ޕީޕީއެމް ވަރުގަދަކުރުމަށް ޖަމީލާއި އުމަރު ނުކުންނަވަނީ

އިދިކޮޅު މައި ޕާޓީގެ ގޮތުގައި ހަރަކާތްތެރިވަމުންދާ ޕީޕީއެމް ވަރުގަދަކުރުމަށް އެޕާޓީގެ ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ ފުރަތަމަ ހޯމް މިނިސްޓަރު އުމަރު ނަސީރާއި، އިތުބާރުނެތްކަމަށް މަޖިލީހަށް ހުށަހަޅައި މަގާމުން ވަކިކުރެއްވި ރައީސް ޔާމީންގެ އިނތިހާބީ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ޝައުގުވެރިކަން ފާޅުކުރައްވައިފިއެވެ.
''ވަންއޮންލައިން'' އަށް އެނގިފައިވާ ގޮތުގައި އެދެބޭފުޅުންވެސް ޕީޕީއެމް ވަރުގަދަކުރުމަށް ރައީސް ޔާމީންއާ ގުޅިވަޑައިގެން ކުރިއަށް ވަޑައިގަތުމަށް ޝައުގުވެރިކަން ފާޅުކުރައްވައި، އެކަން ރައީސް ޔާމީނަށް ވަނީ ހުށަހަޅުއްވައިފައެވެ.
އަދި ރައީސް ޔާމީން މިހާރުވަނީ އެބޭފުޅުންގެ އެހުށަހެޅުން ކައުންސިލާ ހިއްސާކުރައްވަިފައެވެ.
ޕީޕީއެމްގެ ކައުންސިލު މެންބަރަކު ''ވަންއޮންލައިން'' އަށް މައުލޫމާތު ދެެއްވަމުން މިއަދު ވިދާޅުވީ އުމަރު ނަސީރު އާއި ޑރ. ޖަމީލު ޕީޕީއެމްއާ ގުޅިވަޑައިގަތުމުގެ ޝައުގުވެރިކަން ރައީސް ޔާމީނަށް ހުށަހެޅުއްވުމާއި ގުޅިގެން އެކަމާބެހޭ ގޮތުން އިއްޔެގެ ވަގުތެއްގައި ރައީސް ޔާމީން ކައުންސިލާއި ބައްދަލުކުރެއްވި ކަމަށެވެ.
އަދި އެބައްދަލުވުމުގައި ޕާޓީގެ އެތެރޭގެ އިންތިހާބު ބޭއްވެންދެން، ޕާޓީގެ ލީޑާޝިޕުން މަގާމެއް ދިނުމާއި ބެހޭ ގޮތުން ރައީސް ޔާމީން ހުށަހެޅުއްވި ކަމަށާއި އެކަމަށް ކައުންސިލުން އެއްބަސްވެފައިވާކަމަށްވެސް ބުނެފައިވެއެވެ.
އޭގެ އިތުރުން ޕާޓީ ވަރުގަދަކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް އިސް ބޭފުޅުންގެ ތެރެއިން ފަސްމެންބަރުންގެ ކޮމެޓީއެއް އެކުލަވައިލައި، އެހެން ޕާޓީތަކާއި އެކޮމެޓީން މަޝްވަރާކުރާގޮތަށް ރައީސް ޔާމީން ލަފާދެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.
އެމައުލޫމާތާއި ގުޅިގެން ކުރީގެ ނައިބު ރައީސް ޑރ. ޖަމީލަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ ޖަމީލުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.
ނަމަވެސް ''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން އުމަރު ނަސީރު ވިދާޅުވީ އެންމެފަހުން ބޭއްވި ތިން އިންތިހާބުގައިވެސް ޕީޕީއެމަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައިވާތީ، ޕާޓީ ވަރުގަދަކޮށް ޕާޓީއާ ގުޅުމުގެ ޝައުގުވެރިކަން ރައީސް ޔާމީނަށް ހުށަހަޅުއްވާފައިވާނެ ކަމަށެވެ.
އުމަރު ވިދާޅުވީ އިދިކޮޅު މައި ޕާޓީއަކީ ޕީޕީއެމް ކަމަށާއި ޕީޕީއެމް ވަރުގަދަކޮށް ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
އަދި ޕީޕީއެމް އަލުން އާ މިސްރާބަކަށް ދާންޖެހޭ ކަމަށާއި ޕާޓީގެ ހަރަކާތްތައް ވަރުގަދަކުރަންޖެހޭ ކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ޕީޕީއެމްގެ އިސް މަގާމެއް ބޭނުން ނުވާކަމަށާއި އަބަދުވެސް ޕްރައިމަރީން ކަންކަން ނިންމުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ