އިމްރާނަކީ ރައީސް ޔާމީން އާއި ޒާތީ ކަން ގެންގުޅޭ މިނިސްޓަރެއް- ޑރ. ޖަމީލް

ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިމްރާން އަބްދުﷲ އަކީ ރައީސް ޔާމީނާއި ޒާތީ ކަމެއް ގެންގުޅޭ އިތުރުފުޅު ހައްދަވާ ބޭފުޅެއް ކަމަށް ކުރީގެ ނައިބު ރައީސް އަދި އެމަނިކުފާނުގެ މިހާރުގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވަމުން ގެންދަވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ވަކީލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ، އިންސާފުވެރި ޝަރީއަތެއްގެ އަސާސަކީ، އިންސާފުވެރި ތަހުގީގަކާއި އިންސާފުވެރި ޕްރޮސެކިއުޝަނެއް ކަމަށެވެ. އެހެން ނަމަވެސް ރައީސް ޔާމީންގެ މައްސަލައިގައި އިންސާފުވެރި ތަހުގީގަކާއި ޕްރޮސެކިއުޝަނުން އެއްކިބާވެފައިވާ ކަމަށް ޖަމީލް ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވީ، މިއަދު ދިވެހި ދައުލަތުގެ އެންމެ އިސްކޮށް ހަރަކާތްތެރިވާ ހުރިހާ ބޭފުޅުންނަކީ ރައީސް ޔާމީންގެ ދުޝްމަނުން ކަމަށެވެ. ހާއްސަ ގޮތެއްގައި ޖަމީލް ވަނީ މިނިސްޓަރު އިމްރާންގެ ނަން ހާމަ ކޮށްފައެވެ.
"އިންސާފުވެރި ތަހުގީގެއް ހިންގުމުގެ ޒިންމާ އެމީހެއްގެ ބޮލުގައި އެޅިފައިވާ އަދި އެމީހެއްގެ ކޮނޑުގައި އެ މައްސޫލިއްޔަތު އެޅިފައިވާ ފަރާތަކީ އިއްޒައްތެރި ހޯމް މިނިސްޓަރު ކަމުގައި ވީހިނދު، އަޅުގަނޑަށް ފާހަގަވެގެން މިދަނީ ހޯމް މިނިސްޓަރަކީ ޔާމީނަށް ޒާތީ ގޮތެއް ގެންގުޅުއްވާ އަދި އިތުރުފުޅު ހައްދަވާ އަދި ރައީސް ޔާމީންގެ ތަހުގީގުތަކުގެ ތެރެއަށް ސިޔާސީ ނުފޯޒު ފޯރުވާ ބޭފުޅެއްގެ ގޮތުގައި ފާހަގަވާކަން" ޖަމީލް ވިދާޅުވިއެވެ.
އެހާ ޒާތީ ސިޔާސީ ބޭފުޅަކު އެ މަގާމުގައި ހުންނަވައިގެން ރައީސް ޔާމީނަށް އިންސާފުވެރި ތަހުގީގެއް ނުލިބޭނެ ކަން އެމަނިކުފާނު ނިސްބަތްވާ ޕާޓީގެ އެންމެހާ ބޭފުޅުންނާއި ހުދު ދިވެހި ރައްޔިތުންވެސް ގަބޫލު ކުރައްވާކަމަށް ޖަމީލް ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވީ، މި ސަރުކާރު ވެރިކަމާއި ހަވާލުވީ، އިންސާފުވެރިކަމާއި އެކީ ތަހުގީގުކޮށް އަދުލުވެރި ނިޒާމެއްގެ ދަށުން އެ މައްސަލަ ބަލައިދޭނަމޭ ކިޔައިގެން ކަމަށާއި އެހެން ނަމަވެސް ފެނިގެން ދަނީ އެކަމުގެ އިދިކޮޅު ކަމަށެވެ. 155 މީހެއްގެ މައްޗަށް 2017 ވަނަ އަހަރު އޭސީސީން ކޮށްފައިވާ ތަހުގީގެއް ފެންނަން އޮތްއިރުވެސް މި ސަރުކާރަށް ދެއަހަރު ވެގެންދާއިރުވެސް ފެނިގެން ދަނީ ހަމަ އެކަނި ދައުވާއަކަށް ފަހު ދައުވާއެއް ރައީސް ޔާމީނަށް ކުރާ މަންޒަރު ކަން ޖަމީލް ފާހަގަ ކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ