ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދާއި މެދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފިޔަވަޅު އަޅާފައިވަނީ ޖޭއެސްސީގެ ގާނޫނާއި ހިލާފަށް ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުމަށް ތާއީދުކުރާ ކަމަށާއި އެހެންކަމުން އަބްދުﷲ ގާޒީއާ މެދު ފިޔަވަޅު އެޅުމަށް ނިންމި ނިންމުން ބާތިލް ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.
ޖޭއެސްސީން އަބްދުﷲ ގާޒީ އާއި މެދު ފިޔަވަޅު އަޅާފައިވަނީ 2009 ވަނަ އަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ރޭ 8:00 ޖެހިއިރު ދިޓީވީގެ ޚަބަރުގައި "ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއި މުހައްމަދު ނަޝީދުގެ ކެބިނެޓުން މިހާރު ކުރަމުންދާ ކަންތައްތަކަކީ ސަރުކާރެއް ނޭވާހޮޅިއަށް އެޅިގެން އުޅޭއިރު ކުރައްވާނެ ކަންތައްތަކެއް ކަމުގައި ޖިނާއީ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެ" މިގޮތަށް ޚަބަރުގައި ބުނެފައި ވާތީ އެވެ.
މި މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ޖޭއެސްސީން އެ ނިންމުން ނިންމިއިރު ތަހުގީގު ކޮމެޓީން ރިއާޔަތްކުރި ހެކީންގެ ބަޔާންތަކަށް ބަލާއިރު އެއިން އެއްވެސް ބަޔާނަކުން ދިޓީވީގެ ޚަބަރުގައި ކިޔާފައިވާ އިބާރާތް އަބްދުﷲ ގާޒީ ވިދާޅުވިކަމަށް އެނގެން ނެތްކަމަށެވެ.
ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ ފަނޑިޔާރުންނާ ގުޅޭގޮތުން ހުށަހަޅާ މައްސަލަތައް ބެލުމަށް ވަކި އިޖްރާއަތުތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގައި ކަނޑައަޅާފައި އޮންނަ ކަމަށާއި ނަމަވެސް އަބްދުﷲ ގާޒީގެ މައްޗަށް އެ މައްސަލަ ސާބިތުވާ ކަމަށް އެ ކޮމިޝަނުން ނިންމީ އޭނާއަށް ލިބެންޖެހޭ ހައްގުތަކާއި ފުރުސަތުތައް ނުދީ ކަމަށެވެ.
އަބްދުﷲ ގާޒީއާ މެދު ފިޔަވަޅު އެޅުމަށް ނިންމި ނިންމުން ބާތިލް - ހައި ކޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ