ކޮވިޑް-19: ރާއްޖެއިން ބަލި ފެނުނުތާ 159 ދުވަސް، ފަރުވާދޭ މީހުންގެ އަދަދު 2553 އަށް

ދުނިޔެއަށް ނުރައްކާ ކުރަމުންދާ ކޮވިޑް-19 ގެ ބިރާއި ރާއްޖެއަށް ވެސް ވަނީ ކުރިމަތިލާން ޖެހިފައެވެ. މިގޮތުން މި ބަލިމަޑުކަމާއި ގުޅިގެން ފުރަބަންދުގެ ހާލަތުގައި އެތައް ދުވަހެއްވަންދެން އޮތުމަށްފަހު ރާއްޖޭގައި ފިޔަވަޅުތަކަށް ލުއިދޭން ފެށުމާއެކު، ބަލި ފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ.
މާލެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރު ވަމުން އަންނައިރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުން ވެސް އަންނަނީ ގިނަ ވަމުންނެވެ. ހަމަ އެހެންމެ އަތޮޅުތަކުން ފައްސިވާ މީހުންގެ އަދަދުވެސް ފާއިތުވެދިޔަ ދުވަސްތަކުގައި ވަނީ އިތުރުވާން ފަށާފައެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާރު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން ބައްޔަށް ފަރުވާ ކުރާ 2553 މީހަކު އެބަތިއްބެވެ. މިއީ މިހާތަނަށް މި ބައްޔަށް ފަރުވާދޭ މީހުންގެ އަދަދު މިހާތަނަށް އެންމެ ބޮޑަށް އިތުރުވި ފަހަރެވެ. އިއްޔެއާއި ހަމައަށް މި އަދަދު ހުރީ 2461 ގައެވެ. ފަރުވާދޭ މީހުންގެ އަދަދު އިތުރުވެފައި މިވަނީ އިއްޔެ ވެސް އިތުރު ގިނަ އަދަދެއްގެ ބަޔަކު އަލަށް ފައްސިވުމާއި ގުޅިގެންނެވެ.
އެޗްޕީއޭއިން ވިދާޅުވެފައިވާ ގޮތުން އިއްޔެ އެކަނިވެސް ރާއްޖެއިން އިތުރު 128 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. ރާއްޖެއިން އިއްޔެ ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 83 ދިވެހިންނާއި ބަންގްލަދޭޝްގެ 35 މީހަކާއި އިންޑިއާ 4 މީހަކާއި، ނޭޕާލްގެ ދެ މީހެއްގެ އިތުރުން ލަންކާ ހަތަރު މީހެކެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 5494 އަށް އަރާފައެވެ.
ރައްޖޭގައި ކޮވިޑް-19 އަށް ފަރުވާ ކުރަމުންދާ މީހުންގެ ތެރެއިން 156 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެންނެވެ. މީގެތެރެއިން 11 މީހަކަށް އައިސީޔޫގައި ފަރުވާދެމުންދާކަން ވެސް އެޗްޕީއޭއިން ހާމަކޮށްފައި ވެއެވެ.
މާލޭގެ އިތުރުން ރާއްޖޭގެ ބައެއް ރަށްރަށުން ވެސް ކޮވިޑް-19 ގެ ވޭދަނަތައް ފާއިތުވެދިޔަ ދުވަސްތަކުގައި އަންނަނީ އިތުރުވަމުންނެވެ. މިގޮތުން މިވަގުތު ކޮވިޑް-19 ގެ ވޭދަނަތައް މާލޭގެ އިތުރުން 9 އަތޮޅެއްގެ 12 ރަށެއްގައި އެބަހުއްޓެވެ. އޭގެތެރޭގައި ހއ. ކެލާ، ހއ. އިހަވަންދޫ، ހއ. ފިއްލައިދޫ، ހދ. ނާވައިދޫ، ރ. ހުޅުދުއްފާރު، ބ. ކުޑަރިކިލު، ބ. ކަމަދޫ، ޅ. ހިންނަވަރު، ކ. މާފުށި، ވ. ފުލިދޫ, ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ ހިތަދޫ ހިމެނެއެވެ.
މީގެ އިތުރުން 8 ރިސޯޓަކުން ވެސް ފާއިތުވެދިޔަ ދުވަސްތަކުގައި ކޮވިޑް-19 ގެ ވޭދަނަތައް ފެންމަތިވެފައި ވެއެވެ. މި ރިސޯޓުތަކުން ހަ ފަތުރުވެރިޔަކާއި 8 މުވައްޒަފަކު މި ބައްޔަށް ފައްސިވެފައި ވެއެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 3026 ދިވެހިންނާއި 2468 ބިދޭސީއެކެވެ. ރާއްޖެއިން އެންމެ ގިނަ އަދަދަކަށް ފައްސިވެފައި ވަނީ އުމުރުން 21 އަހަރާއި 40 އަހަރާއި ދެމެދުގެ މީހުންނެވެ.
ރާއްޖެއިން މިހަތަނަށް ބަލިން ރަނގަޅުވެފައި ވަނީ ޖުމްލަ 2920 މީހެކެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން އިއްޔެ ރާއްޖެއިން ބަލިން ރަނގަޅުވެފައި ވަނީ 36 މީހެކެވެ.
މިހާތަނަށް މި ބަލީގައި ރާއްޖެއިން 21 މީހަކު ނިޔާވެފައި ވެއެވެ. މީގެ ތެރޭގައި މިދިޔަ ބުދަ ދުވަހު ނިޔާވި އުމުރުން 77 އަހަރުގެ ދިވެހި އަންހެނަކު ވެސް ހިމެނެއެވެ. ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 17 ދިވެއްސަކާއި ހަތަރު ބިދޭސީއެކެވެ. މީގެ އިތުރުން ރާއްޖޭގައި ސިއްޙީ އެހެން ހާލަތްތަކުގައި ނިޔާވި ހަތަރު މީހަކުވެސް ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ.
ކޮވިޑް-19 އާއި ގުޅިގެން ޤާއިމްކޮށްފައިވާ ކަރަންޓީނު ފެސިލިޓީތަކުގައި މިވަގުތު މީހަކު ނެތް ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. ނަމަވެސް އައިސޮލޭޝަންގައި 1476 މީހަކު އެބަތިއްބެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ޖުމްލަ 93,098 ސުންކު (ސާމްޕަލް) ނަގާފައި ވެއެވެ. ރާއްޖެއިން މި ބަލި ފެނުނުތާ މިހާރު ވަނީ 159 ދުވަސް ވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ