އުރުދުންގެ ބޮޑުވަޒީރުގެ އިސްތިޢުފާ ރަސްގެފާނު އަބްދުﷲ ޤަބޫލުކުރައްވައިފި

އުރުދުންގެ ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވި އޮމަރު އައްރައްޒާޒުގެ އިސްތިޢުފާ އެ ޤައުމުގެ ރަސްގެފާނު އަބްދުﷲ ދެވަނަ ޤަބޫލުކުރައްވައިފިއެވެ.
ސެޕްޓެމްބަރު މަހުގެ 27ވަނަ ދުވަހު އަބްދުﷲ ރަސްގެފާނުވަނީ އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ހަތަރު އަހަރުގެ ދައުރު ހަމަވުމުން އެ މަޖިލިސް އުވާލައްވާފައެވެ. އެ ޤައުމުގެ ޤާނޫނު އަސާސީ ބުނާ ގޮތުގައި ޤާނޫނު ހަދާ މަޖިލީސް އުވާލުމުގެ އެއް ހަފުތާގެ ތެރޭގައި ސަރުކާރު އިސްތިޢުފާ ދޭންޖެހޭނެއެވެ.
ޤާނޫނާ އެއްގޮތުގެ މަތިން ބޮޑުވަޒީރު އޮމަރު އައްރައްޒާޒުގެ އިސްތިޢުފާ ހުށަހެޅުއްވުމުން އަބްދުﷲ ރަސްގެފާނު އިސްތިޢުފާ ޤަބޫލުކުރައްވާފައިވީ ނަމަވެސް އައު ބޮޑުވަޒީރަކު އައްޔަނުކޮށް ސަރުކާރު އެކުލަވާލަންދެން ބެލެނިވެރި ދަޢުރެއްގައި މަޤާމުގައި ދެމި ހުންނެވުމަށްވަނީ އަންގަވާފައެވެ. އަދި ކޯވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ ޙާލަތުގައި ވަގުތުން ވަގުތަށް ނިންމުންތައް ނިންމުމުގައި ސަރުކާރުން ތައްޔާރަށް އޮންނަންޖެހޭނެކަމަށާއި މި މުއްދަތުގައި ފަރުވާތެރިކަމާއެކު މަސައްކަތްކުރުމުގެ މުހިންމުކަން އޭނާވަނީ ފާހަގަކުރައްވާފައެވެ.
އުރުދުންގައި މިހާތަނަށް 14،479 މީހުންނަށް ކޯވިޑް-19 ޖެހި 88 މީހުންވަނީ މަރުވެފައެވެ. އަދި ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވެފައިވާތީ ޢާންމުންގެ ފާޑުކިޔުންވަނީ ސަރުކާރަށް އަމާޒުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ