އެނބުރޭ ވަހުތާން (10)

(30 ޖުލައި 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އެއް މަސް ދުވަސް ފާއިތު ވެގެން ހިނގައްޖެއެވެ. ނަވީންގެ ބިއުޓީ ޕާލަރ ހުޅުވި ދުވަހުން ފެށިގެން ވެސް ރަނގަޅަށް ހިނގައެވެ. އެއް ދުވަހަކު ނަވީން ބިއުޓީ ޕާލަރުގެ މަސައްކަތް ނިމިގެން ނުކުންނަން ސިޑިއާ ހަމައަށް އައި ތަނާ ސިޑީގެ އެންމެ ތިރީ ހަރުފަތުގައި ބޮޑުބޭބެ އިރުޝާދު ހުއްޓާ ފެނިއްޖެއެވެ. ހަމަ ފެނުމާ އެކު އޭނާ ހުރީ ބޮއިގެން އަމަލު ވެފައި ކަން ނަވީން އަށް އެނގިއްޖެއެވެ.
"އިރުޝާދު- މި ތާނގައި ކީއް ކުރަނީ-؟" ނަވީން މަޑުމައިތިރި ކަމާއެކު އަހައިލިއެވެ.
އިރުޝާދު އޭނާއާ ދިމާއަށް ޕާރުސަލެއް ދިއް ކޮށްލިއެވެ. "ހިނގާ މައްޗަށް- އޭރުން ބުނާނަން-"
"މިތާނގައި ހުރެގެންވެސް ބުނެވިދާނެ- ބުނޭ"
"މި ތާނގައި ހުރެގެން ކިހިނެއް..؟"
"އެންމެ ރަނގަޅު- އަހަރެން މިހިރީ ވަރުބަލި ވެފައި- އެހެންވީމާ ކަލޭގެ ހާސަރު އަޑު އަހަން ހުރެވޭކަށް ވެސް ނެތް- ދެން ދޭ-"
"ނަވީން... އެހައި ގާތް ކޮށް އުޅެފައި ކުއްލިއަކަށް އަހަރެން ތިޔަހައި ދުރު ކޮށްލެވޭނީ ކިހިނެއް-؟ އަހަރެންނަށް ކަލެޔާ ނުލައެއް ނޫޅެވޭނެ-"
ނަވީން އެއްވެސް ޖަވާބެއް ނުދީ ފައިބާން ހިނގައިގެންފިއެވެ. އިރުޝާދު އޭނާގެ ކޮނޑުގައި އެއް އަތުން ހިފައި ދަމައި ގަތެވެ. ނަވީން ނުވެއްޓި ސަލާމަތް ވީ ކިރިޔާއެވެ. އެ ވަގުތު ބާރު ގަދަ އަތަކުން މުސްކުޅި އިރުޝާދު ކޮއްޕައި އެއް ފަރާތް ކޮށްލިއެވެ. "އޭތް މުސްކުޅިޔާ- ތިޔަ އުމުރުގައި ތިޔަހެން އުޅޭކަށް ލަދެއް ނުގަނޭތަ-؟" ކޮންމެވެސް މީހަކު ހަރުކަށި ރާގަކަށް ބުނެލިއެވެ.
އިރުޝާދު އެނބުރި ބަލައިލިއެވެ. އެ ދޭތެރެ އަށް ވަން މީހާގެ މޫނުމައްޗަށް ޙައިރާން ކަމުގެ އަސަރު ވެރި ވެގަން ދިޔައެވެ. "އަނހާނ- ނަވީންތަ؟ ކިހިނެއް ވެގެން މި އުޅެނީ-؟" އޭނާ މާނަ އިން ފުރިފައިވާ ގޮތަކަށް އަހައިލިއެވެ.
ނަވީން އަކީ ކާކުކަން އޭނާ ދަނެއެވެ. ކްލަބުން ދެތިން ފަހަރަކު ދިމާވެ ސަލާން ގޮވައިވެސް ލެވުނެވެ. މި އިމާރާތުގައި އޭނާގެ ފިހާރައެއް ހުރެއެވެ. "އެއްވެސް ކަމެއް ނުވޭ ނަވީދް- ބޮޑުބޭބެ ގެއަށް ދަނީ-" އޭނާ ފަރުވާ ކުޑަ ގޮތަކަށް ބުނެލިއެވެ.
"ނަވީން- ހެޔޮ ނުވާނެ- އަހަރެންގެ އަގު ތިޔަ ގޮތަށް ވައްޓައިނުލާ-" ނަވީދް ހުރި ކަމުގެ އިޙްސާސެއް އިރުޝާދަކަށް ނުކުރެވެއެވެ. އޭނާ އަނެއްކާ ވެސް ނަވީން އާ ދިމާއަށް އަތް ދިއް ކޮށްލިއެވެ.
ނަވީން އަތް ފޮޅުވައިލިއެވެ. "ގެއަށް ދޭ- ބޮޑުބޭބޭ- ތިޔަހައި ގިނައިން ބޯކަށް ނުވާނެ-"
ނަވީދް ޙައިރާން ވެފައި މި ކުޅިގަނޑު ބަލަން ހުއްޓެވެ. "އެއީ ތެދެއް- ދެން ގެއަށް ދޭ-" އޭނާ ބުންޏެވެ.
"އޭތް- ކަލެޔާ ނުބެހޭ ކަންތައްތަކުގެ ތެރެއަށް ވަންނަން ނޫޅޭ-" އިރުޝާދު ކަޅި އަޅައިލިއެވެ. "އަހަރެން މި ވާހަކަ ދައްކަނީ ކަލެޔަކާ ނޫން- މީނާޔާ-"
ނަވީން އަނެއްކާ ވެސް ފައިބާން ހިނގައިގަތެވެ. އިރުޝާދު ހުރަސް އަޅަން އުޅުނެވެ. އެހެން ނަމަވެސް ނަވީދް ދެމެދަށް ވަދެއްޖެ އެވެ. "އޭނާ ކަލެޔާ ވާހަކަ ދައްކާކަށް ބޭނުމެއް ނޫން- އެހެންވީމާ ރަނގަޅަށް ޞުލްޙައިގައި މި ތަނުންދޭ-"
އިރުޝާދު ވޭނުން ފުރިފައިވާ އާހެއް ލިއެވެ. އޭނާ ފެންނަނީ ވަރުބަލިވެ ހަދާނެ ގޮތް ހުސްވެފައިވާ މީހެއްގެ ގޮތުގައެވެ. ކުރާނޭ އެއްވެސް ކަމެއް ނެތުމާއެކީ އޭނާ އެނބުރި ދާން ހިނގައިގެންފިއެވެ. ނަވީން ކުރިއަށް ހިނގައިގަތް ތަނާ ނަވީދްގެ އަޑު އިވިފައި އެނބުރި ބަލައިލިއެވެ.
"މިއީ ނަވީންގެ ޕާރުސަލެއްތޯ-؟" ފުރޭތަ ގެނައި ޕާރުސަލު ނަވީދްގެ އަތުގައި އޮތެވެ.
"ނޫން- އަޅުގަނޑުގެ އެއްޗެއް ނޫން-"
"ތިޔަ ހެން ނުހައްދަވާ- މިއީ މުސްކުޅިޔާ ނުލާހިކު ލޯބިން ނަވީން އަށް ދޭން ގެނައި އެއްޗެއް-" ނަވީދް ސިޑިން އަރައިގެން ނަވީން އާ ހަމައަށް އަތުވެއްޖެއެވެ. "މި ގެންދަވާ-"
"އެންމެ ރަނގަޅު-" ނަވީން ޕާރުސަލު އަތުލަން އަތް ދިއްކޮށްލިއެވެ.
ނަވީދް ޕާރުސަލެއް ނުދިނެވެ. "މިއީ ޙައިރާން ވާ ކަހަލަ ކަމެއް- އެއީ ނަވީންގެ ބޮޑުބޭބެތޯ-؟"
ނަވީން އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލިއެވެ.
ނަވީދް ހީނގެންފިއެވެ. "އެކަމަކު އުޅުނު ގޮތުން ހީވަނީ ލޯބިވެރިއެއް ހެން-"
"އަމަލު ވެފައި ހުންނަ އިރު ކުރެވޭ ނުކުރެވޭ ކަމެއް އޭނާ އަށް ނޭނގެނީ-"
"ތިޔަ ބަހަނާ ދައްކާނީ ކިތައް މީހުންނަށް-؟" ނަވީދްގެ ވާހަކަ އާދައިގެ ބަހުރުވަ އަށް ބަދަލު ވެއްޖެއެވެ. އަޑުގައި ވަނީ ބިރު ގެންނެވުމުގެ އަސަރެވެ. "މީހަކަށް މި ކަން އެނގިއްޖެއްޔާ ވާހަކަ ބޮޑު ކޮށްލުމަކީ މާ އުނދަގޫ ކަމަކަށް ނުވާނެ- މީހުން ތިބެނީ އަޑެއް ނީވިގެން-"
ނަވީން ފަރުވާލެއް ނެތޭ ބުނާ ގޮތަށް ދެ ކޮނޑު ހިއްލައިލާފައި އަނެއްކާވެސް ކުރިއަށް ހިނގައިގެންފިއެވެ. ޕާރުސަލުގެ މަތިން ގަސްތުގައި ހަނދާން ނައްތައިލާފައެވެ.
"ކަލޭގެ ވާހަކަ ގޮތް ގޮތަށް ދެއްކުމަކީ ކަލޭ އެދޭނޭ ގޮތެއް ނޫން ކަން ޔަޤީން- އެ ކަމުން ވިޔަފާރި އަށް ނުބައި އަސަރު ކުރާނެ-"
 ނަވީން ހުއްޓިއްޖެއެވެ.
"އަހަރެން މައްޗަށް ދަންތަ-؟"
ސިޑީގެ މައްޗަށް ވެރިވެފައި އޮތް ފަނޑު އަލީގެ ތެރޭގައި އެކަކު އަނެކަކާ ދިމާއަށް ބަލައިލިއެވެ. އެކަކު އަނެކެއްގެ އަގު ވަޒަން ކުރަނީކަން ނޭނގެއެވެ.
 ނަވީން ފަރުވާ ކުޑަ ގޮތަކަށް ބުންޏެވެ. "އަހަންނަށް ވަރިހަމަ-" ބްލެކް މެއިލް ކުރުމަކީ ވަރަށް ފަސޭހަ ކަމެކެވެ. އެހެންނަމަވެސް ބްލެކް މެއިލް ވުމުގައި އެކުލެވޭ އަސަރު އޭނާއަށް އިޙްޞާސް ކުރެވުނީ މިއަދުއެވެ.
އޭގެ ފަހުން ނަވީދް އާ ނަވީން ބައްދަލު ވީ ޑްރީމް ކްލަބުންނެވެ. އޭނާ އިން މޭޒު ދޮށުގައި އިތުރު ދެ ފިރިހެނުންނާއި ތިން އަންހެނުން ތިއްބެވެ. އޭނާގެ މޫނު މަތިން އެއްވެސް ކަހަލަ ޖެހިލުން ވުމެއް ގެ އަސަރު ނުދައްކައި ވޭތޯ ނަވީން މަސައްކަތް ކުރިއެވެ. އޭނާ ކައުންޓަރު ކައިރިއަށް ގޮސް ޖޫސް ތަށްޓެއް އަތުލައިގެން ބޯން ފަށައިފިއެވެ. އަދި މިއުޒިކް ގްރޫޕްގެ މީހުންނާ ދިމާއަށް ބަލަން ފަށައިފިއެވެ. ސެކްސޮފޯން ކުޅެން ހުރީ ބޮލުން އިސްތަށި ވެރި ހުސްވެފައި ހުރި މީހެކެވެ. އެންމެ ވައްތަރީ ބޮޑު ފުރޭތަޔާއެވެ. ބެރު ޖަހާ މީހާ އަކީ ޅަ މީހެކެވެ. އިސްތަށިގަނޑު ވަރަށް ދިގެވެ. ޕިޔާނާ ކުޅެން ހުރިީ ގްރޫޕްގެ އިސްމީހާއެވެ. އޭނާގެ ނަން ނަވީން އަށް އެނގެއެވެ. އެއީ ރޫފީއެވެ. ނަވީންގެ ނަޒަރު އޭނާގެ މައްޗަށް ހުއްޓިއްޖެއެވެ. ރޫފީ އަށް އޭނާ ބަލަމުންދާ ކަން އެނގިއްޖެއެވެ. އޭނާ އާ ދިމާއަށް ބަލައިލާފައި ހިތް ހެޔޮ ކަމާއެކު ހިނިތުން ވެލިއެވެ. ނަވީން އެ ހިނިތުންވުމުގެ ޖަވާބު ނުދީ ގިޓާ ޖަހާ މީހާއާ ދިމާއަށް ބަލަން ފަށައިފިއެވެ. އެއީ ވަރަށް އަސަރު ގަދަ، ފިރިހެންވަންތަ ގޮތް ހުރި މީހެކެވެ. މި ފަހަރު ހިނިތުން ވެލީ ނަވީންއެވެ. އެހެން ނަމަވެސް ގިޓާ ޖަހާ މީހާގެ ފަރާތުން ރައްދު ހިނިތުން ވުމެއް ނުލިބުނެވެ. އެއީ ނަޞީރުކަން ނަވީން އަށް އެނގެއެވެ. ޝަބާނާގެ ލޯބިވެރިޔާއެވެ. ނަވީންގެ ހިތުގައި ޝަބާނާގެ މައްޗަށް ރަޙުމް އުފެދުނެވެ. އޭނާ މި ހިތްގައިމު ފިރިހެނާ ދޫ ކޮށްލާފައި ދުވަމުން ދަނީ އެ ފީކަޅާ އިޤްބާލުގެ ފަހަތުންނެވެ.
ކުއްލިއަކަށް ނަޞީރުގެ ނަޒަރު ވަކި ދިމާއަކަށް ހުއްޓިއްޖެއެވެ. އޭނާގެ ލޮލުން ވިދުވަރެއް ފާޅުވިއެވެ. ނަވީން އެނބުރި ނަޞީރުގެ ނަޒަރު ހުއްޓިފައިވާ ދިމާއަށް ބަލައިލިއެވެ. އޭރު ޝަބާނާއާއި، ފަރުޒާނާއާ ދެ މީހުން ހޯލަށް ވަންނަނީއެވެ. އެ މީހުންގެ ފަހަތުން އިޤްބާލް އަޙްމަދު ވެސް ވަނެވެ.
ނުވަގަޑި ބައި ވީ ތަނާ ނެށުން ފެށިއްޖެއެވެ. މިއުޒިކް ގްރޫޕް އެންމެ ފަހުގެ ރާގު ކުޅުނީ ބާރަގަޑި ބައިގައެވެ. އޭރު ޝަބާނާ ނަށަމުން ދިޔައީ އިޤްބާލާ އެކީގައެވެ. ނަވީން އިނީ ކައުންޓަރުގެ ކައިރީގައި އިށީނދެގެންނެވެ. ކުއްލިއަކަށް ނަވީދް އޭނާ އަށް ގޮވައިލިއެވެ. ނަވީން ބަލައިލާފައި ނުދެނަހުރި ކަމަށް ހަދައިލިއެވެ. ނަވީދް ވަރަށް ބާރަށް ހީނގަތެވެ.
މިއުޒިކް ނިމުމާއެކު މީހުން ނުކުންނަން ފަށައިފިއެވެ. ނަވީދްގެ ރައްޓެހިންނާ އެކީ ތިބި ތިން އަންހެން ކުދިންވެސް ހިނގައްޖެއެވެ. އެކަމަކު ނަވީދާއި އޭނާގެ ރައްޓެހިން އަދިވެސް ތިބީއެވެ. ނަވީން އެކި ދިމަދިމާއަށް ނަޒަރު ހިންގަ ހިންގާ އިނީއެވެ. ޝަބާނާ މިއުޒިކް ގްރޫޕާ ދިމާއަށް ދާތަން އޭނާއަށް ފެނެއެވެ. "ނަޞީރު- އަހަރެން ގެއަށް ލައި ދީފާނަންތަ-؟" ޝަބާނާ އަހައިލި އަޑު އިވުނެވެ.
ނަޞީރު ހިނިއައިސްފައި ހުރެގެން ޝަބާނާއާ ދިމާއަށް ބަލައިލިއެވެ. "ކިހިނެއްވީ..؟ އެއްކަލަ އަޚްލާޤް ރަނގަޅު ތަހުޒީބް މަހުޖަނު ކޮބާ-؟"
"މަހުޖަނު ދިޔައީ ރީތި އަންހެން ކުއްޖަކު ގެއަށް ލައިދޭން-"
(ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ