އެޗުއާރުއެޗުގެ ޚިތާނީ މޫސުން މިއަދު ފަށައިފި

ކޮންމެ އަހަރަކު ސްކޫލް ބަންދާ ދިމާކޮށް ހިތަދޫރީޖަނަލް ހޮސްޕިޓަލް (އެޗުއާރުއެޗު) އިން ކުރިއަށް ގެންދާ ޚިތާނު ކުރުމުގެ މޫސުން މިއަދު ފަށައިފިއެވެ.
ހޮސްޕިޓަލުން ވިދާޅުވީ މިއަދުން ފެށިގެން ސްކޫލް ހުޅުވެންދެން ޚިތާނު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައި ކަމަށެވެ. މިހާތަނަށް 155 ކުދިން ނަން ނޯޓު ކޮށްފައިވާ ކަމަށް ވެސް އެޗުއާރުއެޗުން ވިދާޅުވިއެވެ.
ޚިތާނުކުރުން އޮންނާނީ ކޮންމެ ހަފްތާއަކު 4 ދުވަހުއެވެ. އެއީ ހޮނިހިރު، އާދީއްތަ، ހޯމަ، ބުދަ މި 4 ދުވަހެވެ. "މިއިން ކޮންމެ ދުވަހަކު އަށް ކުދިން ޚިތާނު ކުރުމަށް ހަމަޖެހިފައިވަނީ. މިހާތަނަށް ސަތޭކަ ފަންސާސް ފަސް ކުދިން ނޯޓު ކުރެވިފައި އެބައޮތް،" ހޮސްޕިޓަލުން މަޢުލޫމާތު ދެއްވި ޢަލީ މޫސަ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ނަން ނޯޓު ކުރުމުގެ ފުރުޞަތު އަދިވެސް އެބައޮތް ކަމަށެވެ. "ބޭނުންވާ ބަޔަކަށް ސްކޫލް ފެށެންވާއިރަށް ހުޅުވިފައި އޮންނާނީ" އޭނާ ވިދާޅުވިއެވެ.
ޢަލީ މޫސާ ވިދާޅުވީ ޚިތާނުކުރާ ކުދިންނަށްޓަކައި ހޮސްޕިޓަލް ތައްޔާރުކޮށް ޚާއްޞަ ވޯޑެއްވެސް ހަމަޖައްސާފައިވާކަމަށެވެ. "ކުދިން ޑޮކްޓަރަށް ދައްކައި ޑޮކްޓަރުން އެކުދިން ބެލުމާއި މިހުރިހާ ކަމެއް ކުރިއާ ޚިލާފަށް ތަންކޮޅެއް ފަސޭހަ ގޮތްތަކެއް އެކުދިންނަށް އޮންނާނެ. އެއްގޮތަކަށް ވެސް އެކުދިން ވެއިޓް ލިސްޓްކޮށްގެން ކިއުގައި މަޑުކޮށްގެން މިކަހަލަ ކަންތައްތަކެއް ކުރާކަށް ނުޖެހޭނެ. އަޅުގަނޑުމެންގެ މުވައްޒަފުން ގުޅާފައި އަންނަންވީ ގަޑިވެސް ބުނެދޭނެ،" ޢަލީ މޫސާ ވިދާޅުވިއެވެ.
ފޮޓޯތައް- ޢަލީ މޫސާ
އޭނާ ވިދާޅުވީ ޚިޔާތާނު ކުރުމަށްފަހު ގެއަށްދޫކުރާ ފަހުން ވެސް ކޮންމެ ގަޑިއަކު އެއިން ކުއްޖަކަށް ކަމެއް ދިމާވިޔަސް ހޮސްޕިޓަލަށް އެންގުމުން އެކުދިންގެ ކަންކަން ހިންގައިގަންނާނެ ގޮތަކަށް އިންތިޒާމް ކުރެވިފައިވާކަމަށެވެ. ކުއްޖަކަށް ކަމެއް ދިމާވުމުން އެޕޮއިންޓްމެންޓެއް ހެއްދުމަކާ ނުލައި "ހޮސްޕިޓަލަށް އައުމުން ޑޮކްޓަރު ވަގުތުން އައިސް ބައްލަވާނެ،" ކަމަށް ޢަލީ މޫސާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ