ބޭލް ޓޮންޓެންހަމްއަށް ފޮނުވަން އެއްބަސްވެއްޖެ

ޓޮޓެންހަމް ހޮޓްސްޕާސްއިން ރެއާލް މެޑްރިޑަށް 2013 ވަނަ އަހަރު ބަދަލުވި، ގެރެތު ބޭލް އަލުން ސްޕާސްއަށް ދޫކޮށްލަން ރެއާލްއިން އެއްބަސްވެއްޖެ އެވެ.
ބޭލް ސްޕާސްއަށް ބަދަލުވާނީ ލޯން އުސޫލުންނެވެ. ސްޕާސްގައި ބޭލް ކުޅުނަސް ރެއާލްގެ ކޮންޓްރެކްޓްގެ ދަށުން އޭނާ އަށް މުސާރައިގެ ގޮތުގައި ލިބޭ 600،000 ޕައުންޑްގެ ބައެއް ރެއާލްއިން ދޭނެ އެވެ. ޓޮޓެންހަމްގައި ހުރެފައި ބޭލް ރެއާލްއަށް ބަދަލުވީ އޭރު ދުނިޔޭގެ ރެކޯޑް ފީ އަކަށެވެ.
ދަ ގާޑިއަން ނޫހުން ބުނީ، ބޭލްގެ ޓްރާންސްފާއަށް ދެ ކުލަބުގެ ދެމެދުގައި އަނގަބަހުން އެއްބަސްވުމަކަށް ގޮސްފައިވާ ކަމަށެވެ. މިހާރު ކުރިއަށް ދަނީ ލިޔެކިޔުން ފުރިހަމަ ކުރުމުގެ މަސައްކަތް ކަމަށާއި މި ހަފުތާ ނިމުގެ ކުރިން ޓްރާންސްފާ ފައިނަލު ވާނެ ކަމަށް ބެލެވޭ ކަމަށެވެ.
ރެއާލްގެ ޑިފެންޑަރު ސާޖިއޯ ރެގީލޯންގެ ޓްރާންސްފާއަށްވެސް، ދެ ކުލަބުގެ ދެމެދުގައި ވަނީ އެއްބަސްވުމަކަށް އައިސްފަ އެވެ. ބޭލް އާއި ރެގީލޯން ގެންދިއުމަށް މަސައްކަތް ކުރީ ސްޕާސްގެ ކޯޗް ހޯޒޭ މޮރީނިއޯގެ ކުރީގެ ޓީމު މެންޗެސްޓާ ޔުނައިޓެޑުންނެވެ. ނަމަވެސް ރެގީލޯންގެ ޓްރާންސްފާގެ މަރުހަލާގައި ރެއާލްއިން ހުށަހެޅީ އެ ކުލަބުން ބޭނުންނަމަ ރެގީލޯން އަނބުރައި ގަތުމުގެ އިހްތިޔާރު ދިނުމަށެވެ.
އެހެންނަމަވެސް އެ ހުށަހެޅުމާ ޔުނައިޓެޑުން އެއްބަސް ނުވި އެވެ. ޓޯޓެންހަމްއިން ނިންމީ އެގޮތަށްވެސް އެއްބަސްވެ ރެގީލޯން އެ ޓީމަށް ގެނައުމަށެވެ. ބޭލްގެ ޓްރާންސްފާއަށް ވުރެ ކުރިން ރެގީލޯންގެ ޓްރާންސްފާ ހަމަޖެހޭނެ ކަމަށް ބެލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ