ޒުވާނުންގެ އެންމެ ބޮޑު އެއް މައްސަލައަކީ އައުޓްބޯޑް އިންޖީނު އަޅަންޖެހުން: އުމަރު
ރާއްޖޭގެ ޒުވާނުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ އަމިއްލައަށް ކަންތައްތައް ކުރުމުގެ ބަދަލުގައި އެހެން މީހުން ބާރު އަޅައިގެން ކަންތައް ކުރަން ޖެހުން ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. ޖަމިއްޔަތުއް ރަޙުމާންއާއި މޯލްޑިވިއަން ޔޫތު ލީގުން އިންތިޒާމްކޮށްގެން 'އިލްމް ޓޯކް2015'ގެ ނަމުގައި ބާއްވާ ފޯރަމް ފެށުމުގެ ގޮތުން މިރޭ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ، އަމިއްލައަށް ކަމެއް ނުކުރުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. "...އަޅުގަނޑުމެންގެ ޒުވާނުންނަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ގިނަ މީހުން ގައިގައި އައުޓްބޯޑް އިންޖީނު އަޅަން ޖެހޭ މައްސަލަ. މާނައަކީ އެހެން މީހުން އެމީހުން ކޮށްޕަން ޖެހޭ ވާހަކަ. އަޅުގަނޑުގެ ރިކުއެސްޓަކީ، އަޅުގަނޑުގެ އެދުމަކީ ކޮންމެ މީހެއްގެ ވެސް ހުންނަން ޖެހޭނީ އިންބޯޑް އިންޖީނެކޭ. އެތެރޭންނޭ ޑްރައިވް ކުރަން ޖެހޭނީ،" އުމަރު ވިދާޅުވިއެވެ. އުމަރު ވިދާޅުވީ، ހޭލުމާއި ކިޔަވަން ދިއުމާއި ވަޒީފާއަށް ދިއުމަކީ ކޮންމެ ޒުވާނަކު ވެސް އަމިއްލައަށް ކުރަން ޖެހޭނެ ކަންތައްތައް ކަމަށެވެ. އަދި ވިދާޅުވީ، ރަނގަޅަށް ކިޔަވައިގެން ތިބި ޒުވާނުން ވެސް ރާއްޖޭގައި ވަޒީފާ އަދާނުކޮށް އެބަތިބޭ ކަމަށެވެ. އެފަދަ މީހުންގެ ކަންތައްތައް ހަމަޖައްސަނީ މައިން ބަފައިންގެ ފައިސާއިން ކަމަށެވެ. " އެއީ އަދި އައުޓްބޯޑް އިންޖީނަކަށް ވުރެވެސް ގޯސް ބައެކޭ އަޅުގަނޑު ދަންނަވާނީ،" ސަމާސާ ރާގެއްގައި އުމަރު ވިދާޅުވިއެވެ. 'އިލްމު ޓޯކް 2015 ' ފޯރަމް ފެށުމުގެ ރަސްމިއްޔާުތުގައި ބައިވެރިވަޑައިގަންނަވާ ބައެއް އިލްމުވެރިން އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު. އުމަރު ވިދާޅުވީ، އެހެން ވިދާޅުވި ނަމަ ވެސް ރަނގަޅު ޒުވާނުން ރާއްޖޭގައި ގިނައިން އެބަ ތިބި ކަމަށާއި އެހެން ނަމަވެސް މަދު ބަޔަކު ވިޔަސް އެގޮތަށް މާބޮޑަށް މައިން ބަފައިންނަށް ބަރޯސާ ވެގެން އުޅޭތީ އެވާހަކަ ދަންނަވާލީ ކަމަށެވެ. ރާއްޖޭގައި އޮތް އަނެއް މައްސަލައަކީ ވަޒީފާ އަދާ ނުކުރާ ޒުވާނުންތައް ގިނަވުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. " ކީއްވެގެންތޯ ވަޒީފާ އަދާނުކުރަނީ އަހާލައިފިއްޔާ ގިނަ މީހުން ބުނާނީ ވަޒީފާއެއް ނުލިބިގެންނޭ. އެއީ ތެދެއް. ބޭނުންފުޅުވާހަކަލަ ވަޒީފާއެއް ނުލިބިދާނެ،" އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ، މިނިސްޓަރު އެދިވަޑައިގަންނަވަނީ އަދި ސަރުކާރުން ވެސް އެދެނީ ލިބެން ހުރި ވަޒީފާއެއް ފުރަތަމަ އަދާކުރަން ފެށުން ކަމަށެވެ. " އެވަޒީފާގައި ދެމިހުންނާށޭ އެ ބޭނުންފުޅުވާ ކަހަލަ ވަޒީފާއެއް ލިބެންދެން،" އޭނާ ވިދާޅުވިއެވެ. އިލްމު ޓޯކް 2015 ފޯރަމްގައި 'އުއްމަތުގެ ކުރިމަގުގައި ޒުވާނުންގެ ދައުރު'( ރޯލް އޮފް ދަ ޔޫތު އިން ދަ ފިއުޗަރް އޮފް އުއްމާ) މި މައުޟޫޢަށް ވާހަކަ ދެއްކެވުމަށް ފޯރަމްގައި ބައިވެރިވެވަޑައިގަންނަވަނީ އިނގިރޭސިވިލާތުގެ އިލްމުވެރިއެއް ކަމަށްވާ ޕްރޮފެސަރު މުންޒިރު އިލްހާމާއި ސަޢުދީ ޢަރަބިއްޔާގެ އިލްމުވެރިއެއް ކަމަށްވާ ޕްރޮފެސަރު މުސްފިރު ބިން ޢަލީއާއި ޕްރޮފެސަރު ޢަބުދުލްމުޙުސިން ޒިކްރީއާއި އުސްތާޒް އިމްރާން އަރަކަންލުއާއި ޣާޒީ ބިން ޢަލީ އަލް ޣާމިދީއާއި ފަލަސްތީނުގެ މުހާނާ ނާޖިމްއާއި ލީބިޔާގެ ޑރ. ނަދީރު އެމް ޣަޒާލް އާއި ގަތަރުގެ އިލްމުވެރިއެއް ކަމަށްވާ ޕްރޮފެސަރު މުޙައްމަދު ޢަބުދުއް ރަޙުމާން އެވެ. އަދި ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީގެ ވައިސް ޗާންސެލަރު ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ސައީދު އަލީ ސައީދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ