ގައުމަށް ހަގީގީ ތަރައްގީ ގެނެވުނު ކަމަށް ވާނީ ރަށްފުށުގެ ރައްޔިތުން ތަރައްގީ ކުރެވުމުން ކަމަށް އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ސިޔާމް މިހެން ވިދާޅުވީ އެމްޑީއޭ އަށް މެންބަރުން އިތުރުކުރުމަށް ހއ. އަށް އިއްޔެ ފެށްޓި ދަތުރުގައި އިއްޔެ ހަވީރު އުލިގަމު ރައްޔިތުންނާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އުލިގަމު ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރަށްފުށުގެ ތަރައްގީ އަށް އަންނަން ޖެހޭ ކުރިއެރުން އައިސްފައިނުވާކަން ފާހަގަ ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ ވެސް މެންބަރު ކަން ވެސް ކުރައްވާ ސިޔާމު ވިދާޅުވީ، މިހާރު ރަށްފުށުގެ ތަރައްގީ އަށް ބައްލަވައި ލެއްވި ނަމަވެސް ފެނި ވަޑައިގަންނަވަނީ މީގެ އެތަކެއް އަހަރު ކުރިން އެމަނިކުފާނު ތުއްޕުޅުއިރު ވެސް ފެނިވަޑައިގެންނެވި މަންޒަރުތައް ކަމަށެވެ. އަދި ރަށްފުށުގެ ރައްޔިތުން މިހާރު ވެސް ކުރަމުން ގެންދަނީ އެއް ޝަކުވާތަކެއް ކަމަށާއި އެއީ ތަރައްގީގެ ފުރުސަތުތައް އެދެވޭގޮތެެއްގައި ހަމަހަމައަށް އެފަރާތްތަކަށް ލިބެމުން ނުދާ ކަމުގެ ޝަކުވާތައް ކަމަށެވެ.
ސިޔާމު ވިދާޅުވީ އެންމެ ކުދި އާބާދީތައް ހިމެނޭ ރަށްރަށުގެ ރައްޔިތުންނަށް ވެސް ހަމަހަމަ ގޮތުގައި ތަރައްގީގެ ފުރުސަތުތައް ލިބެންޖެހޭނެ ކަމަށެވެ.
އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން ތަރައްގީވަމުން އަންނަ ގައުމުތަކުގެ ލިސްޓަށް ރާއްޖެ އަރާފައި ވިޔަސް، ހަގީގީ ތަރައްގީއަކީ ރަށްފުށުގެ ތަރައްގީކަމަށާއި ގައުމުގެ މުއްސަނދި ކަމަކީ ރައްޔިތުން މުއްސަނދިވުން ކަމަށް ވެސް ސިޔާމު ވިދާޅުވި އެވެ.
ތުރާކުނުގައި ރޭ ބޭއްވި އެމްޑީއޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ސިޔާމު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ މުއްސަނދިކަން ހޯދައިދީ ރަށްފުށުގެ ތަރައްގީ ކުރިއެރުވުމަށް ބޭނުންވާ ވަސީލަތްތައް ގައުުމުގައި ހިމެނޭ ކަމަށެވެ. އަދި އެ ވަސީލަތްތައް ރަނގަޅު ގޮތުގައި ބޭނުން ކުރެވިިއްޖެ ނަމަ ފަރުދުންގެ މުއްސަނދިކަން އިތުރުވެ ރަށްފުށުގެ ތަރައްގީ އާއި ގައުުމުގެ ތަރައްގީ ކުރިއަރައި ދާނެ ކަމަށްވެސް ސިޔާމު ވިދާޅުވި އެވެ.
ސިޔާމު ވިދާޅުވީ އެމްޑީއޭގެ މަގުސަދަކީ ތަފަތު ކުރުމެއްނެތި އެންމެ ކުޑަ އާބާދީ ހިމެނޭ ރަށްރަށުގެ ރައްޔިތުން ވެސް ހިމެނޭގޮތަށް، އިގްތިސާދީ، ތައުލީމީ އަދި އިޖްތިމާއީ ތަރައްގީ ހޯދައިދީ މުޅި ގައުމު ތަރައްގީކުރެއްވުން ކަމަށެވެ. އަދި އެކަމުގައި ބައިވެރިވެ ވަޑައިގަތުމަށް ވީހާ ވެސް ގިނަ ރައްޔިތުން އެމްޑީއޭއާ ގުޅިވަޑައިގަތުމަށް ސިޔާމު ގޮވައިލެއްވި އެވެ.
އުލިގަމާއި ތުރާކުނުގައި އެމްޑީއޭ އިން ބޭއްވި ޖަލްސާގައި އެ ދެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެ ޕާޓީ އަށް ސޮއި ކޮށްފަ އެވެ.
ގައުމަށް ހަގީގީ ތަރައްގީ ގެނެވުނު ކަމަށްވާނީ ރަށްފުށުގެ ރައްޔިތުން ތަރައްގީ ކުރެވުމުން: އެމްޑީއޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ