ޝަހީދު އާދަމް ޙަލީމުގެ ހަނދާނީ ފުރަތަމަ ޤުރްއާން މުބާރާތް ނިމި ނަތީޖާ ފައުޅުކޮށްފި

ފައިޞަލް ފައުންޑޭޝަނުން ކާށިދޫ އަދި ގާފަރަށް ޚާއްބަކޮށްގެން ބާއްވަމުން އައި ކީރިތި ޤްރްއާން ކިޔެވުމުގެ މުބަރާތް ޝަހީދު އާދަމް ޙަލީމުގެ ހަނދާނީ ފުރަތަމަ ޤުރްއާން މުބާރާތަށް ބަދަލުކޮށް ބޭއްވި ފުރަތަމަ މުބަރާތް ނިންމައި ނަތީޖާ ފައިޅުކޮށްފިއެވެ.
އެކަމަށްޓަކައި ހޮނިހިރު ދުވަހު ގާފަރުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވަނީ ރައްޔިތުންގެ ދީނީ ރޫޙު އާލާ ކުރުމަށްޓަކައި ކާށިދޫ ދާއިރާގެ މެމްބަރު ފައިޞަލް ނަސީމުގެ އިސްނެންގެވުމުގެ މަތިން ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތެއް ބާއްވަވަން ގަސްތު ކުރައްވައި އެމުބާރާތް ޝަހީދު ޕޮލިސް ސާޖަންޓު އާދަމް ޙާލީމަށް ނިސްބަތް ކުރެއްވި ކަމަށްޓަކައި ފައިޞަލަށް ޝުކުރު އަދާކުރައްވާފައެވެ.
"އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި ދިވެހިރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތް ކުރުމުގެ ޚިދުމަތުގައި ހުއްޓައި ޝަހީދުވި ދިވެއްސެއްގެ ނުވަތަ ދިވެހި ފުލުހެއްގެ ހަނދާނުގައި ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތެއް ބޭއްވުމަކީ ވަރަށް ޚާއްޞަ އަދި އެހާމެ މާނަހުރި ހުރިކަމެއް."
ޙުސައިން ވަޙީދު ވިދާޅުވީ ކީރިތި ޤުރުއާން އަޅުގަނޑުމެންނަށް އިރުޝާދު ދެނީ، ހިތްތައް ރަނގަޅު ކުރުމަށާއި އަމަލުތައް ތެދުވެރި ކުރުމަށްކަމަށެވެ. އަނެކުންނަށް އޯގާވެރިވުމަށާއި. ތަޤުވާގެ މަތީގައި ދެމި ތިބުމަށް ކަމަށެވެ. ހަމައެހެންމެ ކީރިތި ޤުރުއާން އަޅުގަނޑުމެންނަށް އަމުރު ކުރަނީ ނުބައި ހީތަކާ ދުރުހެލިވުމަށާއި ނުބައި އަމަލުތަކާ ވަކިވުމަށް ކަމަށެވެ. އަނެކުންގެ މައްޗަށް ޙައްޤަކާ ނުލައި ހަރުކަށިނުވުމަށާއި އެއްވެސް މީހަކާމެދު އަނިޔާވެރި ނުވުމަށާއި އެއްވެސް މީހެއްގެ ޖާނާއި މާލާ ފުރާނައަށް ނުރައްކާ ނުކުރުމަށްކަމަށެވެ.
"މިދެންނެވި ކަންކަމަށް ބަލާއިރު، އަޅުގަނޑުމެންގެ މުޖުތަމަޢުގެ ހުރިހައި ބާއްޖަވެރިކަމެއް ގުޅިފައި ވަނީ އަޅުގަނޑުމެންގެ ހިތްތައް ރަނގަޅު ކުރުމާއި އަޅުގަނޑުމެންގެ ޢަމަލުތައް އިޞްލާޙު ކުރުމާއި ކޮންމެ މީހަކީ ވެސް އަނެކާއަށް އޯގާތެރިވެ އެހީތެރިކަން ފޯރުކޮށްދޭ މަދަރުވެރިއެއްކަމަށް ވުމާއި ހަމަ އެހެންމެ އަޅުގަނޑުމެންގެ މުޖުތަމަޢުގައި ބިރުވެރިކަމެއް އުފެދި، ނުތަނަވަސްކަން އިޙްސާސް ކުރެވި، އަމާންކަން ގެއްލި ނާމާންކަމަށް ހުށަހެޅޭނަމަ، އެކަންކަން ގުޅިފައިވަނީ މީގެ ދިމާއިނދި ކޮޅާ."
ޙުސައިން ވަޙީދު ވިދާޅުވީ އަޅުގަނޑުމެންގެ ހިތްތައް ނުބައި ވުމާއި ކުށް ހީ ކުރުމާއި ހަސަދަވެރިވާނަމަ މިކަންކަމުގެ ނަތީޖާއަކަށް ވާނީ، ދުލުން ހުތުރު ނުބައި ބަސްތައް ބުނެވެން ފެށުމާއި އަތްފައިން ނުރަނގަޅު އަމަލުތައް ކުރެވެން ފެށުން ކަމަށެވެ. އަދި ޞުލްޙަ މަސަލަސްކަން ނެތި ދިއުމާއި އެއާއެކު މުޅިމުޖުތަމަޢުގައި ރުޅިވެރިކަމާއި ހަރުކަށިކަން އާންމުވުންކަމަށެވެ. އަދި އަޚުވަންތަކަމާ ގާތްތިމާގެ ރަށްޓެހި ރަޙްމަތެރިކަމުގެ ގުޅުން މުލުން ލުހިގެން ދިއުން ކަމަށެވެ.
"މިއީ ބަރަކާތްތެރި ރަމަޟާން މަސް. މިއީ ހެޔޮކަމުގެ މަސް. ހެޔޮ ބަހުގެ މަސް. ހެޔޮ އަޒުމާއި އުއްމީދުގެ ވެސް މަސް.ރަމަޟާން މަހުގެ ފަހު ދިހައިގާ ކީރިތި ޤުރުއާން ކިޔެވުމުގެ މި ފަދަ މުބާރާތެއްގެ ނަތީޖާ ފާޅުކުރުން ބާއްވާ އިރު އަޅުގަނޑު ދެކޭ ގޮތުގައި މި މުބާރާތުން އަޅުގަނޑުމެން އެތައް ފިލާވަޅުތަކެއް ލިބިގަންނަން ޖެހޭނެ. މުބާރާތުގެ ބައިވެރިންނަށް އަޅުގަނޑު ބުނެލަން އޮތީ، ޤުރުއާން ކިޔެވުމުގެ މުބާރާތުން އަޅުގަނޑުމެން ދެ ބާވަތެއްގެ އިނާމު ހޯދަން ޖެހޭނެވާހަކަ. އެއް ބާވަތަކީ، އަޅުގަނޑުމެންގެ އަމިއްލަ ނަފުސުތައް ޒީނަތްތެރިކޮށްދޭ އިނާމުތައް. އެއީ އީމާންތެރިކަން. އިޙްސާންތެރިކަން. ކިޔަމަންތެރިކަން. ވިސްނުންތެރިކަމާއި ހިތްތިރިކަން. އަނެއް ބާވަތުގެ އިނާމަކީ އަޅުގަނޑުމެންނަށް ފެންނަގޮތަށް ގޭގެ ހަރުގަނޑުތަކުގައި ބެހެއްޓޭ ތަށިތައް.. ނުވަތަ ލިބޭ ފައިސާގެ އިނާމު."
ޙުސައިން ވަޙިދު ވިދާޅުވީ ކީރިތި ޤުރުއާން އަޅުގަނޑުމެންނަށް މަގު ދައްކައިދެނީ އެންމެ ސީދާވެގެންވާ ތެދުމަގަށް ކަމަށާއި އެ ފޮތުން އަޅުގަނޑުމެންނަށް ޙައްޤާއި ބާޠިލް ވަކި ކޮށްދޭ ކަމަށެވެ. "ހެވާ ނުބަޔާ ދެމެދުގައި ވަރުގަދަ އިންފާރެއް ވާކަން އެފޮތުން އަޅުގަނޑުމެންނަށް އަންގައިދޭ. މި މުބާރާތް ނިސްބަތްވާ ހާދިސާއަށް ބަލާއިރު ވެސް ފެންނަނީ މި ދެންނެވި އިންފާރުގެ ދެ ފަރާތް. ސާބިތު ކަމާއެކު ޚިދުމަތުގައި ދެމި ހުރުމާ، ކުށެއްނެތް މީހެއްގެ ފުރާނައަށް އެއްވެސް ބެލުމެއްނެތި އަދި ބިރެއްނެތި ޙަމަލާ ދިނުން."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ