މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބަނގުރޫޓު ކޮށްލަން ކަމަށާއި އެކަން އެންމެ ހަރު އަޑުން ކުށްވެރި ކުރާ ކަމަށް އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީ އިން ބުނެފި އެވެ.
އެމްޑީޕީއިން މިހެން ބުނެފައިވަނީ އެ ޕާޓީން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގަ އެވެ.
“ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހީމަށް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ދެމުންގެންދާ އަނިޔާތަކާއި ކުރަމުންދާ ފުރައްސާރައިގެ ތެރެއިން އެމަނިކުފާނުގެ ވިޔަފާރިތައް ހަލާކުކޮށްލައި ބަނގުރޫޓުކޮށްލުމަށް މަސައްކަތްކުރަމުން ގެންދާތީ އެކަން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ.” އެ ބަޔާނުގައި ބުނެފައި ވެ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ޤާނޫނު އަސާސީއާއި ޤާނޫނުތަކާ ޚިލާފަށް އެމަނިކުފާނުގެ މައްޗަށް ދަޢުވާކޮށް، ޖަލަށް ޙުކުމްކުރުމުގެ އިތުރުން އެމަނިކުފާނުގެ ވިޔަފާރީގެ މުޢަމަލާތްތައް، ޤާނޫނުތަކާއި އެއްބަސްވުންތަކާ ޚިލާފަށް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ރޫޅާލައި، މުދާތައް އަތުލައި އެތައް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް އެމަނިކުފާނުގެ ވިޔަފާރިތައް ބަނގުރޫޓުކޮށްލުމުގައި ކެނޑިނޭޅި މަސައްކަތްކުރަމުންދާކަން ކަންބޮޑުވުމާއެކު ފާހަގަ ކުރާ ކަމަށެވެ.
“އޮނަރަބަލް ޤާސިމް އިބްރާހީމަށް ޢަބްދުﷲ ޔާމީންގެ ސަރުކާރުން މިފަދަ ނުޙައްޤު އަދަބުތަކާއި އަނިޔާތައް ދެމުންގެންދަނީ މި ސަރުކާރުން ރައްޔިތުންނަށާއި މި ޤައުމަށް ދެމުންގެންދާ ބޮޑެތި ގެއްލުންތަކާ ދެކޮޅަށް އެމަނިކުފާނު މަސައްކަތްކުރައްވަމުން ގެންދަވާތީއެވެ. ހަމައެފަދައިން މިއީ އިދިކޮޅު ސިޔާސީ ލީޑަރުން ނެތިކޮށްލުމަށް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ތަކުރާރުކޮށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ހިންގާ ޖަރީމާއެކެވެ.” އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އޮނަރަބަލް ޤާސިމް އިބްރާހީމްގެ ވިޔަފާރިތައް ހަލާކުކޮށް ބަނގުރޫޓްކޮށްލުމަށް ޢަބްދުﷲ ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް މި ޕާޓީން ސަރުކާރުގެ ހުރިހާ ފަރާތްތަކަށް ގޮވާލާ ކަމަށާއި ޤާނޫނާ ޚިލާފަށް މިގޮތަށް ކުރެވޭ ކަންކަން އަލުން ރުޖޫޢަކޮށް އަދި އެފަދަ ގޮތްގޮތަށް އެކުލެވޭ އެއްބަސްވުންތައް ދެން އުފެދޭ ސަރުކާރެއްގައި އުވާލެވޭނެ ވާހަކަ ތަކުރާރުކޮށް ދަންނަވާ ކަމަށެވެ.
އެމްޑީޕީން ބުނަނީ މި ސަރުކާރުން މަސައްކަތް ކުރަނީ ގާސިމް ބަނގުރޫޓު ކޮށްލަން ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ