ސަދޫ ފަތުހީގެ މި ފޮޓޯއިން ހިތްހަމަޖެހުން ގެނެސްދީފި!

މާލެއިން ހުޅުމާލެއަށް ކުރާ ދަތުރަކީ ދަތި ދަތުރެކެވެ. ހާއްސަކޮށް ހަވީރިގެ ވަގުތެއްގައި ކުރާ ދަތުރެއްނަމަ އެދެން ނިމުނީއެވެ. އެތައް ބަޔަކު ބަހުގައި ދަތުރުކުރާއިރު ކުޑަކުއްޖަކަށް ބަލިމީހަކަށް މުސްކުޅިއަކަށް ބެލުމެއް ނޯންނާނެއެވެ. އެމީހަކާ އެމީހެކެވެ.
ބަހުގެ ވަކި ގޮނޑިތަކެއް މުސްކުޅިންނަށާއި މާބަނޑު މީހުންނަށް އަދި ކުޑަކުދިންނަށައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްފައި ވީނަމަވެސް އެކަމާ ފަރުވާލެއް ނުބަހައްޓައެވެ. ބައެއްފަހަރު ކުޑަކުދިން އުރައިގެން މައިންބަފައިން 10 މިނެޓުގެ ދަތުރު ކުރަނީ ކޮޅަށް ތިބެގެންނެވެ. މަދު ފަހަރަކު، ބަސް ޑްރައިވަރާ ކޮންޑަކްޓަރު އަންގައިގެން ގޮނޑި ދީފާނެއެވެ. ބަސް ފުރޭވަރަށް މީހުން އަރުވައިދެންދާއިރު އެ ހުރިހާ ކަމެއް އޮންނަނީ މެނޭޖު ނުކުރެވިފައެވެ.
ބަހުގެ ދަތުރު ހިޔާރުކުރާ މީހުންގެ ބޮޑު ޝަކުވާއަކަށް މިކަން ވެފައި އޮއްވާ، އާންމުންގެ ހިތްތަކަށް އުފާވެރިކަން ގެނުވީ ސުދޫ ފަތުހީ ފޭސްބުކްގައި ޝެއާކުރި ފޮޓޯ އަކާއެކު އޭނާ ލިޔެފައިއޮތް ކެޕްޝަނުގެ ސަބަބުންނެވެ.
"މިއަދު މުޅުމާލެއިން މާލެ އައި އިރު އަހަންނަށް އެރުނީ މީހުންނާގެން ފުރިފައި އޮތް ބަހަކަށް، އަހަންނަށް ޖެހުނީ ކުޑަ ފިރިހެން ދަރިފުޅު އުރައިގެން ކޮޅަށް ހުންނަން. މި ފޮޓޯއިން މި ފެންނަ ދައްތަ އަހަރެންނަށް އެހީވީ ދަރިފުޅު އުރައިދިނީ އެއްވެސް ވާހަކައެއް ދެއްކުމެއް ނެތި،" ސަދޫގެ ޕޯސްޓުގައި ލިޔެފައި އޮތެވެ.
ހުސް ގޮނޑިއެއް ސަދޫއަށް ލިބުމުންވެސް އެ ދައްތަ ސަދޫގެ ދަރިފުޅު އުރައިގެން އިން ކަމަށާއި މާލެ އާދެވެންދެން ދަރިފުޅު އުރައިިގެން ދަރިފުޅާ ސަމާސާ ކުރަން އެ ދައްތަ އިންކަމަށް ލިޔެފައި އޮތެވެ.
"އެ ދައްތައަށް އަހަރެންގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަން. ނުދަންނަ މީހުންވެސް މީހަކަށް ބޮޑު އެހީއެއް ވެދާނެކަން މިއަދު އެނގިއްޖެ، ފަހަރުގައި އަހަރެމެން އަލުން ބައްދަލު ނުވެދާނެ. އެކަމަކު ތި ކޮށްދިން ކަންތައް އަބަދުވެސް ހަނދާން ހުންނާނެ،" ހިތްހަމަޖެހުމާއެކު ސަދޫ ކިޔައެިދިނެވެ.
ސަދޫގެ މި ފޮޓޯއަށް ކޮމެންޓު ކުރި މީހުންވެސް ވަނީ ފޮޓޯގައި ސަދޫގެ ދަރިފުޅު އުރައިގެން ވެމްކޯގެ ޔުނީފޯމުގައި އިން ދައްތައަށް ތައުރީފުކޮށްފައެވެ. ހީރޯ އަކަށް ވަނީ ވަކި ކަހަލަ ޔުނީފޯމެއް ލައިގެން ނޫންކަން މި ފޮޓޯއިން ދޭހަވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ