އަދީބު ފިލީ ބަންދު އަމުރަކަށް ސުޕްރީމް ކޯޓުގައި އެދިފައި ވަނިކޮށް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިލައިގެން ޓަގް ބޯޓެއްގައި ގޮސްފައިވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ އަމުރަކަށް ސުޕްރީމް ކޯޓުގައި އެދިފައި ވަނިކޮށް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވެއްޖެ އެވެ. އަދީބު ފިލައިގެން ގޮސްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އޭނާ ފިލިކަން އެނގުނީ އިންޑިއާގެ ޓަމިލްނާޑޫގެ ޓުޓިކޮރިން ބަނދަރުން ވަންނަން އުޅެނިކޮށް އެތަނުގެ ފުލުހުން ހިފެހެއްޓުމުން އެވާހަކަ އެ ތަނުގެ ނޫސްތަކުގައި ރިޕޯޓު ކުރުމުންނެވެ. ޅ. މާބިންހުރާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ކުއްޔަށްދިން ކުރެއްދޫ ހޯލްޑިންގްސް އިން އެމްއެމްޕީއާރްސީއަށް ދިން އެއް މިލިއަން ޑޮލަރަށް ހިޔާނާތްތެރިވި މައްސަލައިގައި އަދީބަށް އިއްވި އަށް އަހަރުގެ ޖަލު ހުކުމް ބާތިލު ކުރި މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުން މިހާރު އެ މައްސަލަ އޮތީ ސުޕްރީމް ކޯޓުގަ އެވެ. އިސްތިއުނާފީ މައްސަލައިގައި ގޮތެއް ކަނޑައަޅަން ދެން ޖޫން، 24 ވަނަ ދުވަހު ސުޕްރީމް ކޯޓުން އޭނާގެ ޕާސްޕޯޓު ހިފެހެއްޓި އެވެ. ޕީޖީ ބިޝާމް މިރޭ 'ސަން' އަށް ވިދާޅުވީ، ޖޫން ދެ ވަނަ ދުވަހު އެ މައްސަލައާ ގުޅިގެން އެ މައްސަލަ ނިމެންދެން އަދީބު ބަންދު ކުރުމުގެ އަމުރަކަށް ސުޕްރީމް ކޯޓުގައި އެދިފައިވާނެ ކަމަށެވެ. "ސުޕްރީމް ކޯޓުގައި އިލްތިމާސްކުރި ޅ މާބިންހުރާ މައްސަލާގައި އެ ކޯޓުން ގޮތެއް ކަނޑައަޅަންދެން އަދީބު ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް އޭރު އެދިފައިވާނެ." ޕީޖީ ބިޝާމް ވިދާޅުވި އެވެ. އޭގެ އިތުރުން ކޯޓަށް ހާޒިރު ނުވެދާނެ ކަމަށް ޓަކައި އަދި ފިލާފާނެ ކަމަށް ޝައްކު ކުރެވޭތީ އަދީބު ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށްވެސް އެދުނު ކަމަށް ބިޝާމް ވިދާޅުވި އެވެ. އަދީބު ބަންދު ކުރުމުގެ އަމުރު ނެރެދިންތޯ 'ސަން' އިން ސުވާލު ކުރުމުން ބިޝާމް ވިދާޅުވީ "ނެރެއެއް ނުދޭ" ކަމަށެވެ. ބަންދު ކުރުމުގެ އަމުރަކަށް އެދުނީ ފުލުހުން އެކަމަށް އެދުމުން ކަމަށްވެސް ޕީޖީ ވިދާޅުވި އެވެ. ޖޫން ދެވަނަ ދުވަހު ޕީޖީ އޮފީހުގެ ފަރާތުން ސުޕްރީމް ކޯޓުގައި އެފަދަ އަމުރަކަށް އެދިފައިވާއިރު ، އަދީބު ބޭސްފަރުވާއަށް އިންޑިއާގެ ޕޫނާއަށް ގޮސްފައިވަނީ ޖޫން 14 ވަނަ ދުވަހު އެވެ. އޭނާ އެނބުރި ރާއްޖެ އައީ ޖުލައި ހައެއް ގައެވެ. ރައްޖެ އައިތާ ދުވަސްކޮޅެއް ނުވަނީސް އަދީބު ވަނީ މިނިވަން ވެފަ އެވެ. ފުލުހުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެކުވެރި ގައުމުތަކާ ގުޅިގެން އަދީބު ރާއްޖެ ގެނައުމުގެ މަސައްކަތް ފުލުހުން ފަށާފައިވާ ކަމަށެވެ. އަދި އޭނާ ފިލުވުމުގައި ބައިވެރިވި ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ނެރުނު ކުރު ބަޔާނު ބުންޏެވެ. އިންޑިއާގެ އިންޓެލިޖެންސް އިދާރާ، ރިސާޗް އެންޑް އެނެލިސިސް ވިންގް (ރޯ)އާއި ކަސްޓަމްސްއާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ބުނަނީ، އަދީބު އިންޑިއާއަށް އެތެރެވާން މަސައްކަތް ކުރީ، އިންޑޮނޭޝިޔާގެ އަށް މީހަކާއި ތަމަޅަ އެކަކު ހުރި ޓަގްބޯޓެއްގައި ކަމަށެވެ. އެ ބޯޓްގައި ތިބި، ނުވަ މީހުންގެ އިތުރުން 10 ވަނަ މީހަކަށް އެ ބޯޓްގައި ހުރީ ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުކަން ކަށަވަރުކުރެވިފައިވާ ކަމަށް ވެސް ނޫސްތަކުން ބުންޏެވެ. އަދީބު މިހާރު ވަނީ އިންޑިއާގެ ސިޔާސީ ހިމާޔަތަށް އެދިފަ އެވެ. އެގޮތަށް އެދިފައިވަނީ އޭނާގެ ފުރާނައަށް ރާއްޖޭގައި ނުރައްކާ އޮތް ކަމަށް ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ