މި ހަފްތާއަކީ ރާއްޖެއަށް ސިޔާސީ ބިންހެލުން އަންނާނެ ހަފްތާއެއް - އުމަރު

މި ހަފްތާއަކީ ރާއްޖެއަށް ސިޔާސީ ބިންހހެލުންތައް އަންނާނެ ހަފްތާއެއް ކަމަށް ހޯމް މިނިސްޓަރުކަމުން ދާދިފަހުން އިސްތިއުފާދެއްވި އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
"ހަފުތާ" އޮންލައިން ނޫސް އިފްތިތާހުކުރުމަށް ރޭ ސަލްސާ ރޯޔަލް ރެސްޓޯރެންޓްގައި ބޭއްވި ހަފްލާއެއްގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ މިއީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ގިނަ ކަންތައްތައް ހިނގައި، ސިޔާސީ މަސްރަހު އަލުން "ޝޭޕް" ކުރާނެ ހަފްތާއެއް ކަމަށެވެ.
އެގޮތުން މި ހަފްތާއަކީ ބިމު އަޑީގައި ހުންނަ ހިލައިގެ ފަށަލަތައް އެކަތި އަނެކައްޗާ ޖެހި، ހިނގާފަދައިން ރާއްޖޭގެ ސިޔާސީ މަސްރަހަށް ބިންހެލުން އަންނަ ހަފްތާއެއް ކަމަށް އުމަރު ވިދާޅުވިއެވެ.
"ދުނިޔެ އުފެދިފައި އޮންނައިރު އޭގެ މައި މެދުގައި ހުންނާނެ ޓެކްޓޯނިކްސް ޕްލޭޓްސް ކިޔާ އެއްޗެއް. ވަރަށް ބޮޑު ހިލަތަކެއް. ގާތްގަނޑަކަށް މީގެ ހަތް ނުވަތަ އަށް ހިލަ. ހިލައިގެ މައްޗަށް ދުނިޔެ އުފެދިފައި މި ހުންނަނީ. ހިލައެއްގެ ދުރުމިނަކީ ގާތްގަނޑަކަށް ކޮންޓިނެންޓެއް. ބައެއް ފަހަރަށް މި ހިލަތައް މޫވްކުރޭ. މޫވްކުރީމަ ދުނިޔެއަށް މި އަންނަނީ އާތްކުއޭކް. މިހަފުތާއަކީ ރާއްޖޭގެ ޓެކްޓޯނިކްސް ޕްލޭޓްސްތައް ވެސް މޫވްކުރާ ހަފުތާއެއް" ރާއްޖޭގެ ސިޔާސީ މަސްރަހަށް އަލިއަޅުއްވަމުން އުމަރު ވިދާޅުވިއެވެ.
އުމަރު މިގޮތަށް ވިދާޅުވެފައި މިވަނީ ސަރުކާރު ހިންގުމުގައި ޕީޕީއެމްގެ ރައީސްގެ ބާރާއި ނުފޫޒު އޮންނަން ޖެހޭ މިންވާރާމެދު ބަހުސްކުރެވެމުންދާ ދަނޑިވަޅެއްގައި، އެ ޕާޓީގެ ރައީސް މައުމޫން ޕާޓީގެ ކޮމެޓީތައް ސަސްޕެންޑް ކުރެއްވުމުގެ އިތުރުން ޕާޓީގެ ނައިބުރައީސްގެ ބާރުތައް ނަންގަވައި، ޕާޓީ ހިންގުމުގެ ހުރިހާ ބާރެއް އެމަނިކުފާނު ނަންގަވާފައިވަނިކޮށެވެ.
މިކަމާއި ގުޅިގެން ޕީޕީއެމްގެ އެތެރޭގެ ކޯޅުންތައް ބޮޑުވެ، އިއްޔެއިން ފަށައިގެން ރައީސް މައުމޫން ވަނީ އެ ޕާޓީގެ ހުރިހާ ގުނަވަނެއްގެ ހިންގުން ހުއްޓުވާފައެވެ. އަދި ރައީސް މައުމޫން ވަނީ އެމަނިކުފާނަށް ލަފާ ދެއްވާނެ މަޝްވަރާ މަޖިލިހެއްވެސް އުފައްދަވާފައެވެ. އެ މަޖްލީހުގައި އުމަރު ނަސީރުވެސް ހިމެނިވަޑައިގަންނަވައެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުމަރު އިތުރަށް ވިދާޅުވީ ނޫސްތައް ވުޖޫދުގައި އޮތުމަށް އެތައް ބައެއްގެ އެއްބާރުލުން ބޭނުންވާއިރު އެއް ވިޔަފާރިވެރިޔަކަށް ބަރޯސާ ވުމުގެ ބަދަލުގައި ގިނަ ވިޔަފާރިތައް ޝާމިލް ކުރުން މުހިންމު ކަމަށެވެ.
"ހަފުތާ" މަޖައްލާ އެންމެ ފުރަތަމަ ނެރެން ފަށާފައިވަނީ 1970 ވަނަ އަހަރުގައެވެ. ހަފުތާ އޮންލައިން އުފައްދާފައި މިވަނީ ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ތިން ފަރާތެއް ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ