ފަނޑިޔާރު އަބްދުﷲ ދީދީ ޖޭއެސްސީއަށް ލިޔުމުން ޖަވާބުދާރީ ވެވަޑައިގެންފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއާ ގުޅޭގޮތުން މިހާރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުން އަންނަ ސުލޫކީ މައްސަލައާ ގުޅިގެން އޭނާ އެ ކޮމިޝަނަށް 43 ސަފުހާއިން ރައްދުދެއްވައިފިއެވެ. ފަނޑިޔާރު އަބްދުﷲ ދީދީގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް ކުރައްވާފައިވާ ޓްވިޓެއްގައި ވިދާޅުވެފައިވަނީ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ޖޭއެސްސީން ހިންގި އޭފޯ ސައިޒުގެ ފޮޓޯ ކޮޕީ ކަރުދާހުގެ ފަސް ސޮފްހާގެ ބޮޑު ތަހުގީގަށް ފަނޑިޔާރު ދީދީ 43 ސޮފްހާއިން ޖަވާބުދާރިވެވަޑައިގެންފައިވާ ކަމަށެވެ. އަދި ޖޭއެސްސީންވެސް ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ. މިމަހުގެ 20 ވަނަ ދުވަހު އާންމުކޮށް ހުޅުވާލައިގެން ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ ތަހުގީގުގައި ފަނޑިޔާރު އަބްދުﷲ ދީދީ އަށް ވަނީ އެ މައްސަލައާ ގުޅިގެން ލިޔުމުން ޖަވާބު ހުށަހަޅަން ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ. ފަނޑިޔާރު އަބްދުﷲ ދީދީއާ ގުޅޭގޮތުން ގިނަ މައްސަލަތަކެއް ހުށަހެޅިފައިވެއެވެ. އޭގެތެރެއިން މިހާރު އެ ކޮމިޝަނުން ތަހުގީގު ކުރަމުންދަނީ ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައެއްގައި އޭނާއާ ގުޅޭގޮތުން ފާހަގަވެފައިވާ ކަމަކާ ގުޅިގެން ބަލާ ސުލޫކީ މައްސަލައެކެވެ. ފުލުހުން ތަޙްޤީޤު ކުރަމުންދާ އެމްއެމްޕީއާރްސީގެ މައްސަލަ އާއި ގުޅޭ ހެކިތަކެއް ލިބިފައިވާ ކަމަށް ބުނެ ފުލުހުން ޖޭއެސްސީއަށް ހުށަހެޅި ސިޓީ އެ އަޑުއެހުމުގައި ވަނީ އިއްވާފައެވެ. އެ ސިޓީއަށް ޖަވާބުދެއްވަމުން ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވީ ފަނޑިޔާރު ކަމުގައި ހުރެ ދުވަހަކު ވެސް ރިޝްވަތު ނަގާފައި ނުވާނެ ކަމަށެވެ. ދީދީގެ މައްޗަށް ފުލުހުން ތުހުމަތު ކުރާ އެއް މައްސަލައަކީ އެމްއެމްޕީއާރްސީގެ މައްސަލައިގައި ހިމެނޭ މީހެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގި ކަމަށް ބުނާ މައްސަލައެކެވެ. ދެވަނަ މައްސަލަ އަކީ ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުނު މައްސަލައިގައި ދައުވާ އުފުލި މީހަކު ދޫކޮށްލި މައްސަލައެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ