ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ތާވަލް ކުރުމަށްފަހު ކެންސަލް ކޮށްފި އެވެ.
ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވިކަމަށް ބުނެ ރިޔާޒުގެ މައްޗަށް އުުފުލާފައިވާ ދައުވާގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ ހޯމަ ދުވަހުގެ މެންދުރު 1:30 އަށެވެ. ނަމަވެސް މިއަދުގެ ޝަރީއަތުގެ އަޑުއެހުން ކެންސަލް ކުރިވަކި ސަބަބެއް ހާމައެއް ނުވެއެވެ.
ރިޔާޒުގެ މައްޗަށް އުފުލާފައިވާ މި ދައުވާގެ ފުރަތަމަ އަޑުއެހުން ބޭއްވީ މިމަހުގެ 11 ވަނަ ދުވަހުއެވެ. އެ އަޑުއެހުމުގައި ވަކީލަކު ހަމަޖެއްސުމަށް ރިޔާޒުއަށް ފަސް ދުވަހުގެ ފުރުސަތެއް ދިނެވެ.
ނަމަވެސް ގާނޫނީ ހަމަތަކުގެ މަތީން ފަސް ދުވަސް ހަމަނުވަނީސް، މިމަހުގެ 18 ވަނަ ދުވަހުގެ ވަގުތެއްގައި އިތުރު އަޑުއެހުމެއް ބާއްވައި، ދެ ދުވަހުގެ ތެރޭގައި ވަކީލަކު އައްޔަންކުރުމަށް އަންގައި، ޝަރީއަތުގެ އަޑުއެހުން ނިންމާލައްވާފައިވާ ކަމަށްވެސް ވަކީލުން ބުނެއެވެ.
އެއަޑުއެހުން ނިންމައި އެންމެން ދިޔަ ފަހުން ހަމަ އެދުވަހު އަލުން އިތުރު އަޑުއެހުމެއް ބާއްވައި، ދައުވާކޮށްފައިވާ މައްސަލައާ ގުޅުވައި، އެމައްސަލާގައި ވަކީލެއްގެ ފުރުސަތުދީފައިވާ މުއްދަތު ދެމިއޮއްވައި، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ދިނުމެއް ނެތި، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ދައުލަތުން އެދި އެގޮތުގެ މަތީން ބަންދުގައި ބެހެއްޓުމަށް ގާޒީ އަމުރުކުރައްވާ ކަމަށް ރިޔާޒުގެ ގާނޫނީ ވަކީލުން ނެރެފައިވާ ބަޔާނުގައި ވެއެވެ.
ރިޔާޒް މައްސަލަ ނިމެންދެން ބަންދުގައި ބެހެއްޓުމަށް ނިންމާފައިވަނީ މިދިޔަ އަހަރު ބަލަން ފެށި މައްސަލައަކާ ގުޅިގެން ކަމަށާއި، މިއީ މާރޗު ދެ ވަނަ ދުވަހު ފުލުހުން އޭނާ ހައްޔަރު ކުރި ކުރުމުގައި ގާނޫނީ ކުލަޖެއްސުމަށް ކުރި ކަމެއް ކަމަށް އޭނާގެ ގާނޫނީ ވަކީލުން ބުނެފިއެވެ.
ރިޔާޒުގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ގާނޫނުލް އުގޫބާތުގެ 511 ވަނަ މާއްދާގެ (ހ) ގެ ދެވަނަ ނަމްބަރާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދެވަނަ ނަމްބަރުގެ ދަށުންނެވެ.
މި ދައުވާ ސާބިތުވެއްޖެނަމަ ރިޔާޒުގެ މައްޗަށް ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
މި ދައުވާއަކީ، ރިޔާޒުގެ މައްޗަށް ދައުލަތުން ކުރި ތިން ވަނަ ދައުވާއެވެ. މީގެ ކުރިން، އޭނާގެ މައްޗަށް ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅިކަމުގެ ދައުވާ ކުރިއެވެ. އެހެން ނަމަވެސް، ކްރިމިނަލް ކޯޓުން ވަނީ އެ ދައުވާ ސާބިތުނުވާ ކަމަށް ހުކުމް ކޮށްފައެވެ. ދައުލަތުން ވަނީ އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.
މީގެ އިތުރުން، ރިޔާޒާއި ރައްޔިތުންގެ މަޖިލީހުގެ އިތުރު 11 މެންބަރެއްގެ މައްޗަށް ފުލުހުންގެ ދައުރަށް ހުރަސް އެޅުމުގެ ދައުވާ ވަނީ ކޮށްފައެވެ. އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ހިންގަމުންނެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަބްދުﷲ ރިޔާޒުގެ މިއަދުގެ ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ