ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސްގެ މައުމޫންގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާގެ ޝަރީއަތާ ގުޅިގެން، ފާރިސްގެ ފަރާތުން މިއަދު ސުޕްރީމް ކޯޓަށް ޝަކުވާ ހުށަހަޅައިފި އެވެ.
މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ހުށަހެޅިކަމުގެ ތުހުމަތުގައި ފާރިސަށް ކުރާ ރިޝްވަތުގެ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި ހިންގާ ޝަރީއަތާ ގުޅިގެން ފާރިސް ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅީ ފާރިސްގެ ޝަކުވާތައް ބެލެނިވެރިކަމުގެ އިހްތިސާސްގެ ދަށުން ބަލައި، ސުޕްރީމް ކޯޓުން ގޮތެއް ނިންމައި ދިނުމަށެވެ. އަދި އެކަމުގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަންދެން ފާރިސްގެ ޝަރީއަތް މަޑުޖައްސާލަން ރިޓް އޮފް ޕްރޮހިބިޝަނެއް ނެރެ ދިނުމަށް ވެސް ފާރިސްގެ ފަރާތުން އެދިފައިވެ އެވެ.
އެ މައްސަލާގައި ފާރިސްގެ ފަރާތުން ވަނީ ހަތް ނުކުތާއެއް ފާހަގަކޮށް، އެ މައްސަލާގެ ޝަރީއަތް ކުރިއަށް ގެންދަނީ މަތީ ކޯޓުތަކުގެ ނިންމުންތަކަށާއި ޖިނާއީ އިޖްރާއާތުގެ ގާނޫނާ ޚިލާފަށް އަދި ފާރިސްގެ ހައްގު ގެއްލޭ ގޮތަށް ކަމަށް ކަނޑައަޅައި ދިނުމަށް އެދިފަ އެވެ.
ފާރިސްގެ ފަރާތުން ސުޕްރީމް ކޯޓަށް މިއަދު ޝަކުވާ ހުށަހެޅިއިރު އެ މައްސަލާގެ އިބްތިދާއީ މަރުހަލާ ނިމި، މިހާރު އޮތީ ޝަރީއަތުގެ މަރުހަލާގަ އެވެ.
އެ މައްސަލާގައި ފާރިސް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން އޭނާ މިނިވަން ކޮށްފައި ވަނިކޮށް، އެހެން ތުހުމަތެއްގައި ފާރިސް އަލުން ވަނީ ހައްޔަރުކޮށްފަ އެވެ. އެ މައްސަލާގައި ފާރިސްގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް އިތުރުކޮށްފަ އެވެ.
ޝަރީއަތާ ގުޅިގެން ފާރިސްގެ ޝަކުވާ ސުޕްރީމް ކޯޓަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ