީހުން ލިބިފައިވާ އެއްވެސް ބާރަކަށް އަރައިގަނެ މި މަޖިލީހުގެ މައްޗަށް އެއްވެސް ނުފޫޒެއް ފޯރުވައިފި ނަމަ، ދިވެހިރާއްޖޭގެ ރައްޔިތުންގެ ފަރާތުން ބަސްބުނާ މަޖިލީހުގެ ބާރުތަކާއި އެ މަޖިލީހުގެ ދުސްތޫރީ ބާރުތައް ނެގެހެއްޓުމަށް ޓަކައި އަޅާން ޖެހޭ އެންމެހާ ފިޔަވަޅުތައް މި މަޖިލިސް އިގުރާރުވަމެވެ،" ހިސާން ހުށަހެޅުއްވި ގަރާރުގައިވެ އެވެ. އެ ގަރާރުގައި ހިސާން ވިދާޅުވީ، މިފަދަ އަމުރުތަކަކީ މަޖިލިސް ނުވަތަ މަޖިލީހުގެ އެއްވެސް މެމްބަރަކު ބަނދެވޭނެ އަމުރުތަކެއް ނޫން ކަމަށެވެ. އަދި މަޖިލީހުން ކަންކުރާނެ ގޮތް ނިންމާނީ ވެސް، ހަމަ ސީދާ މަޖިލީހުން ކަމަށް ވެސް ގާނޫނު އަސާސީ އާއި ގާނޫނުތަކުން ސާފުކޮށް އެނގޭ ކަމަށް ވެސް ހިސާން ފާހަގަ ކުރެއްވި އެވެ. މި ގަރާރަށް މިއަދު މަޖިލީހުގައި ވޯޓަށް އަހައި ފާސްކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ