“މ. ޝެރިފްގައި ހިންގި ސެލޫން އަކީ އަޅުގަނޑުގެ ތަނެއް ނޫން.” – ޝެއިޚް އަލީ ޝަރީފް

ޝެއިޚް އަލީ ޝަރީފު 23 ޑިސެމްބަރު މުޒާހަރާގައި. ފޮޓޯ: ހަވިރުމ. ޝެރިފްގައި ހިންގަމުންދާ ސެލޫންގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔައީ އެބޭފުޅާ ނޫންކަމުގައި ޝެއިޚް އަލީ ޝަރީފް ވިދާޅުވެއްޖެއެވެ. މ. ޝެރިފް ގޭގައި ހިންގަމުން ދިޔަ ސެލޫން އަކީ ޝެއިޚް އަލީ ޝަރީފްގެ ތަނެއްކަމަށް ދެކެވޭ ވާހަކަ އާއި ގުޅިގެން ދިއިސްލާމްއިން ޝެއިޚް އަލީ ޝަރީފް އަށް ސުވާލު ކުރުމުން އެބޭފުޅާ ވިދާޅުވީ އެއީ އެބޭފުޅާ އާއި އެބޭފުޅާގެ 2 ބެއިންގެ ގެއެއްނަމަވެސް އެކަމުގައި އެއްވެސް ބައިވެރިވުމެއް ނޯންނާނެކަމަށެވެ. “މ. ޝެރިފް ގެ އަކީ އަޅުގަނޑާއި އަޅުގަނޑުގެ 2 ބެއިންގެ ގެއެއް. އެގޭގެ ފްލޯރ އެއް ވާނީ މުހައްމަދު ވަހީދު (ދަފްތަރު: 3941) އަށް ކުއްޔަށް ދީފައި. އަޅުގަނޑުމެން ގެ ގޭގައި ބަދު އަޚުލާގީ އަމަލު ހިންގަމުން އަންނަ ކަމުގެ ޝަކުވާ ލިބުމުން އަޅުގަނޑުވާނީ 2011 ވަނަ އަހަރުގެ ޖުލައި 17 ގައި ލިޔުމަކުން އެފަދަ ޝަކުވާ ލިބޭކަމަށާއި އެފަދަ ކަން ނުކުރުމަށް ލިޔުމުން އަންގާފައި. އަދި އޭރު ފުލުހުންނަށް ވާނީ އެކަން ރިޕޯޓްވެސް ކޮށްފައި. އެހެނަސް ފުލުހުންވަނީ އެތާގައި އެފަދަ އަމަލުތައް ހިންގާކަން ޔަގީން ވުމުން ނޫނީ އެތަން ބަންދު ނުކުރެވޭނެކަމަށް ބުނެފައި. އަޅުގަނޑުމެންވެސް މިތިބީ އެގްރިމެންޓެއް ހަދައިގެން އެފަދަ އަމަލެއް ކުރާކަން ފަޅާ އެރުމުން ނޫނީ އެގްރީމެންޓް ބާތިލް ކުރެވޭކަށް ނެތް. ދެން އަޅުގަނޑުވެސް އިންތިޒާރު ކުރަމުން މިއައީ އެތަން ބަންދު ކުރާނެ ދުވަހަކަށް.” ޝެއިޚް އަލީ ޝަރީފް ވިދާޅުވިއެވެ. ޝެއިޚް އަލީ ޝަރީފް އާއި މެދު އެމްޑީޕީގެ ބައެއް ފަރާތްތަކުން ޝޯޝަލް ނެޓްވޯކްތަކުގައި ފަތުރަމުންދާ ދޮގު ވާހަކަތަކަށް ރައްދު ދެއްވަމުން އިތުރަށް ވިދާޅުވީ ” ހަށިވިއްކުން ފަދަ އިސްލާމްދީނާއި ޚިލާފް އަމަލުތައް ހުއްޓުވުމުގައި އަޅުގަނޑު އަބަދުވެސް ކުރީ ސަފުގައި ހުންނާނަން ބަޔަކު ހިތްހަމަ ނުޖެހުނަސް. އިންޝާﷲ. އޭރުގެ ސަރުކާރުން ހަށިވިއްކާ ތަންތަން ބަންދުކުރުމާއި މެދު އިހުމާލުވެފައިވާތީ އަޅުގަނޑު ވާނީ 23 ޑިސެމްބަރު މުޒާހަރާގައި އެފަދަ ކަންކަން ހުއްޓުވުމަށް އަމަލީ ގޮތުން އިސް ސަފުގައި ހަރަކާތްތެރިވެފައި. އެތަން ބަންދު ކުރީމާ މިހާރު މިހުރީ ވަރަށް ހިތްހަމަ ޖެހިފައި”ކަމަށެވެ. 23ޑިސެމްބަރުގެ ޑިމާންޑްތަކުގެ ތެރޭގައި ހިމެނޭ ‘ހަށިވިއްކާ ތަންތަން’ ބަންދު ކުރުމުގެ އަމަލީ މަސައްކަތް ދާދިފަހުން ވަނީ ފަށާފައެވެ. މިހާތަނަށް 2 ތަން ވަނީ ފުލުހުން ވަދެ ‘ރެޑްހޭންޑް’ކޮށް ހިފާ އެތަންތަން ބަންދުކޮށްފައެވެ. ހަށިވިއްކާ ތަންތަން ބަންދުކުރާތީ މަދު ބަޔަކު ހިތްހަމަނުޖެހުނަސް އެފަދަ ތަންތަން ބަންދުކުރުމަށް ފުލުހުން ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ