ޕީޖީގެ މަގާމަށް މީހަކު އައްޔަން ކުރުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި
ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް ލަސްނުކޮށް މީހަކު އައްޔަން ކުރުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.
ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ތިރީސް ދުވަހުގެ ތެރޭގައި މީހަކު އައްޔަން ކުރުމަށް ގާނޫނު ލާޒިމް ކުރާތީ ލަސްނުކޮށް އެކަން ކުރުމަށް، ކަމާބެހޭ އެންމެހާ ފަރާތްތަކަށް އަންގާ ކަމަށެވެ. އަދި ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށާއި އެހެން ކޯޓުތަކަށް ހުށައަޅާ މައްސަލަތައް އެއްވެސް ހުއްޓުމެއް ނެތި ބަލައިގަންނަމުން ދިއުމަށާއި، ކޯޓުގައި ހުރި މައްސަލަތައް ކުރިއެކޭ އެއްގޮތަށް ކުރިއަށް ގެންދިއުމަށްވެސް އެއަމުރުގައިވެއެވެ.
އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން ސޮއިކުރައްވާ ނެރުނު މި އަމުރުގައި، ކުރިން ޕީޖީ އޮފީހުން ކޯޓަށް ފޮނުވާފައި ހުރި މައްސަލަތައް އަނބުރާ ނުގެންދިއުމަށާއި، އެއޮފީހުން ހުށައަޅާފައިވާ މައްސަލަތަކަށް ދައުވާ ނުކުރުމަށް ނިންމުންފަދަ ފިޔަވަޅެއް ޕީޖީ އޮފީހުން މިވަގުތު ނޭޅުމަށްވެސް ގޮވާލާފައިވެއެވެ. ސުޕްރީމް ކޯޓުން މިއަމުރު ނެރެފައި މިވަނީ ޕީޖީއަކު ނެތުމުން ކްރިމިނަލް ކޯޓުން ހުށައަޅާ މައްސަލަތައް ކްރިމިނަލް ކޯޓުން ބަލައިނުގަންނަތާ ދުވަސްތަކެއްވީ ފަހުންނެވެ.
ޕީޖީގެ މަގާމް ހުސްވެފައިވަނީ ކުރިން އެމަގާމުގައި ހުންނެވި އަހުމަދު މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ފަންސަވީސް ވަނަ ދުވަހު އެމަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން މަޖިލީހަށް ނަންފުޅެއް ފޮނުއްވި ނަމަވެސް މަޖިލިސް ޗުއްޓީއަށް ގޮސްފައިވަނީ އެނަންފުޅު ދިރާސާ ކުރުމަށް ކޮމިޓީ މަރުހަލާގައި ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ