ވަގުން ހޯދަން ރައްޔިތުން ނިކުތުމުން ދިއްފުށީގައި ބޮޑު ހަމަނުޖެހުމެއް

ކ ދިއްފުށީގައި ވައްކަން ކުރުން އިތުރުވެ އެކަން ނުހުއްޓުވި ގިނަ ދުވަސް ވުމުން ވަގުން ހޯދަން ރައްޔިތުން ނިކުތުމުން އެރަށުގައި މިރޭ ބޮޑު ހަމަނުޖެހުމެއް ހިނގައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ދިއްފުށީގައި ވައްކަން ކުރުން އިތުރުވެފައިވާއިރު ރޭވެސް ފިހާރައެއް ފަޅާލައި ގިނަ އަދަދެއްގެ ފައިސާވަނީ ނަގާފައެވެ.
އެކަމާއި ގުޅިގެން މިރޭ ރޯދަ ވީއްލުމަށްފަހު ރައްޔިތުން އެފައިސާ ހޯދަން ނިކުމެ އުޅެނިކޮށް އެރަށުގެ ގެއެއްގެ ތެރެއިން އޭގެން ބައެއް ފައިސާ ފެނިފައިވާކަމަށް ދިއްފުށިން ވާހަކަދެއްކި ބައެއް މީހުން ބުނެއެވެ.
އެފައިސާ ފެނުމުން ވައްކަން ކުރިކަމަށް ބެލެވޭ މީހާ ހޯދަން އުޅެނިކޮށް އޭނާވަނީ ވަޅިއެއް ހިފައިގެން މީހުންގެ ތެރެއަށް ނިކުމެފައެވެ. އަދި އޭނާއާއި އެއްވި މީހުންނާ ދެމެދު ހިނގި ހަމަނުޖެހުމުގައި ދެމީހަކުވަނީ ޒަހަމްކޮށްލާފައެވެ.
ފުލުހުން ބުނީ ދިއްފުށީގައި މިރޭ އިރާކޮޅު ހިނގި ހަމަނުޖެހުމެއްގައި ޒަހަމްވި ދެމީހުންގެ ތެރެއިން އެކަކަށް އެރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާއިރު އަނެއް މީހާއަށް އައިޖީއެމްއެޗްގައި މިހާރު ފަރުވާދެމުން ގެންދާ ކަމުގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އައިޖިއެމްއެޗްގައި ފަރުވާދެމުން ގެންދާ މީހާގެ އަތުގެ ނާރެއްވަނީ ބުރިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ