(ރ. މަޑުއްވަރީ) މިރަށަކީ އާބާދީ ކުޑަ ރަށެއް ނޫނެވެ. އަތޮޅު ފެންވަރުގައި ނަމޫނާ ސިއްހީ މަރުކަޒެއް މިރަށުގައި ހުރިއިރު، އެ ލެވެލް ހިފެހެއްޓުމަށްޓަކައި މި ސިއްހީ މަރުކަޒުގެ ވިޝަން އާއި މިޝަންގައި ހިފަހައްޓައިގެން މަސައްކަތްތައް ކުރެއްވުމުގައި މި ސިއްހީ މަރުކަޒުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.
ދެ ޑޮކްޓަރުންނާއި، 12 ނަރުހުންނާއިއެކު ހިންގަމުންދާ މި ސިއްހީ މަރުކަޒަކީ 24 ގަޑިއިރު ހިދުމަތްދެމުން ގެންދާ ސިއްހީ މަރުކަޒެކެވެ. ބިދޭސީ ހަ ނަރުހުންނާއި ދިވެހި ހަ ނަރުހުން މަސައްކަތްކުރަމުންދާ މި ސިއްހީ މަރުކަޒުން ދެވޭ ހިދުމަތްތަކަށް ބަލާލާއިރު، ތިން ބާވަތެއްގެ ހިދުމަތް ދެމުން ގެންދެއެވެ. އެގޮތުން ޕްރިވެންޓިވް، ޕިޔޯރިޓިވް، ޑައިގްނޯސްޓިވް ހިމެނެއެވެ.
ޕްރިވެންޓިވްގެ ހިދުމަތަށް ބަލާލާއިރު، މައިގަނޑުގޮތެއްގައި ހިމެނެނީ ބަލިތަކުން ދިފާއުވެ ރައްކާތެރިވުމަށްޓަކައި އާންމުންނަށް ދޭން ޖެހޭ މައުލޫމާތުތައް ދިނުމާއި، އެ ބަލިތައް ރައްކާތެރިވުމަށް ހެލްތް ސެންޓަރުގެ ފަރާތުން އަޅަން ޖެހޭ ފިޔަވަޅުތަކާއި އާންމު ރައްޔިތުންގެ ފަރާތުން އަޅަންޖެހޭ ފިޔަވަޅުތަކާއި އޭގެ އިތުރުން ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ރައްކާތެރިވުމުގެ ފިޔަވަޅުތައް ހިމެނެއެވެ. ޕިޔޯރިޓިވް ހިދުމަތްތަކުގެ ތެރޭގައި މި ސިއްހީ މަރުކަޒުން ބަލިމީހުންނަށް ޑޮކްޓަރީ ފަރުވާދިނުމާއި، އޭގެ އިތުރުން ނާރސިން ކެއަރ ފަދަ ހިދުމަތްތައް ހިމެނެއެވެ. އަދި ޑައިގްނޯސްޓިކް ހިދުމަތްތަކުގެ ގޮތުގައި ލެބޯޓްރީގެ ހިދުމަތް ލިބި، އާންމުކޮށް ހަދަން ޖެހޭ ޓެސްޓްތައް ހެދެއެވެ.
މި ސިއްހީ މަރުކަޒުން ދެވޭ ހިދުމަތްތަކުގެ ފެންވަރާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން މި ސިއްހީ މަރުކަޒުގެ ކޮމިޔުނިޓީ ހެލްތް އޮފިސަރ މުހައްމަދު ސާމިއު ވިދާޅުވީ އެހެން މަރުކަޒުތަކާއި އެއްގޮތަށް މި ސިއްހީ މަރުކަޒުން އާންމުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ސާވިސް މެދުނުކެނޑި އަބަދުވެސް ދޭ ކަމަށެވެ. އަދި މިރަށު ސިއްހީ މަރުކަޒުން ދެވޭ ހިދުމަތްތަކާއި ގުޅޭގޮތުން މާބޮޑު ޝަކުވާއެއް ލިބިފައިނުވާކަމަށްވެސް ސާމިއު ވިދާޅުވިއެވެ.
"ނަމަވެސް ބައެއް ކަހަލަ ކުދިކުދި ކަންތައް އެބަހުރި އިމްޕްރޫވް ކުރަން ޖެހޭ". ސާމިއު ވިދާޅުވިއެވެ.
ގިނަ ސިއްހީ މަރުކަޒުތަކަށް ދިމާވެފައިވާ ގޮންޖެހުމަކީ ޖާގައިގެ ދަތިކަމެވެ. އެގޮތުން މި ސިއްހީ މަރުކަޒަށްވެސް އެ މައްސަލަ ވަނީ ކުރިމަތިވެފައެވެ. މިތަނުގައި އިމާރާތް ހެދިފައި މި ވަނީ ބިން އޮތް ވަރަކުންކަމަށް ސާމިއު ފާހަގަކުރިއެވެ.
މިހާ ބިމުގެ ޖާގައިގެ ދަތިކަން ހުރި ސިއްހީ މަރުކަޒެއް ހުދު އަޅުގަނޑަށްވެސް ފެނިފައެއް ނުވެއެވެ. ސާމިއު ވިދާޅުވީ މިތަނުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ގެނައުމުގެ ގޮތުން މިދިޔަ އަހަރު ތެރޭގައި ހެލްތް މިނިސްޓްރީގައި އެވާހަކަދެކެވި، މި އަހަރުގެ ބަޖެޓުގައި ހިމެނުނުކަމަށެވެ. އެހެންނަމަވެސް ފިނޭންސްއަށް ދިޔައިރު، އެކަން ބަޖެޓުން އުނިކޮށްފައިވާކަމަށް ސާމިއު ވިދާޅުވިއެވެ.
"ހެލްތް މިނިސްޓްރީން ވަރަށް ބޮޑު ޕްރިޔޯރިޓީއެއް ދީގެން ހެލްތް މިނިސްޓްރީގެ ދެވަނަ އައިޓަމަކަށް އިނީ މި މަރުކަޒުގެ އައު އިމާރާތެއް އެޅުން". ސާމިއު ވިދާޅުވިއެވެ.
އަދި މިއަހަރުވެސް އަންނަ އަހަރުގެ ބަޖެޓުގެ ތެރޭގައި އެ ހިމެނުމަށް މަސައްކަތް ކުރެވުނުކަމަށް ސާމިއު ފާހަގަކުރިއެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓް ނިންމާ ފިނޭންސްއަށް ފޮނުވިއިރު، ބަޖެޓްގައި ހިމެނިފައިވާކަމަށް ސާމިއު ފާހަގަކުރިއެވެ.
"އިރާދަކުރެއްވިއްޔާ ކައިރި މުސްތަގްބަލެއްގެ ތެރޭގަ މި މަރުކަޒުގެ އާ އިމާރާތެއް އެޅިގެން ދިޔުން އުންމީދަކީ. އަޅުގަނޑުމެންނަށް ބިންވެސް މި ވަނީ ލިބިފަ.". ސާމިއު ވިދާޅުވިއެވެ.
މި ސިއްހީ މަރުކަޒުގެ ޖާގަ ކުޑަވުމުގެ ސަބަބުން ސާވިސް އޭރިޔާ ކުޑަކަމަށް ފާހަގަކުރެވެއެވެ. އޯޕީޑީއަށް ބަލާލިކަމުގައި ވިޔަސް، ބަލިމީހުން ތިބޭނެ ތަންކޮޅު ފެންނަނީ ވަރަށް ކުޑަކޮށެވެ. ބައެއް ފަހަރު އެތަން ފުރި ބޭރުގައި މީހުން ތިބޭ ހާލަތަށްވެސް ދާކަމަށް މިރަށުގެ ރައްޔިތުންވެސް ފާހަގަކުރެއެވެ.
"ނުވަ ވަރަކަށް ޕޭޝަންޓުންނަށް ގާތްގަނޑަކަށް އެތާ ކޭޓަރ ކުރެވެން އޮތީ". ސާމިއު ވިދާޅުވިއެވެ.
މި ސިއްހީ މަރުކަޒުގައި ހުންނަނީ ދެ ވޯޑެވެ. ވޯޑްގެވެސް ޖާގަކުޑަވުމުގެ ސަބަބުން އެއް ރޫމެއްގައި އެކި ވައްތަރުގެ ބަލި މީހުން އެދުމަތި ކުރެއެވެ. އަދި ކޮންސަލްޓޭޝަންގެ ރޫމްވެސް ޖާގައިގެ ދަތިކަމުގެ ސަބަބުން ކުޑައެވެ. އޭގެ އިތުރަށް ތަނުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ސްޓޯރ ރޫމެއް ނީންނަކަމަށް ސާމިއު ވިދާޅުވިއެވެ.
މި ސިއްހީ މަރުކަޒުގައި 12 އެދު ހުރެއެވެ. އެހެންނަމަވެސް މިވަގުތު ތަނުގެ ޖާގަ ނެތުމުގެ ސަބަބުން އެއް ވޯޑްގައި ހުންނަނީ ހަތަރު އެދެއެވެ. އަދި އަނެއް ވޯޑްގައި ހުންނަނީ ތިން އެދެވެ.
މިރަށުގެ އާބާދީއަށް ބަލާފަ މިތަނުން ދެވޭ ހިދުމަތަކީ ނަމޫނާ ހިދުމަތެއްކަމަށް މި ސިއްހީ މަރުކަޒުން ގަބޫލުކުރެއެވެ. ބައެއް ފަހަރު މިރަށުން އެހެން ރަށްރަށަށް ތަކެތި ފޯރުކޮށްދޭންޖެހޭކަމަށްވެސް މި ސިއްހީ މަރުކަޒުން ފާހަގަކުރެއެވެ.
މިރަށުގެ ސިއްހީ މަރުކަޒުން ވިހެއުމުގެ ހިދުމަތް ލިބެއެވެ. އެހެން ނަމަވެސް އެ މަސައްކަތްކުރެއްވުމަށް ބައެއް ކަހަލަ ތަކެތި ނުލިބޭކަމަށް މި ސިއްހީ މަރުކަޒުން ފާހަގަކުރެއެވެ.
މިރަށު ރައްޔިތުން ބުނީ ސީއެމްބިއުލާންސްގެ ހިދުމަތް މި ސިއްހީ މަރުކަޒަށްވެސް ލިބުނުކަމުގައި ވިޔަސް، އެ ޕްރޮސެސް ބައެއް ފަހަރު ލަސްވެގެން ދާކަމަށެވެ. އެކަމުގެ ސަބަބުން އެންމެ އެދެވޭ ގޮތެއްގައި އެ ހިދުމަތް ނުލިބޭކަމަށްވެސް ރައްޔިތުން ފާހަގަކުރެއެވެ.
ސާމިއު އިތުރަށް ވިދާޅުވީ މި ސިއްހީ މަރުކަޒުގައި އޮންނަ އެމްބިޔުލާންސްއިން 20 ރުފިޔާ ޗާޖެއް ނަގާތީ އެކަމާ ޝަކުވާކުރާކަމަށެވެ.
"އެކަމަކީ މިނިސްޓްރީގެ ޕޮލިސީގެ ދަށުން އޮންނަ ކަމެއް." ސާމިއު ވިދާޅުވިއެވެ.
މި ސިއްހީ މަރުކަޒަށް އަތޮޅު ހޮސްޕިޓަލުން ވަރަށް ފުރިހަމަ އެއްބާރުލުން ލިބޭކަމަށް ސާމިއު ފާހަގަކުރިއެވެ. އިތުރު ހިދުމަތްތަކެއް ތައާރަފްކުރެވިފައި ނުވި ނަމަވެސް އަލަށް އިމާރަތް ކުރުމަށްޓަކައި ބަޖެޓްގައި ހިމެނުމުގެ މަސައްކަތްކުރައްވަމުން ގެންދާ ސިއްހީ މަރުކަޒާއެކު އިތުރު ހިދުމަތްތަކެއް ލިބޭނެކަމަށް މިރަށުގެ ރައްޔިތުން އުއްމީދުކުރެއެވެ. އަދި މިހާރު މި ސިއްހީ މަރުކަޒަށް ކުރިމަތިވެފައިވާ ޖާގައިގެ މައްސަލައަށް ހައްލެއް އަންނާނެކަމަށް ގަބޫލުކުރެވެއެވެ.
"ވަގުތު" އިން ރ. އަތޮޅަށް ކުރި "ހޭރިޔާ" ދަތުރުގެ މެއިން ސްޕޮންސަރ އަކީ މޯލްޑިވް ގޭސް އެވެ.
މަޑުއްވަރީގެ ރައްޔިތުން ތިބީ، އާ ސިއްޙީ މަރުކަޒެއް އެޅި ޚިދުމަތް ފުޅާވާނެ ދުވަހެއްގެ އިންތިޒާރުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ