ރައީސް ޔާމީން އައްޑޫ އަށް ވޯޓު ހޯއްދެވުމަށް ވަޑައިނުގަންނަވަން މެމްބަރު އަސްލަމް ގޮވާލައްވައިފި

ރައީސް ޔާމީން ވޯޓު ހޯއްދެވުމަށް އައްޑޫ ސިޓީއަށް ވަޑައިނުގަތުމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ގޮވާލައްވައިފިއެވެ.
ރޭ އައްޑޫ ސިޓީ ފޭދޫގައި ބޭއްވި އެމްޑީޕީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު އަސްލަމް ވިދާޅުވީ، މިސަރުކާރުން އައްޑޫ ސިޓީގެ ތަަރައްގީއަށް އިހުމާލުވެ ތަރައްގީގެ އެއްވެސް މަސައްކަތެއް ނުކުރާހިނދު ވޯޓު ހޯދަން އައްޑޫ ސިޓީއަށް އައިސްގެން ނުވާނެކަމަށެވެ. އަސްލަމްގެ ވާހަކަފުޅުގައި އައްޑޫ ސިޓީގެ މަޝްރޫއުތައް މަޑުޖެހި ލަސްވަމުންދާތީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.
އައްޑޫގެ ތަރައްގީގެ މަސައްކަތަށް ބޭނުންކުރަމުންދިޔަ ބައެއް އުޅަނދުތަކާއި ސާމާނު މާލެ ގެންގޮސްފައިވާތީ އަސްލަމް ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އެގޮތުން އިނގިރޭސީން އައްޑު އަތޮޅު ގަމުގައި ގާއިމްކުރި ވަސީލަތްތައް، ކުރީގެ ރައީސް މައުމޫންގެ ޒައާމަތުގައި މާލެ ގެންގޮސް ނީލަމުގައި ވިއްކި އުސޫލުން މިސަރުކާރުން އަމަލުކުރަމުންދާކަމަށް އަސްލަމް ވިދާޅުވިއެވެ.
މިސަރުކާރުން މަސައްކަތް ކުރަމުންދަނީ އާންމު ރައްޔިތުންނަށް ފައިދާ ވާގޮތަށް ނޫންކަމަށާއި، ރާއްޖޭގެ ތަނަވަސް ކަމާއިމެދު ބޮޑެތި އޮޅުވާލުންތަކެެއް ގެންގުޅޭކަމަށް އަސްލަމް ތުހުމަތުކުރެއްވިއެވެ. އެގޮތުން ގެސްޓް ހައުސްގެ ވިޔަފާރީގެ މަންފާ އާންމު ރައްޔިތުންނަށް ލިބުނަ ނުދިނުމަށް ރައީސް މައުމޫނުގެ ސަރުކާރުންނާއި ރައްޔިތުންގެ މަޖިލިސް ތެރެއިން މަސައްކަތް ކުރިކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމްގެ އިތުރުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމްވެސް ސަރުކާރުން އައްޑޫގެ ތަރައްގީއަށް އިހްމާލުވެފައިވާކަން ފާހަގަކޮށް ސަރުކާރަށް ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކުރެއްވިއެވެ. ރޮޒޭނާގެ ވާހަކައިގައި އައްޑޫ ފޭދޫ ބިންހިއްކަން ބަޖެޓުގަ ޖެހިތާ ދެއަހަރު ވީއިރު މަސައްކަތް ނުފެށި ލަސްވަމުންދާތީ ހައުސިން މިނިސްޓަރ ޑރ. މުއިއްޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ