މެއި މަހުގެ ނިޔަލަށް އުފައްްދަންޖެހޭ ކަރަންޓުގެ ނިސްބަތް އިތުރު: ސްޓެލްކޯ

ކޮންމެ އަހަރަކުވެސް ފެބްރުއަރީ މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ ހޫނު ގަދަ ދުވަސްތަކަކަށްވާތީ އެ ދުވަސްވަރު އުފައްދާ ކަރަންޓުގެ މިންވަރު 8.5 އިންސައްތަ އިތުރުވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފި އެވެ.
ސްޓެލްކޯ އިން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ފެބްރުއަރީ މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ ރާއްޖޭގެ ފިނިހޫނުމިން އަހަރުގެ ތެރޭގައި އެންމެ މަތިވާ ދުވަސްވަރު ކަމަށްވާތީ މިދުވަސްވަރު ކަރަންޓް ބޭނުންކުރާ މިންވަރު އާދަޔާ ހިލާފަށް އިތުރުވާ ކަމަށެވެ.
ސްޓެލްކޯ އިން ބުނީ ކޮންމެ އަހަރަކުވެސް ފެބްރުއަރީ މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް ކަރަންޓް ބޭނުންކުރާ ނިސްބަތް އިތުރުވަމުންދާ ކަން އެކުންފުނީގެ ރެކޯޑްތަކުން ވެސް ދައްކާ ކަމަށެވެ. އަދި ކަމާއި ގުޅޭ ދާއިރާތަކުގެ ތަފާސްހިސާބު ދައްކާގޮތުން ފިނިހޫނު މިނަށް އަންނަ ބަދަލާއެކު ހޫނު ގަދަވުމާއި ކަރަންޓް ހަކަތަ ބޭނުންކުރެވޭ ނިސްބަތްވެސް އެކުއެކީގައި އިތުރުވަމުންދާ ކަމަށްވެސް ސްޓެލްކޯ އިން ބުނެ އެވެ.
"މިގޮތުން މިކުންފުނީގެ ރެކޯޑްތަކުން ދައްކާ ގޮތުގައި މިމުއްދަތުގައި ކަރަންޓް ބޭނުންކުރާ ވަރު އިތުރުވުމުގެ ސަަބަބުން ކަރަންޓް އުފައްދާ ފޯރުކޮށްދިނުމަށް އަހަރުގެ އެހެން މަސްތަކުގައި ކަރަންޓް އުފައްދާ މިންވަރާ އަޅާބަލާއިރު 8.5 އިންސައްތަ އިތުރަށް ކަރަންޓް އުފައްދަންޖެހެ އެވެ. އަދި ހަކަތަ ބޭނުންކުރާ މިންވަރުވެސް މިނިސްބަތަށް އިތުރުވެގެންދެ އެވެ،" ބަޔާނުގައިވެ އެވެ.
ސްޓެލްކޯ އިން ބުނީ ހަކަތައަށް ހޭދަކުރަންޖެހޭ މިންވަރު މަދު ކުރުމަކީ ދިރިއުޅުމުގެ ހޭދަތަކަށް އިގްތިސޯދު ކުރުމަށާއި ތިމާވެއްޓަށް ރައްކާތެރިވުމަށް ކޮންމެ ފަރުދަކަށްމެ ކުރެވިދާނެ ވަރަށް ބޭނުންތެރި އަދި އެހާމެ މުހިއްމު މަސައްކަތެއް ކަމަށެވެ. ކަރަންޓް ބޭނުންކުރާ މިންވަރު ވީވަރަކުން މަދުކުރުމަށާ ކަރަންޓް ހަރަދު ކުޑަ ކުރެވެން ހުރި ވަސީލަތްތަކުގެ ބޭނުން ހުރިހާ ހާލަތެއްގައި ބޭނުންކޮށްގެން ހާއްސަކޮށް މިދުވަސްވަރު އިތުރަށް ސަމާލުކަން ދެެއްވުމަށް ސްޓެލްކޯ އިން އެދޭ ކަމަށްވެސް ބަޔާނުގައިވެ އެވެ.
ކޮންމެ އަހަރަކުވެސް ފެބްރުއަރީ މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް ހިނގާ ދުވަސްތަކުގައި ކަރަންޓް އުފައްދަން ޖެހޭ މިންވަރު އިތުރުވާ ކަމަށް ސްޓެލްކޯ އިން ބުނާއިރު މަލޭގެ އެކި ސަރަހައްދުތަކުން އަބަދުވެސް ކަރަންޓް ކެނޑެމުންދެ އެވެ. އަދި ބައެއް ހާލަތްތަކުގައި މުޅި މާލެ އިން ކަރަންޓް ކެނޑޭ މައްސަލައަށް އަދިވެސް ވަނީ ރަނގަޅު ހައްލެއް ހޯދޭ ގޮތް ނުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ