އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ތެރެއިން ރައްޔިތުންގެ
މަޖިލީހުގެ ބައެއް މެމްބަރުންގެ އެކައުންޓަށް ބޮޑެތި ޢަދަދުތަކުން ފައިސާ ވަދެފައިވާތީ
އެ މައްސަލަ އޭސީސީން ދަނީ ތަހުގީގު ކުރަމުންދާކަމަށް އެކޮމިޝަނުން ބުނެފިއެވެ.
އޭސީސީން މިހެންބުނެފައިވަނީ އެމްއެމްޕީއާރުސީގެ
ޚިޔާނާތާ ގުޅިގެން ބަލަމުންދާ މައްސަލަތަކާއި ގުޅޭ ތަފުސީލުތައް ޢާންމުކުރުމަށް އެކޮމިޝަނުން
ނެރުނު ބަޔާނެއްގައެވެ.
އެބަޔާނުގައި ބުނެފައިވަނީ އެމައްސަލައާ ގުޅިގެން
ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ބަޔާން ނަގާފައިވާ ކަމަށެވެ. އެހެން ނަމަވެސް
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ އެއްވެސް މެމްބަރަކަށް ލިބިފައިވާ ކަމުގެ ހެކި
މިހާތަނަށް ލިބިފައި ނުވާކަމަށް އޭސީސީން ވަނީ ބުނެފައެވެ.
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް
ކޯޕަރޭޝަން އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ޢަދަދު 91.9 މިލިއަން އެމެރިކާ ޑޮލަރު
ނުވަތަ 1.4 ބިލިއަން ރުފިޔާއަށް އަރާކަމަށާއި، އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅިގެން
6 މައްސަލައެއް ވަކިވަކިން ތަހުޤިގު ކުރަމުންދާކަމަށްވެސް އެބަޔާނުގައި އޭސީސީން ވަނީ
ހާމަކޮށްފައެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތެރޭގައި ރަށްރަށާއި
ފަޅުފަޅުގެ އެކުއިޒިޝަން ކޯސްޓްގެ ގޮތުގައި އެމްއެމްޕީއާރުސީއަށް ދޫކޮށްފައިވާ ބޭންކް
ޗެކް ނުވަތަ ބެންކް އޯޑާ ޗެކުތަކުގެ ޕީއީއެއްގެ ގޮތުގައި އެމްއެމްޕީއާރްސީގެ ނަން ލިޔެފައި
ވީނަމަވެސް، އެ ޗެކްތައް އެންޑޯޒް ކުރުމަށް އެ ކުންފުނީގެ އޭރުގެ އެމްޑީ ސޮއިކޮށް ބީއެމްއެލްގައި
ހުޅުވާފައިވާ އެކައުންޓަކަށް ޖުމްލަ ބާވީސް މިލިއަން ސަތޭކަ ސާޅީސް ފަސް ހާސް އެމެރިކާ
ޑޮލަރު ޖަމާކޮށްފައިވާތީ އެކަމުގައި ބީއެމްއެލްގެ މުވައްޒަފުންތަކެއްގެ ބައިވެރިވުން
އޮތްކަމަށް ތުހުމަތު ކުރެވޭތީ، އެކަން ވަކި މައްސަލައެއްގެ ގޮތުގައި ބަލަމުން ދާ ކަމަށްވެސް
އޭސީސީން ވަނީ ހާމަކޮށްފައެވެ.
އަދި އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި އަމިއްލަ
ކުންފުނިތަކާއި ގުޅޭ ގޮތުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ރިޕޯޓުން ލިބިފައިވާ
ސަސްޕިޝަން ޓްރާންސެކްޝަން ރިޕޯޓުގައި މަނީ ލޯންޑަރިންއާއި ޓެރަރިޒަމަށް ފައިނޭންސް
ކުރުންކަމަށް ޝައްކު ކުރެވޭ ކަންތައްތަކެއް ހިނގާފައި ހުރިކަން އެނގެން އޮތްކަމަށާއި،
އެހެން ނަމަވެސް އެ މައްސަލަ ތަހުޤީގުކުރަން ތަހުޤީގީ އިދާރާއަކަށް ފޮނުވާފައި ނުވަނީ
“ވަކި ފަރާތެއްގެ” ނުފޫޒުން ކަމަށް ފާހަގަ ކުރެވޭތީ އެމައްސަލަވެސް ވަކި
މައްސަލައެއްގެ ގޮތުގައި ބަލަން ނިންމާފައިވާ ކަމަށް އޭސީސީން ވަނީ ހާމަކޮށްފައެވެ.
އޭސީސީގެ ބަޔާނުގައި ވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް
ދޫކޮށްފައިވާ ރަށްރަށާއި ފަޅުފަޅުން އެކޯޕަރޭޝަނަށް ހަތްދިހަ ހަތެއް ޕޮއިންޓު ފަހެއް
މިލިއަން އެމެރިކާ ޑޮލަރު ދައްކާފައިވާކަން ތަހުގީގަށް ޔަޤީންކުރެވުނު ނަމަވެސް އޭގެ
ތެރެއިން، އެމްއެމްޕީއާރުސީގެ އެކައުންޓަށް ވަދެފައި ވަނީ ބާރަ ޕޮއިންޓު ފަހެއް މިލިއަން
ޑޮލަރު ކަމަށް އޭސީސީން ބުނެއެވެ.
އެހެންކަމުން އެއީ ވަކި މައްސަލައެއްގެ ގޮތުގައި
ބަލައި އަދި އެ މައްސަލާގައި ކޭޝްގެ ގޮތުގައި ނެގި ފައިސާއަށް ވީގޮތްވެސް ބަލަން ނިންމާފައިވާ
ކަމަށާއި، އޭގެ އިތުރުން އެ މައްސަލައިގާ ހިމެނޭ ބައެއް ފަރާތްތަކުން ރާއްޖެއިން ބޭރުގައި
ދިރިއުޅެމުން ގެންދިއުމާގުޅިގެން ފުލުހުންނާ ގުޅިގެން އެމީހުން ހާޒިރުކޮށްގެން އެމައްސަލަ
ބަލަން ނިންމާފައިވާ ކަމަށްވެސް އޭސީސީން ބުނެއެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ތެރެއިން އެއް މިލިއަން
ޑޮލަރު ކުރީގެ ރައީސް އަބަދުﷲ ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކްގައި އޮންނަ އެކައުންޓަކަށް
ޖަމާކޮށްފައިވާ މައްސަލަ ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް އޭސީސީން ވަނީ ހާމަކޮށްފައެވެ.
އަދި އެކަމުގައި ޝާމިލްވާ ބައެއް ފަރާތްތަކުން ރާއްޖެއިން ބޭރުގައި އުޅުނު ނަމަވެސް،
ފުލުހުންނާއި ގުޅިގެން އެ ފަރާތްތައްވެސް ޝަރީއަތަށް ހާޒިރުކޮށް ސުވާލު ކުރަން ނިންމާފައިވާ
ކަމަށް އޭސީސީގެ ބަޔާނުގައި ވަނީ ހާމަކޮށްފައެވެ. އަދި ރައީސް ޔާމީންގެ އެ އެކައުންޓުގައި
ހުރި ފައިސާ މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު އޭސީސީގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައިކަން
އެކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ތެރެއިން، މަޖިލީހުގެ ބައެއް މެމްބަރުންގެ އެކައުންޓަށް ބޮޑެތި ޢަދަދުތަކުން ފައިސާ ވަދެފައިވޭ – އޭސީސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ