މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން (އެމްޑީޕީ) ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ބައްޓަކުރުވުނީމާ އެއީ "ޑިމޮކްރަސީ" ކަމަށް ވިދާޅުވެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއް ލަތީފް އެ ޕާޓީއަށް ފާޑުވިދާޅުވެއްޖެއެވެ.
އައްބުއްލަތީފް އެމްޑީޕީއަށް ފާޑުވިދާޅުވީ، ބުދަ ދުވަހު އޮތް ރައްތިތުންގެ މަޖިލީހުގެ ޖަލްސާއަށް އޭނާ ހުށަހެޅުއްވި ބިލާއި ދެކޮޅަށް އެމްޑީޕީގެ މަޖިލީސް މެމްބަރުން ބަހުސް ކުރެއްވުމުން އެ ބޭފުޅުންނަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. ލަތީފް އިއްޔެ މަޖިލީހަށް ހުށަހެޅުއްވި ބިލަކީ ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ބަދަލު ގެނެސް ޕްރައިމަރީން ބަލިވިއަސް އިންތިހާބުތަކުގައި ވާދަކުރެވޭނެގޮތަށް ޤާނޫނު ބަދަލުކުރުމަށް ހުށަހެޅުއްވި އިސްލާހެކެވެ.
ޕްރައިމަރީން މީހުންނަށް އިންތިހާބުތަކުގައި ބައިވެރި ނުވެވޭގޮތަށް ސިސާސީ ޕާޓީތަކުގެ ޤާނޫނަށް ބަދަލުގެނައީ 2016 ވަނަ އަހަރު ޕީޕީއެމުންނެވެ. އޭރު ލަތީފު ވެސް ހުންނެވީ ޕީޕީއެމްގައެވެ.
"އަޅުގަނޑު ހައިރާންވެ އަންތަރީސްވެގެން މި ދިޔައީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ޕީ.ޕީ.އެމުގެ ފަރާތުން އަޅުގަނޑުގެ އަޚް، މެންބަރު ސަޢުދު ޙުސައިން ހުށަހެޅި މި ބިލަށް އެމް.ޑީ.ޕީގެ ފަރާތުން އޭރު ދައްކަމުންދިޔައީ، މިއީ ޤާނޫނުއަސާސީއާއި ގާނޫނުތަކާ ޚިލާފަށް ހުށަހަޅައިގެން ފާސްކުރަން އުޅޭ އިޞްލާޙެއް ކަމަށް. އޭރު ވާހަކަދައްކަމުންދިޔައީ. މިއަދު ހަމަ އެ އަނގައިން، އެ ބޭފުޅުން އެ ދައްކަނީ މި ގާނޫނު، މި އިޞްލާޙު ހުށަހެޅިގެންނުވާނޭ ނުވަތަ ނައްތާލައިގެންނުވާނޭ. އިޞްލާޙުކޮށްގެންނުވާނޭ. އޮންނަންވާނީ އޭރު އޮތް ގޮތަށޭ. އެ އިޞްލާޙުކުރި ގޮތަށޭ. އަޅުގަނޑުމެންގެ ސަޢުދު ޙުސައިން ހުށަހެޅި ގޮތަށޭ އޮންނަންޖެހޭނީ. އަޅުގަނޑު ދަންނަވަން މި އުޅެނީ، އެމް.ޑީ.ޕީން މިއަދު އެގޮތަށް ތާއީދުކުރަނީ ކޮން މަޤްޞަދެއްގައި، ކޮން ބޭނުމެއްގައިތޯއޭ؟ ކީއްވެގެންތޯއޭ؟ އެ ބޭފުޅުންގެ ޑިމޮކްރަސީ، އެ ބޭފުޅުން ބޭނުންވާ ގޮތް، އެބޭފުޅުން އެދޭ ގޮތް، އެ ބޭފުޅުންނަށް ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ބައްޓަންކުރެވުނީމާ އެއީ ޑިމޮކްރަސީ. އެއީ ވަރަށް ރީތި ޑިމޮކްރަސީއެއް، އެމް.ޑީ.ޕީ ބޭނުންވާ ގޮތަށް ކަންކުރަންވީމަ،" ލަތީފް ވިދާޅުވިއެވެ.
ލަތީފް ވިދަޅުވީ އެމްޑީޕީން އެދޭގޮތަށް ކަންކަން ނުކުރާ މީހުންނަކީ " ވިޔާނުދާ،ގޯސް، ރަނގަޅެއް ނޫން. އެއްވެސް އަގެއް ނެތް. އެއްވެސް އުސޫލެއް ނެތް. ހަމައެއް ނެތް،" ބައެއްގެ ގޮތުގައި ސިފަކުރާކަމަށެވެ.
"އަޅުގަނޑުމެންގެ ތާއީދާއެކު ފާސްކުރި އިޞްލާޙެއް މި އިޞްލާޙަކީ. އޭރު ބުނަމުންދިޔައީ، އެ ބޭފުޅުން ބުނަމުންދިޔައީ، ކިޔަމުންދިޔައީ، އިއްވަމުންދިޔައީ، ކަމަކުނުދެއޭ. ކަމަކުނުދެއޭ. ޤާނޫނުއަސާސީއާ ޚިލާފޭ، ގާނޫނުތަކާ ޚިލާފޭ. ތި ގޮތަކަށް ތިކަމެއް ނުކުރެވޭނޭ. ތިއީބާތިލު ކަންކަމޭ ތި ކުރަނީ. ތިމަންނާމެންނަށް ބާރު ލިބޭ ދުވަހު، ތިމަންނާމެންނަށް އާރު ލިބޭ ދުވަހު، ތިމަންނާމެންނަށް ގަދަވާ ދުވަހު، ތިމަންނާމެންނަށް މެޖޯރިޓީ ލިބޭ ދުވަހު، ތީތި ބާތިލުކޮށްލާނަމޭ. އިޞްލާޙުކުރާނަމޭ. ބަލަ! ބާރު ވެސް ލބިއްޖެ. އިޞްލާޙު ވެސް ލިބިއްޖެ. މި އޮތީ ހުށަހަޅާފަ. ތާއީދުކުރާކަށް ބޭނުމެއްނޫން. ކީއްވެގެންތޯ؟"
ޖުމްހޫރީ ޕާޓީއަށް ދާދި ފަހުން ސޮއިކުރެއްވި ލަތީފް އިއްޔެ ހުށަހެޅުއްވި އިސްލާހު މަޖިލީހުން ވަނީ ބަލައިގަނެފައެވެ. އެ އިސްލާހާއި ދެކޮޅަށް އެމްޑީޕީގެ ގިނަ މެމްބަރުން ވޯޓު ދިން ނަމަވެސް އެ ބިލު ބޭރުކޮށެއް ނުލެވުނެވެ. މިއީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވެރިކަމާއި ހަވާލުވެ ވަޑައިގަތްފަހުން އެމްޑީޕީން ބޭނުންނުވާ ބިލެއް މަޖިލީހަށް ބަލައިގަތް ފުރަތަމަ ފަހަރެވެ.
އެމްޑީޕީން ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ބައްޓަންކުރެވުނީމާ އެއީ ޑިމޮކްރަސީ: މެމްބަރު ލަތީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ