ގދ. ތިނަދޫ ސްކޫލްތަކުގެ ދަރިވަރުންނަށް ސްކޫލް ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް ފަށައިފި

ސްކޫލް ދަރިވަރުންނަށް އަމާޒުކޮށް ފުލުހުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން، ގދ. އަތޮޅު ޕޮލިހާއި ޓްރެފިކް މެނޭޖްމަންޓް ޑިޕާރޓްމަންޓް ގުޅިގެން ގދ. ތިނަދޫ ސްކޫލްތަކުގެ ދަރިވަރުންނަށް ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް ފަށައިފިއެވެ.
މިޕްރޮގްރާމްގައި، އެއްގަމު ދަތުރު ފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާއި، އަމިއްލަ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން ސެލްފް ޑިފެންސް ކްލާސްތައް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. އަދި މަގުމަތީގައާއި ޚާއްޞަކޮށް ސްކޫލް ސަރަޙައްދުގައި ޙަރަކާތްތެރިވާ ދަރިވަރުން ޢާންމުންނާ މުޢާމަލާތު ކުރުމުގައި ވާހަކަ ދެއްކުމުގެ ރީތި އަދަބުތައް ގެންގުޅުމާއި ގުޅޭގޮތުންނާއި ދިވެހިބަހުގެ ހަމަތަކާއި އުސޫލުތައް ހިމެނޭ ކޮމިއުނިކޭޝަން ސްކިލްސްގެ ކްލާސްތައް މިޕްރޮގްރާމްގައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. އަދި މީގެއިތުރުން މަގުމަތީގައި ދަރިވަރުންނަށް ޕްރެކްޓިކަލް ސެޝަންތަކެއްވެސް ކުރިޔަށް ގެންދާގޮތަށްވަނީ ހަމަޖެހިފައެވެ.
އެޕްރީލް 21ން 26ށް ކުރިއަށް ގެންދާ ޓްރެފިކް މޮނިޓަރސް ޕްރޮގްރާމްގައި، ގދ. ތިނަދޫގައި ހުންނަ އަތޮޅު ތަޢުލީމީ މަރުކަޒާއި، ތިނަދޫ ސްކޫލާއި އަދި ތިނަދޫ އަބޫބަކުރު ސްކޫލް ހިމެނޭ ގޮތަށް ޖުމްލަ 60 ދަރިވަރުން ބައިވެރިވެފައިވެއެވެ.
ޓްރެފިކް މޮނިޓަރސް ޕްރޮގްރާމަކީ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން ސްކޫލުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ސްކޫލު މަދަރުސާ ހިމެނޭ ސަރަޙައްދުގެ ޓްރެފިކް ބެލެހެއްޓުމުގައި ސްކޫލް މަދަރުސާގެ ދަރިވަރުންގެ ބައިވެރިވުން އިތުރުކޮށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރި، ޓްރެފިކް މައްސަލަތައް ޙައްލުކުރުމުގެ ރޫހު އަށަގަންފައިވާ ދަރިވަރުންތަކެއް އުފެއްދުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ