ނ. މަނަދޫގައި އެއާޕޯޓެއް އަޅަން ސަރުކާރުން ބޭނުންވާ ކަމަށް މަނަދޫ ދާއިރާގެ މެންބަރު އުމަރު ހުސައިން ވިދާޅުވެއްޖެ އެވެ. 
ވީނިއުސް އަށް މިއަދު މައުލޫމާތު ދެއްވަމުން ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ މެންބަރު އުމަރު ވިދާޅުވީ މަނަދޫގައި އެއާޕޯޓެއް އަޅަން ސަރުކާރުން ބޭނުންވާތީ ސަރުކާރުގެ އެދުމަށް އޭނާ މަނަދޫ ކައުންސިލަށް ބައްދަލުކޮށް މަޝްވަރާކުރެއްވި ކަމަށެވެ. އަދި ސަރުކާރުން އެދޭ ގޮތަށް މަނަދޫގައި އެއާޕޯޓެއް އެޅުމަށް ބޭނުންވާ ކަންކަން ހަމަޖައްސައިދިނުމަށް މަނަދޫ ކައުންސިލުން ތައްޔާރަށް އޮތް ކަމަށް ވެސް ވިދާޅުވި އެވެ. 
"އަޅުގަނޑު ކައުންސިލާ ބައްދަލުކުރުމުން އިނގުނީ އެ ބޭފުޅުން އެކަމަށް ވަރަށް ބޮޑަށް ބޭނުންވެފައިވާކަން. ރައްޔިތުންވެސް އެގޮތް ބޭނުންވެފައި ތިބި،" އުމަރު ވިދާޅުވި އެވެ. 
އޭނާ ވިދާޅުވީ މަނަދޫގައި ޑޮމެސްޓިކް އެއާޕޯޓެއް އެޅުމަށް ބޭނުންވާ ބިން ލިބޭނެ ކަމަށާއި ކައުންސިލުން އެކަން ހަމަޖައްސައިދޭނެ ކަމަށެވެ. 
ނ. މަނަދޫގައި އެއާޕޯޓެއް އަޅަން ސަރުކާރުން ބޭނުންވާއިރު އެއަތޮޅު މާފަރުގައި ވެސް އެއާޕޯޓެއް އެޅުމުގެ މަސައްކަތް ދަނީ ހިނގަމުންނެވެ. 
މަނަދޫ އެއާޕޯޓާ ގުޅިގެން މާފަރުގައި އަޅާ އެއާޕޯޓުގެ މަސައްކަތް ހުއްޓިގެން ހިގައިދާނެތޯ ދެންނެވުމުން މެންބަރު އުމަރު ވިދާޅުވީ އެފަދަ ކަމެއް ނުވާނެ ކަމަށެވެ. މާފަރު އެއާޕޯޓުގެ މަސައްކަތް ހުއްޓާ ނުލާ މިހާރުވެސް ކުރިއަށްދާ ކަމުގައިވެސް ވިދާޅުވި އެވެ. 
މާފަރުގައި އެއާޕޯޓް އެޅުމުގެ މަސައްކަތް ކުރަމުންދަނީ މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓާ ހަވާލުކޮށްގެންނެވެ. އެ މަސައްކަތް އެކުންފުންޏާ ހަވާލުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.
    
    މަނަދޫގައި އެއާޕޯޓެއް ހަދަން ސަރުކާރުން ވަނީ ނިންމާފައި: މެންބަރު އުމަރު
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ