އަމިއްލައަށް އިސްނަގައިގެން ކަންކުރާ މީހަކަށް ވާންޖެހޭ: ހޯމް މިނިސްޓަރ އިމްރާން އަބްދުالله

އަމިއްލައަށް އިސްނަގައިގެން ކަންކުރާ މީހަކަށް ވުމަށް ޒުވާނުންނަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުالله އިލްތިމާސްކުރައްވައިފިއެވެ.
އެމަނިކުފާން މިކަމަށް އިލްތިމާސްކުރެއްވީ ހޯމް މިނިސްޓްރީގެ ޔޫތް ލީޑާރސް ނެޓްވޯކުން ށ.އަތޮޅުގައި ބޭއްވި ޔޫތް ލީޑާރސް ފޯރަމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ށ.އަތޮޅުގެ 13 ރަށަކުން ބައިވެރިވި ސަތޭކައަށްވުރެ ގިނަ ޒުވާނުންނާ މުހާތަބުކުރައްވާ މިނިސްޓަރ ވިދާޅުވީ ކުރިއަށް ދިއުމުގައި އެންމެ މުހިއްމުކަމަކީ އެހެން މީހަކު ކުރޭތޯ ބަލަން ނުހުރެ, އަމިއްލައަށް އިސްނަގައިގެން ކަންކަން ކުރުންކަމަށެވެ.
ކަންކަން ކުރި މީހުންނަށް ޝުކުރު އަދާކޮށް, އެމީހުންނަށް ހެޔޮ ދުއާކުރުމަށްފަހު ނުކޮށް ދޫކޮށްލެވިފައި ހުރި ކަންކަން ކުރުމަށް އިސްނެގުމަކީ ލީޑަރުންގެ ސިފައެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ހަމައެއާއެކު މިނިސްޓަރ ވިދާޅުވީ އެހެން މީހަކު ކަނޑައެޅިގެން ނުބައިކޮށް, ގޯސްކޮށް ކަމެއް ކުރާނަމަ ވެވުނު ގޮތަކުން އޭނަ ދުރުކޮށް, އެކަން ތިމާ އަމިއްލައަށް ކުރަންވާނެ ކަމަށެވެ. އެއީވެސް ލީޑަރުންގެ ސިފައެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އިމްރާން ޢަބްދުالله ވިދާޅުވީ އެންމެ ބުއްދިވެރި މީހަކީ ލިބޭ ގިނަ މައުލޫމާތުތަކުގެ ތެރެއިން އެންމެ މުހިއްމު ވާހަކަތަކަށް ވިސްނާ, ސަމާލުކަން ދީގެން އަމަލުކުރާ މީހާކަމަށެވެ. މިދިޔަ ތިން ދުވަހު ފޯރަމްގެ ބައިވެރިންނަށް ގިނަ މައުލޫމާތުތަކެއް ލިބުނުކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ރަނގަޅު ފެސިލިޓޭޓަރުންނާއެކު ފޯރުކޮށްދެވުނު މައުލޫމާތުގެ ފައިދާ ކުރާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.
ފޯރަމްގައި ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދެއްކެވި ދެ ބައިވެރިންވެސް ފާހަގަކުރެއްވީ މިއީ ކާމިޔާބު ފޯރަމެއްކަމެވެ. އަދި ލިބުނު މައުލޫމާތުގެ އަލީގައި އެނބުރި ރަށަށްގޮސް އަމަލީ ގޮތުން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދިނެވެ.
ފޯރަމްގެ ބައިވެރިން މަސައްކަތްކުރާނީ ލީޑަރުންގެ ގޮތުގައި އިސްނަގައިގެން މަސައްކަތްކޮށް ރަށުގެ ހާލަތު ރަނގަޅުކޮށް ކުރިއެރުވުމަށްކަން ބައިވެރިން ފާހަގަކުރިއެވެ.
ށ.އަތޮޅަށް އަމާޒުކުރި ފޯރަމް މިމަހުގެ 19-21 އަށް ކުރިއަށްގެންދިޔައީ މިލަންދޫގައެވެ. ފޯރަމް ކުރިއަށްގެންދިއުމުގައި މިލަންދޫ ކައުންސިލާއި, މިލަންދޫ ރައްޔިތުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބުނެވެ. އަތޮޅުގެ 13 ރަށަކުން ފޯރަމްގައި ޒުވާނުން ބައިވެރިވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ