ރައީސް ޔާމީނާއެކު އަދި މަޝްވަރާއެއް ނުކުރަން: ގާސިމް

އަންނަ އެޕްރީލް މަހު ބާއްވާ މަޖިލިސް އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއެކު ކޯލިޝަން ހެދުމަށް އަދި މަޝްވަރާއެއް ނުކުރައްވާ ކަމަށް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. މިދިޔަ ހުކުރު ދުވަހު ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަޖިލިސް އިންތިހާބުގައި ގުޅިގެން މަސައްކަތް ކުރުމަށް ހުރިހާ ބަޔަކާ މަޝްވަރާ ކުރަން ތައްޔާރު ކަމަށެވެ. މިއަދު ޖުމްހޫރީ ޕާޓީގެ އިދާރާ، ކުނޫޒުގައި ބޭއްވި ރަސްމިއްޔާތުގައި "ސަން" އިން ދެންނެވި ސުވާލަަކަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވީ، ހުރިހާ ފަރާތަކާއެކު ވެސް މަޝްވަރާ ކުރަން ތައްޔާރު ކަމަށާއި ނަމަވެސް އަދި މިހާތަނަށް އެކަމާ ގުޅޭ ގޮތުން ރައީސް ޔާމީނާ މަޝްވަރާ ނުކުރައްވާ ކަމަށެވެ. ރައީސް ޔާމީނާ ދާދި ފަހުން އެމަނިކުފާނު ބައްދަލުވި ކަމަށް މީސް މީޑިއާގައި ބުނާ ވާހަކަ އަކީ ދޮގެއް ކަމަށާއި އަދި މިހާތަނަށް ރައީސް ޔާމީން އާއެކު އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. "އެއީ ދޮގު ވާހަކައެއް. ކަނޑައެޅިގެން ދޮގެއް،" ރާއީސް ޔާމީނާ ދާދި ފަހުން ބައްދަލު ކުރެއްވިން ތޯ ސުވާލު ކުރުމުން ގާސިމް ވިދާޅުވިއެވެ. "މަޖިލިސް އިންތިހާބުގައި ކޯލިޝަން ހެދުމަށް ރައީސް ޔާމީން އާއެކު އަދި އަޅުގަނޑެއް[މަޝްވަރާއެއްވެސް] ނުކުރަން،" ގާސިމް ވިދާޅުވިއެވެ. ގާސިމް އިބްރާހިމް އަދި ރައީސް ޔާމީން: ގާސިމް ވިދާޅުވަނީ ރައިސް ޔާމީނާއި އޭނައާ ދާދިފަހުން ބައްދަލު ނުވާކަމަށް -- ފައިލް ފޮޓޯ/ ރައީސް އޮފީސް ގާސިމް ވިދާޅުވީ، ހުރިހާ ފަރާތަކާއެކު ވެސް ވާހަކަ ދެއްކުމަށް ތައްޔާރަށް ހުންނެވި ކަމަށާއި އެއްވެސް ފަރާތަކާ ވާހަކަ ދެއްކުމަށް ނޫނެކޭ ނުބުނާނެ ކަމަށެވެ. "އަޅުގަނޑު ޓްވީޓް ކުރެއްވީ ހުރިހާ ބަޔަކާ އެކު ވެސް ވާހަކަ ދައްކަން ތައްޔާރަށޭ މިތިބީ. ސްޕެސިފައި ކޮށް ވަކި ބޭފުޅަކާ ދޭތެރޭ ދައްކާނެއޭ ނުދައްކާނެއޭ [މަޝްވަރާ ކުރައްވާނޭކަމަށް ނުވަތަ ނޫން ކަމަށް] ބުނުމުގެ އެއްވެސް މާނައެއް ނެތް ދެއްތޯ،" ގާސިމް ވިދާޅުވިއެވެ. "އަޅުގަނޑު އެއޮތީ ވަރަށް ސާފުކޮށް ބުނެފަ، އަޅުގަނޑުމެން މި ތިބީ ތައްޔާރަށޭ ހުރިހާ ބަޔަކާ އެކު ވެސް ވާހަކަ ދައްކަން. އެއްވެސް ބަޔަކު އަޅުގަނޑުމެންނާ ވާހަކަ ދައްކަން އޮތިއްޔާ އަޅުގަނޑެއް ނޫނެކޭ ނުބުނާނެ ކަން މި ދަންނަވަނީ،" "އަޅުގަނޑަށް ބަޔަކު މެދުވެރިވެގެން ސުވާލު ކުރިމަށްޗަށް އަތުވެއްޖެ ނަމަ [ކޯލިޝަން ހެދުމަށް] އަޅުގަނޑުމެން މިތިބީ ތައްޔާރަށޭ. ތައްޔާރަށޭ ވަރަށް ސާފުކޮށް މި ދަންނަވަނީ، ކޮންމެ މީހަކާ އެކު ވެސް ވާހަކަ ދައްކަން ތައްޔާރަށޭ، މަޖިލިސް އިންތިހާބުގައި ރައީސް ޔާމީން އާއެކު ކޯލިޝަން ހަދާފާނަންތޯ ތަކުރާރުކޮށް ސުވާލު ކުރުމުން ގާސިމް ވިދާޅުވިއެވެ. ސަރުކާރު ކޯލިޝަން ބައިވެރިންގެ ތެރޭގައި އަދި މިހާތަނަށް މަޖިލިސް އިންތިހާބުގައި ގުޅިގެން ކުރިމަތި ލައްވާނެ ދާއިރާތަކާ މެދު ގޮތެއް ނިންމިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ