15 ލާރި ނުދެއްކި އޮވެގެން ކަރަންޓް ކަނޑާލަން ނޯޓިސް ފޮނުވައިފި

ކަރަންޓް ބިލް ދެއްކި އިރު 15 ލާރި ނުދެއްކި އޮވެގެން އެ 15 ލާރި ނުދައްކާނަމަ ކަރަންޓް ކަނޑާލާނެ ކަން އަންގައި ސްޓެލްކޯއިން މާލޭގެ ގެއަކަަށް ނޯޓިސް ފޮނުވައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެބިލް ނުދައްކައިފިނަމަ ކަރަންޓް ކަނޑާލާނެކަމަށް ސްޓެލްކޯއިން ފޮނުވި ނޯޓިސްގައި ބުނެފައިވެ އެވެ.
އެނގިފައިވާ ގޮތުގައި އެ 15 ލާރިއަކީ އޭގެ ކުރީ މަހުގެ ބިލް ދެއްކިއިރު މަދުވި 15 ލާރި އެވެ. އެ 15 ލާރި ހޯދުމަށް ސްޓެލްކޯއިން ކަރަންޓް ކަނޑާލާނެ ކަމުގެ ނޯޓިސް ފޮނުވުމުން އެކަމާއި މެދު ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މީޑިޔާގައި ސްޓެލްކޯއަށް ފާޑު ކިޔާފަ އެވެ.
ސްޓެލްކޯގެ ކަރަންޓް ބިލްތަކާއި ކަރަންޓް ކަނޑާލާނެ ކަމުގެ ނޯޓިސްގެ ގޮތުގައި ފޮނުވާ ބިލްތަކަކީ އެކަމަށް ހާއްސަ ސޮފްޓްވެއާއެއް ބޭނުންކޮށްގެން ތައްޔާރު ކުރާ ބިލްތަކަކަށް ވާއިރު އެންމެ ލާރިއެއް މަދުވާ ނަމަވެސް ސިސްޓަމްތަކުން ނޯޓިސް ތައްޔާރު ކުރާ ކަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް ސްޓެލްކޯއިން ކަރަންޓް ކަނޑާލުމުގެ ނޯޓިސް ފޮނުވުމުގައި އަމަލުކުރާ ގޮތާއި ގުޅޭ ގޮތުން ސްޓެލްކޯގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ