ސުޕްރީމް ކޯޓުން ގެންނަން އުޅުނީ އެންމެ ނުރައްކާތެރި ބަޣާވަތް- ރައީސް ޔާމީން

ސުޕްރީމް ކޯޓު މެދުވެރިކޮށް ގެންނަން އުޅުނު ބަޣާވާތަކީ މިހާތަނަށް ރާއްޖެއަށް ގެންނަން އުޅުނު އެންމެ ނުރައްކާތެރި ބަޣާވަތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ކާނިވާ ސަރަހައްދުގައި ޕީޕީއެމްއިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ސުޕްރީމް ކޯޓު މެދުވެރިކޮށް ގައުމުގައި ޝަރަފްވެރި މަގާމްތަކެއް ހޯއްދެވި ބޭފުޅަކު އިސްވެ ހުންނަވައި ގެންނަން އުޅުނު ބަޣާވާތަކީ "އިއްޒަތްތެރި ބަޣާވާތް ފުޅެއް" ކަަމަށް ވިދާޅުވެފައެވެ. ރައީސް ޔާމީން ވިދާޅުވީ، އެންމެ މަތީ ކޯޓުން ނިންމާ ނިންމުމަކީ އަބަދުވެސް އެންމެ ފަހުގެ ނިންމުން ކަމަށްވާތީ، ސުޕްރީމް ކޯޓުގެ ނިންމުމަކާ ދެކޮޅަށް މަސައްކަތް ކުރުމަކީ އެމަނިކުފާނަށް ކުރައްވަން ފަސޭހަފުޅު ކަމަކަށް ނުވި ކަމަށެވެ. އޭގެ މައިގަނޑު ސަބަބަކީ އެ އަމުރު ތަންފީޒު ކުރަން ބޭރު ގައުމުތަކާއި ޖަމްއިއްޔާތަކުން ސަރުކާރަށް އަންނަމުން ދިޔަ ޕްރެޝަރުތައް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ، ދައުލަތަށް ސުޕްރީމް ކޯޓުގެ އަމުރުތައް ތަންފީޒް ނުކުރެވުމުން ބޭރުގެ ފަރާތްތަކަށް އެކަން ބަލައިގަންނަން އުނދަގޫވީ އެފަދަ ނުބައި ރޭވުމެއް ގައުމެއްގެ ސުޕްރީމް ކޯޓަކުން ރާވާފާނެ ކަމަށް އެފަރާތްތަކަށް ގަބޫލް ނުކުރެވުމުން ކަމަށެވެ. ރައީސް ވިދާޅުވީ އެންމެ މޮޅަށް ރާއްވަވާ ފަރާތަކީ މާތްﷲ ކަމަށާއި، އިދިކޮޅު ފަރާތްތަކުން ރޭވި ނުބައި ރޭވުން ކާމިޔާބު ވި ނަމަ، ރާއްޖޭގެ ހާލަތުގެ ދުލުން ގިސްލުން ނޫން އަޑެއް ނީވޭނެ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ ދައުލަތް ގޮތް ހުސްވާ ހާލަތަކަށް ގެންގޮސް، ރާއްޖެއަށް ގެއްލުން ދޭން އުޅުމަކީ ބޮޑެތި އަދަބު އެކަމަށް ދޭންޖެހޭ ކަމެއް ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަކީ ގޮތް ދޫނުކުރާ ވެރިއެއް ކަމަށް ދެއްކުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ޤާނޫނީ ސަރުކާރު ވައްޓާލަން ކުރި މަސައްކަތާއި ދެކޮޅަށް އެމަނިކުފާނުގެ ސަރުކާރުން މަސައްކަތްކުރީވެސް ގޮތް ދޫނުކުރުމުގެ ގޮތުންކަން ބޭރު ދުނިޔެއަށް ހާމަ ކުރުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރާ ކަމަށެވެ. އެހެންނަމަވެސް ހަގީގަތް ބަލައިފިނަމަ، ސަރުކާރުން އެޅި ފިޔަވަޅުތަކަށް ބޭރު ދުނިޔެއަށްވެސް އަދި އިދިކޮޅު ފަރާތްތަކަށްވެސް ފާޑު ކިޔާ ޖަދަލު ނުކުރެވޭނެ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ