ރާއްޖެ އަށް މިހާރު ވަޑައިގެން އުޅުއްވާ އދ.ގެ ސިޔާސީ ކަންތައްތަކާ ބެހޭ އިދާރާގެ ޓީމް ލީޑާ މިސްޓާ ހިޓޯކީ ޑެން އާއި އޭނާގެ ވަފްދުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބައްދަލުކުރައްވައިފި އެވެ.
އެ ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު ރައީސް މައުމޫންގެ އޮފީހުގަ އެވެ.
ރައީސް މައުމޫންގެ އޮފީހުން ބުނީ، އެ ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ރިޔާސީ އިންތިޚާބުގެ ކަންތައްތައް ވަމުންދާގޮތާއި މިހާރުގެ ސިޔާސީ މަސްރަޙުގައި ކަންތައްތައް ހިނގަމުންދާ ގޮތާ ބެހޭ ގޮތުން ދެފަރާތުން ވެސް ޚިޔާލުބަދަލުކުރެއްވި ކަމަށާއި ޚާއްޞަކޮށް ރާއްޖޭގެ ރައީސްއަކު ހޮވުމަށް ބާއްވާ އިންތިޚާބަކީ ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވާ ގައިޑްލައިނާ އެއްގޮތަށް ބޭއްވޭ ދެފުށް ފެންނަ، މިނިވަން، ހަމަހަމަ، ޞުލްޙަވެރި އިންތިޚާބަކަށް ވުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ރައީސް މައުމޫން މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ކަމަށެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވި މަލްޓި ޕާޓީ އިލެކްޝަންގައި ރައީސް މައުމޫން ގެންގުޅުއްވި ހަރުދަނާ ސިޔާސަތަށް ޓަކައި އދ.ގެ ސެކްރެޓަރީ ޖެނެރަލް ރައީސް މައުމޫނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމުގައި ވެސް އދ.ގެ ވަފްދުގެ ލީޑަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ކަމަށް ރައީސް މައުމޫންގެ އޮފީހުން ބުންޏެވެ.
އދ.ގެ ވަފްދުގައި ހިމެނިވަޑައިގަންނަވަނީ ވަފްދުގެ ޓީމް ލީޑަރު ހިޓޯކީ ޑެންގެ އިތުރުން ޔޫއެން ރެސިޑެންޓް ކޯޑިނޭޓަރު މިސްޓާ ޓޯނީ ލައިލް އާއި ސީނިއާ އިލެކްޓޯރަލް އެޑްވައިޒާ ޖަޖް ޖޯހަން ކްރީގްލާ އާއި ޕީސް އެންޑް ޑިވެލޮޕްމަންޓް އެޑްވައިޒަރު މިސްޓާ ކްރެއިގް ކޮލިންސް އެވެ. އަދި އެ ބައްދަލުކުރެއްވުމުގައި ރައީސް މައުމޫންގެ އަރިހުގައި ޑޮކްޓާ އާއިޝަތު ޝިހާމް އާއި އިސްމާއީލް ފާއިޒް އަދި އަހުމަދު ފާރިސް މައުމޫން ބައިވެރިވެ ވަޑައިގެންނެވި އެވެ.
އދ.ގެ ސިޔާސީ ކަންތައްތަކާ ބެހޭ އިދާރާގެ ވަފްދާ މައުމޫން ބައްދަލު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ