އިއްތިހާދު ހަދަނީ ބައިއަޅާނެ އެއްބަސްވުމެއްގައި ސޮއިކޮށްގެނެއް ނޫން: ޑރ. ހަސަން

ރައީސް މުހައްމަދު ވަހީދާ އެކު މިހާރު ކޯލިޝަން ހަދާފައިވާ ހަތަރު ޕާޓީން ކޯލިޝަން ހެދުމަށް އެއްބަސްވި އިރު ސަރުކާރުން ބައިއަޅާނެ ގޮތުގެ އެއްވެސް އެއްބަސްވުމެއް ނޯންނާނެ ކަމަށް ގައުމީ ޕާޓީގެ ރައީސް ޑރ. ހަސަން ސައީދު ވިދާޅުވެއްޖެ އެވެ.
ރައީސް ވަހީދާ އެކު ކޯލިޝަން ހަދާފައިވާ ހަތަރު ޕާޓީ، ގައުމީ އިއްތިހާދު ޕާޓީ އާއި ގައުމީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން ޑީއާރްޕީގެ ކޯލިޝަންއިން ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާއެއްގައި ޑރ. ހަސަން ވިދާޅުވީ މީގެ ކުރިން ރާއްޖެގައި ކޯލިޝަން ހެދިއިރު އެކޯލިޝަންތައް ހަދާފައި ވަނީ ލިބެން ޖެހޭނެ މަގާމްތައް ކިޔާ ސޮއިކުރެވެމުން ކަމަށާއި ނަމަވެސް މިފަހަރުގެ ކޯލިޝަން ހަދާފައިވާ އިރު ސަރުކާރުގެ ބައި އަޅާނެގޮތެއް ލިޔެކިޔުމުން އެއްބަސްވެފައި ނުވާނެ ކަމަށެވެ.
"އަޅުގަނޑުމެން ގައުމުގެ ތަފާތު އެއްކިބާކޮށް އެއް މާހައުލަކަށް މިއައީ ސަރުކާރުގެ މަގާމްތައް ބެހުމުގެ ބަދަލުގައި އަޅުގަނޑުމެން ގަބޫލުކުރާ ހަމަތަކާއި އުސޫލްތައް އިސްކޮށްގެން މީގެ ކުރީގެ ރިޔާސީ އިންތިހާބުތަކުގެ ފުރަތަމަ ބުރުގައި ކޯލިޝަން ހެދިއިރުވެސް އެޕާޓީއަކަށް ލިބެންޖެހޭ ވަޒީރުކަމާ ވުޒާރާތަކާއި މަގާމްތައް ލިޔެކިޔުމުން އާއިލާމެދުގަ ވެސް އެއްބަސްވެ ސޮއިކުރެވެމުން. އެއާހިލާފަށް މި އިއްތިހާދުގެ ހަތަރު ޕާޓީ އިން އެއްބަސްވިއިރުގައި އެއްވެސް ޕާޓީއެއް ލިޔެކިޔުމުން ސަރުކާރުގެ ބައި އަޅާނެ އުސޫލެއް އެއްބަސްވެފައެއް ނެތް،" ޑރ. ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހަތަރު ޕާޓީ އެކުވެގެން ހަދާފައިވާ އެކޯލިޝަންގެ މަގުސަދަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ކައުސިލްތަކުގެ އިންތިހާބުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް އެކުގައި މަސައްކަތް ކުރުން ކަމަށެވެ. އަދި ހަސަންގެ ވާހަކަފުޅުގައި ވަނީ އެހެން ޕާޓީތަކުން އެކޯލިޝަންއާއި ގުޅުމަށް ގޮވާލައްވާފަ އެވެ.
އޭނާ ވިދާޅުވީ އެ އިއްތިހާދުން އެންމެ އިސްކަމެއް ދޭނެ އަސާސްތަކަކީ ކޮރަޕްޝަނާ ފަސާދަ ނައްތާލުމާއި އިސްލާމްދީން ހިމާޔަތްކުރުމަށާއި ރިވެތި އަހުލާގު ގެނައުމާއި އަމާން މުޖުތަމައުއެއް ބިނާކުރުމުގެ އިތުރުން އިގްތިސާދު ހަމަމަގަށް އެޅުވުން ކަމަށެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޑީއާރްޕީގެ ލީޑަރު ތަސްމީން އަލީ ވިދާޅުވީ އެ ކޯލިޝަންގައި ބައިވެރިވުމަށް ނިންމި ނިންމުމަކީ ގައުމަށްޓަކައި ނިންމި ނިންމުމެއްކަމަށާއި އެގޮތުގައި އަބަދުވެސް ސާބިތުވެ ދެމި ހުންނާނެ ކަމަށެވެ. އަދި ހަތަރު ޕާޓީގެ އެކޯލިޝަންއާއެކު އެމްޑީޕީއިން އެއްބުރުން އިންތިހާބު ކާމިޔާބު ކުރާނެ ވާހަކަ ހުއްޓިއްޖެ ކަމަށް ތަސްމީން ވިދާޅުވި އެވެ. އަދި އެމްޑީޕީގެ ތިން އަހަރު ދުވަހުގެ ވެރިކަމުގައި ކޮށްފައިވާ ގާނޫނާއި ހިލާފް ކަންތައްތައް ކުރުމަށް ދިވެހިން ދެން ބޭނުންނުވާއިރު ވެރިކަމަކީ އާއިލީ ތަރިކައަކަށް ވުމަން ވެސް ދިވެހިން ބޭނުންނުވާކަމަށް ތަސްމީން ވިދާޅުވި އެވެ.
އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބުދުއްﷲ ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބުކުރުމަށް ބޭނުންވާ ކޯލިޝަންގެ 80 ޕަސެންޓް ކާމިޔާބް ވެފައިވާ ކަމަށެވެ. އަދި އެ ކޯލިޝަންއަކުން ނުފުއްދޭވަރުގެ ދޮގު ވައުދުތައް ނުވާނެކަމަށް އިމްރާން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ