އައްޑޫސިޓީގައި ފެށުމަށް ހަމަޖެހިފައިވާ ބިން ހިއްކުމުގެ މަޝްރޫއު ހުއްޓުވައި ދިނުމަށް އެދި އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލަ ސ. މީދޫ މެޖިސްޓްރޭޓް ކޯޓުން ބަލައިގެންފިއެވެ.
ޕްލޭނިން މިނިސްޓްރީއާ ދެކޮޅަށް އެ މައްސަލަ ކޯޓަށް ހުށަހެޅީ ސ. މީދޫ، މުރިގު، އަބްދުﷲ ނުޒައިރުއެވެ.
އެ މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ ބިން ހިއްކުމުގެ ޕްރޮޖެކްޓް ޕްލޭންކޮށްފައިވާ ގޮތަށް އައްޑޫގެ އެތެރެވަރިން ވެލިނައިގެން އެ މަސައްކަތް ކުރިއަށް ގެންގޮސްފި ނަމަ އެކަމުގެ ސަބަބުން އިއާދަ ވެސް ނުކުރެވޭ ވަރުގެ ގެއްލުންތަކެއް އާންމުން ރައްޔިތުންނާއި ތިމާވެއްޓާއި އަދި އަންނަ އޮތް ޖީލުތަކަށް ކުރާނެ ކަން ދިރާސާއިން ހަމާވެފައި ވާތީ ކަމަށް ބުނެއެވެ.
އަދި އެ މަޝްރޫއު އަކީ ގާނޫނާ ހިލާފަށް ކުރިއަށް ގެންދާ ގެއްލުން ބޮޑު ކަމަކަށް ވާނެތީ އާންމު މަސްލަހަތު ހިމާޔަތްކޮށް، ތިމާވެށި ހިމާޔަތްކުރުމުގެ ގޮތުން އެ މައްސަލަ ހުށަހެޅީ ކަމަށެވެ.
މީދޫ ކޯޓުން އެ މައްސަލަ ބަލައިގަތްއިރު، އެ މަޝްރޫއުގެ ސަބަބުން އައްޑޫ އަތޮޅުގެ ތިމާވެއްޓަށް އިޔާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް އީއައިއޭ ރިޕޯޓުން ފާހަގަވެފައި ވާތީ އެ މަސައްކަތް ހުއްޓާލުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި ތިމާވެށީގެ ހައްގުގައި އަޑުއުފުލާ ބައެއް ޖަމިއްޔާތަކުން ވެސް ވަނީ ގޮވާލައިފައެވެ.
އެ މަޝްރޫއު އަށް 6.9 މިލިއަން ކޮޑި މީޓަރުގެ ވެލި ބޭނުންވާ އިރު، މިކަމަށް ބޭނުންވާ ވެލި ނަގަނީ އައްޑޫގެ އެތެރެވަރީގެ ދެ ސަރަހައްދަކުންނެވެ. އެއީ މުޅި އެތެރެވަރީގެ 42 ޕަސެންޓް ސަރަހައްދަކަށް ވުމުން، އޭގެ ސަބަބުން އައްޑޫ އަތޮޅު ތިމާވެއްޓަށް އިޔާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ޖަމިއްޔާތަކުން ބުނެފައިވެއެވެ.
އިންޑިއާ ސަރުކާރުގެ އެހީގައި ހިންގަން ނިންމާފައިވާ ބިންހިއްކުމުގެ މަޝްރޫގެ ދަށުން އައްޑޫން ގާތްގަނޑަކަށް 236 ހެކްޓަރުގެ ބިން ހިއްކަން ހަމަޖެހިފައިވެއެވެ.
އިންޑިއާ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން އައްޑޫގައި ހިންގާ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން ހިތަދޫގެ ޒޯން 1 އިން 50 ހެކްޓަރ، ޒޯން 2 އިން 40 ހެކްޓަރ، ހުޅުދޫ މީދޫން 38 ހެކްޓަރ، މަރަދޫ، މަރަދޫފޭދޫން 75 ހެކްޓަރ އަދި ރިސޯޓުތައް ތަރައްގީ ކުރުމަށް 25 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ.
އައްޑޫގެ ބިން ހިއްކުން ހުއްޓުވަން އެދުނު މައްސަލަ މީދޫ ކޯޓުން ބަލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ