މަސައްކަތްކުރެވޭނެ މާހައުލެއް ނެތިގެން ޕީސީބީގެ ރައީސް އިސްތިއުފާ ދެއްވައިފި: ބޮންޑޭ

ސަރުކާރުގެ ކުންފުނިތަކުގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އަދާކުރާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަންގެ ބޯޑުގެ ރައީސް ހަސަން ވަހީދު، މަސައްކަތް ކުރައްވާނެ އެކަށީގެންވާ މާހައުލެއް ނެތިގެން އިސްތިއުފާ ދެއްވާފައިވާ ކަމަށް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮންނަ ޕީސީބީގެ ރައީސް، ވަހީދު އިސްތިއުފާ ދެއްވާފައިވާ ކަމުގެ އަޑު ފެތުރިފައި ވިޔަސް އަދި ބޮންޑޭ ކުރެއްވި ތުހުމަތަށް ވެސް އޭނާ ޖަވާބެއް ނުދެއްވަ އެވެ.
އިސްތިއުފާ ދެއްވީތޯ ޔަގީންކުރަން "މިހާރު"ން ގުޅުމުން އަދި ކުރި މެސެޖްތަކަށް ވެސް ޖަވާބެއް ނުދެއްވި އެވެ. އެކަމަކު ހިތްހަމަނުޖެހުންތަކަކާ ހެދި އިސްތިއުފާ ދެއްވައިފި ކަމަށް އިއްޔެ އިން ފެށިގެން އެކި ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
ޤާނޫނު 3/2013ގެ ދަށުން ދައުލަތުގެ ވިޔަފާރި ތަންތަން މޮނިޓަރކޮށް އިވެލުއޭޓްކުރުމަށް އެކުލަވާލާފައިވާ ޕްރައިވެޓައިޒޭޝަން ބޯޑުގެ ރައީސް އާއި މެމްބަރުންނަށް އެ ޤާނޫނުގެ އިމުގެ ތެރެއިން މަސައްކަތްކުރުމުގެ މާޙައުލެއް ނުލިބިގެން އިސްތިއުފާދޭންޖެހޭ ހާލަތަކަށް ދިޔުމަކީ ހިތާމަކުރާކަމެއް.!— Ibrahim Rasheed (@BondeM4) September 30, 2020
ބޮންޑޭ ކުރެއްވި ޓުވީޓުގައި ވިދާޅުވީ ދައުލަތުގެ ވިޔަފާރި ތަންތަން މޮނިޓަކޮށް އިވެލުއޭޓްކުރަން އެކުލަވާލާފައިވާ ޕްރައިވެޓައިޒޭޝަން ބޯޑުގެ ރައީސާއި މެމްބަރުންނަށް ގާނޫނީ އިމުގެ ތެރެއިން މަސައްކަތްކުރުމުގެ މާހައުލެއް ނުލިބިގެން އިސްތިއުފާދޭންޖެހޭ ހާލަތަކަށް ދިޔުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ. ތަފްސީލެއް ނުދެއްވަ އެވެ.
އެކަމަކު އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި، ޕްރައިވަޓައިޒޭޝަން ބޯޑަށް ސިޔާސީ ބޭފުޅެއްގެ ނުފޫޒު ބޮޑުވުމުން، އެކަމާ މެދު ބޯޑުގެ ރައީސް ވަހީދުގެ ހިތްހަމަނުޖެހުން އޮތެވެ. މިނިވަންކަމާ އެކު ނިންމުންތައް ނިންމުމުގެ ބާރު ގާނޫނުން އޮންނަނީ އެ ބޯޑަށް ލިބިދީފަ އެވެ.
މި ސަރުކާރުގައި ވެސް ބައެއް ކުންފުނިތަކުގެ މައްސަލަތަކެއް ޕީސީބީން އައީ ބަލަމުންނެވެ. އެ ބޯޑު މިނިވަންކޮށް ހިނގާތޯ ކަށަވަރުކުރަން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްްއޯއީ ކޮމިޓީ)އަށް މީގެ ހަފުތާއެއްހާ ދުވަސްކުރިން ބޮންޑޭ ވަނީ މައްސަލައެއް ވެސް ހުށަހަޅުއްވައިފަ އެވެ. މަޖިލީހަށް އެ މައްސަލަ ވެއްދީ އޭނާ ވިދާޅުވެފައިވާ ގޮތުގައި، ބޯޑު އުފެއްދި ގާނޫނުގައި ބުނާ ގަވައިދުތައް އަދިވެސް ނުހަދާ ހުރުމުންނެވެ. އެ ގަވާއިދުތައް ނުހަދައި ހުރުމަކީ އޭނާ ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުގެ ކުންފުނިތަކުގައި ކޮރަޕްޝަން ހިންގަން ހުޅުވާލާފައިވާ ދޮރެކެވެ.
ޕީސީގެ ޒިންމާ އަދާކުރާ ވަރު ބަލަން އޭނާ ހުށަހެޅުއްވި މައްސަލައިގައި ގިނަ ކަންތައްތަކެއް މަޖިލީހުން ބަލަން އެދިވަޑައިގެންނެެވި އެވެ. އެގޮތުން އެބޯޑުން މިހައިތަނަށް ހަދާފައިވާ ގަވައިދުތައް ހަދާފައި ވަނީ ބައިނަލްއަގުވާމީ ބެސްޓްޕްރެޖްޓިސްއާ އެއްގޮތަށްތޯ ބެލުމާއި ހަދަން ޖެހޭ ގަވައިދުތަކުގެ ތެރެއިން ނުހަދާ ހުރީ ކޮންކޮން ގަވައިދުތަކެއްތޯ ބެލުން ހިމެނެ އެވެ. ޕީސީބީ އުފެއްދި ގާނޫނުގައިވާ ގޮތަށް އެބޯޑުން ސަރުކާރުގެ ކުންފުނިތައް މޮނިޓާ ކުރަމުންދޭ ތޯ ނުވަތަ ނޫންތޯ ބަލަން ވެސް އޭނާ ހުށަހެޅުއްވި މައްސަލައިގައި އެދިވަޑައިގެންނެވި އެވެ.
Corruption nuhuttuvaa kamah thuhumathukoh PCB ge massala majleehah hushahalhaifi
Mihaaru
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަންގެ ގާނޫނުގައިވާ ގޮތުން ބޯޑުގައި ތިބެން ޖެހެނީ ހަތް މެމްބަރުންނެވެ. މެމްބަރުންގެ ދައުރަކީ ހަތަރު އަހަރެވެ.
ޕީސީބީ ބޯޑު މެމްބަރުން ވަކިކުރުމާއި އައްޔަން ކުރުމުގެ ބާރު ލިބެނީ ރައީސަށެވެ. އެކަމަކު، ޕީސީބީ އަށް އައްޔަން ކުރާ މެމްބަރުންނަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލިހަށް ފޮނުވަން ޖެހޭނެ އެވެ.
މި ސަރުކާރުގައި ބޯޑު އަލުން އައްޔަންކުރީ، ރައްޔިތުންގެ މަޖިލީހުން ރައީސަށް ލަފާ އެރުވުމުންނެވެ. އެއީ، ކުރީގެ ސަރުކާރުގައި ޕީސީބީގެ ރަނގަޅު އޮނިގަނޑެއް ހަދާފައި ނެތުމުން އިދާރީ ހިންގުމަށް ބޭނުންވާނެ ގާބިލް މުވައްޒަފުން ބޭނުންވާ އަދަދަށް ނުލިބުމާއި ބޯޑުގެ މައްޗަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާނުކުރެވުމާއި އިދާރީ ގޮތުން ހިންގަން ޖެހޭ ކަންކަން ނުކުރެވުމާއި ގާނޫނު އެންމެ ފުރިހަމަ ގޮތަށް ތަންފީޒު ނުކުރެވޭ ކަމަށް މަޖިލީހުގެ ކޮމިޓީން އެކުލަވާލި ރިޕޯޓުން އެނގުމުންނެވެ.
ރިޕޯޓުގައިވާ ގޮތުން ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ ތެރެއިން ފައިދާ ނުވާ ތަންތަނާ މެދު އަޅާނެ އިސްލާހީ ފިޔަވަޅެއް ބޯޑުން ކަނޑައަޅާފައި ނެތެވެ. ބައެއް ކުންފުނިތައް ދިރާސާކޮށް ހިންގުން ހަރުދަނާ ކުރުމަށް ދޭން ޖެހޭ ލަފާ ބޯޑުން ދިނަސް، ހުރިހާ ކުންފުނިތައް ދިރާސާ ކުރާނެ ގާބިލް ކަމެއް ނެތް ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ